އިނގިރޭސި ޕްރިމިއާ ލީގުގައި އިނގިރޭސި ފޯވަޑް ހެރީ ކޭން ޖެހި ލަނޑުން ލިވަޕޫލް އަތުން ޓޮޓެންހަމް ހޮޓްސްޕާ ސަލާމަތްވެއްޖެ އެވެ.

ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ރޭ ލިވަޕޫލާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ.

އެ މެޗުގައި ލަނޑުޖަހާނެ ފުރަތަމަ ފުރުސަތު ލިބިގެންދިޔައީ ޓޮޓެންހަމަށެވެ. މެޗުގެ ހަތް ވަނަ މިނެޓުގައި ޑެނީ ރޯސް ދިން ބޯޅައަކުން ކްރިސްޓިއަން އެރިކްސަން އުފެއްދި ހަމަލާ، ލިވަޕޫލްގެ ގޯލްކީޕަރު ސިމޮން މިގްނޮލޭ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފަ އެވެ.

އޭގެ މާގިނައިރުތަކެއް ނުވަނީސް ލިވަޕޫލަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައިވެ އެވެ. އެ މެޗުގެ ނުވަ ވަނަ މިނެޓްގައި އެޑަމް ލަލާނާ ދިން ބޯޅައިން ލިވަޕޫލްގެ ބްރެޒިލް މިޑްފީލްޑަރު ފިލިޕޭ ކޯޓީނިއޯ ނުރައްކާކުރުމުގެ ކުރިން ޓޮޓެންހަމްގެ ޑިފެންޑަރުން ވަނީ އެ ބޯޅަ ހޯދައިފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާއި ޓޮޓެންހަމް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން އެއްވަރުވެގެން -- ފޮޓޯ: އޭޕީ

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ދިހަ މިނެޓަށް ވެފައިވަނިކޮށް، ލިވަޕޫލްއަށް ލަނޑުޖަހާނެ ދެ ފުރުސަތެއް ލިބިގެންދިޔަ އެވެ. މެޗުގެ 35 ވަނަ މިނެޓުގައި ޑެނިއެލް ސްޓަރިޖް އަދި 37 ވަނަ މިނެޓުގައި ލަލާނާ އަށް ލިބުނު ފުރުސަތުތައް ޓޮޓެންހަމްގެ ފްރާންސް ގޯލްކީޕަރު ހޫގޯ ލޮރިސް ވަނީ މަތަކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

އެ މެޗުގެ 51 ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފަ އެވެ. ސްޓަރިޖް ދިން ބޯޅައަކުން ޓޮޓެންހަމަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ކޯޓީނިއޯ އެވެ. އޭނާ އުފެއްދި ހަމަލާ އަމާޒުވީ ޓޮޓެންހަމް ގޯލުގެ ތިރީ ކަނަށެވެ.

މެޗުގެ 63 ވަނަ މިނެޓުގައި ޓޮޓެންހަމުން ވަނީ ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. އެރިކްސަން ދިން ބޯޅައަކުން ޓޮޓެންހަމަށް ނަތީޖާ ހަމަހަމަކޮށްދިނީ ހެރީ ކޭން އެވެ. ޓޮޓެންހަމުން ނަތީޖާ ހަމަހަމަކުރުމުގެ ކުރިން ލިވަޕޫލަށް ލީޑު ފުޅާކޮށްލުމަށް ފުރުސަތެއް ލިބިގެންދިޔަ އެވެ. ނަމަވެސް ކޯޓީނިއޯ އުފެއްދި ހަމަލާ ދިޔައީ ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާއި ޓޮޓެންހަމް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން އެއްވަރުވެގެން -- ފޮޓޯ: އޭޕީ

އެ މެޗު ނިމެން ދަނިކޮށް، ލިވަޕޫލް އަދިި ޓޮޓެންހަމަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. މެޗުގެ 86 ވަނަ މިނެޓުގައި ލިވަޕޫލުގެ ކޯޓީނިއޯ އުފެއްދި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ. އަދި ދެވަނަ ހާފްގެ އިތުރު ވަގުތުކޮޅު ތެރޭގައި ޓޮޓެންހަމްގެ މޫސާ ޑެމްބެލޭ އުފެއްދި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

ލީގުގެ ޕޮއިންޓް ތާވަލަށް ބަލައިލާއިރު، 31 މެޗުން ލިބުނު 66 ޕޮއިންޓާއެކު އެއް ވަނައިގައި އަދިވެސް އޮތީ ލެސްޓާ ސިޓީ އެވެ. ދެ ވަނައިގައި އޮތް ޓޮޓެންހަމަށް 32 މެޗުން 62 ޕޮއިންޓް ލިބިފައިވާ އިރު، ތިން ވަނައިގައި އޮތް އާސެނަލަށް 31 މެޗުން ލިބިފައިވަނީ 58 ޕޮއިންޓެވެ. ކުޅުނު 30 މެޗުން ލިބުނު 45 ޕޮއިންޓާއެކު ލިވަޕޫލް އޮތީ ނުވަ ވަނައިގައެވެ.