03 Apr 2016, 08:36
މާލޭގެ ބޮޑު ސަރަހައްދަކުން ފެނުގެ ހިދުމަތް މެދުކެނޑިއްޖެއެވެ.
މިއަދު ހެނދުނުގެ ވަގުތަކުން ފެށިގެން މާލޭގެ ބޮޑު ސަރަހައްދަކުން ވަނީ ފެނުގެ ހިދުމަތް މެދުކެނޑިފައެވެ. އެގޮތުން ބައެއް ގޭތަކަށް އެއްވެސް ވަރަކަށް ފެނުގެ ހިދުމަތް ނުލިބެއެވެ.
ފެނުގެ ހިދުމަތް ފޯރުކޮށްދޭ މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ)އިން މިއަދު ބުނީ އިއްޔެ ކަރަންޓުގެ ހިދުމަތް މެދުކެނޑުމާއެކު ބޯހޯލްތަކާއި ޑިސްޓްރިބިއުޝަން ޕަމްޕުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށާއި އެހެންކަމުން ތިން ވަނަ ބުރިން މަތީ ފުލޯތަކަށް ފެން ނުލިބުން އެކަށީގެންވާ ކަމަށެވެ.
"ފެނުގެ ނެޓްވޯކުގައި ޕްރެޝާ ދަށްވެ މާލޭގެ ބައެއް އިމާރާތްތަކުގެ ތިން ވަނަ ފަންގިފިލާއިން މަތީ ގޭބިސީތަކަށް ފެން ނުލިބުމަކީ އެކަށީގެންވާކަމެއް." އެމްޑަބްލިޔުއެސްސީން ބުންޏެވެ.
އެކުންފުނިން ބުނީ އެމައްސަލަ ހައްލު ކުރުމަށްޓަކައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މައްސަލަ ހައްލުވާނެ ވަކި އިރެއް ހާމައެއް ނުކުރެއެވެ.
މިދިޔަ ހަފްތާގެ ތެރޭގައި އެކުންފުނިން ވަނީ މާލެއަށް ދެމުން އަންނަ ފެނުގެ ހިދުމަތުގެ އަޕްގުރޭޑިން މަސައްކަތްތަކެއްވެސް ފަށާފައެވެ. އެއާއެކުވެސް ޕްރެޝަރުގައި ފެން ލިބުމަށް ދަތިތަކަކާއި ކުރިމަތިވިއެވެ.