ކޭޕް ނޯ ސްޓޭޑިއަމްގައި ރޭ ކުޅުނު ފޯރިގަދައެލް ކްލެސިކޯމެޗުގައި ބާސެލޯނާ ލަނޑެއް ކާމިޔާބުކޮށް ކުރި ހޯދާފައި ވަނިކޮށް، ކުޅުންތެރީންގެ ބުރަ މަސައްކަތުން ފަހަތުން އަރައި 2-1 ލަނޑުން ރެއާލް މޮޅުވުމުން އެކަމާ ވަރަށް ބޮޑަށް ފަހުރުވެރިވާކަމަށް ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން ބުނެފިއެވެ.

ރެއާލަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ޖެހުމަށްފަހު، ކަރިމް ބެންޒެމާ ޓީމުގެ އެހެން ކުޅުންތެރީންނާއެކު އުފާފާޅުކުރަނީ -- ފޮޓޯ: އޭޕީ

މެޑްރިޑްގެ މި މޮޅާއެކު، ލީގުގައި ބާސާ ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑް 23 މެޗަށް ފަހު ވަނީ ނިމުމަކަށް އައިސްފައެވެ. އަދި ޒިދާންގެ ޓީމް ވަނީ ޖުމުލަ 69 ޕޮއިންޓް ހޯދައިގެން، ތާވަލުގައި ބާސާއާ ހަތްޕޮއިންޓް ގާތަށް ޖެހިލައިފައެވެ.

ފުރަތަމަ ހާފްގައި ލަނޑެއް ފެނިފައި ނުވާ އެ މެޗުން ބާސާއަށް ލީޑު ނަގައިދިނީ ޖެރާޑް ޕީކޭ ބޮލުން ޖަހައި ރެއާލް ގޯލަށް ބޯޅަ ފޮނުވާލައިގެންނެވެ. އެހެން ނަމަވެސް ކްރިސްޓިއާނޯ ރޮނާލްޑޯގެ ހިތްގައިމު ލަނޑުން ރެއާލް ކޮޅަށް މެޗުގެ ލީޑު އަނބުރާލުމުގެ ކުރީން އެޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ ކަރިމް ބެންޒެމާ ކާމިޔާބުކޮށްދިން ފުރިހަމަ ލަނޑުންނެވެ.

އެލް ކްލަސިކޯ މެޗުގައި ރޭ ބާސާއަށް މެޗުގެ ލީޑު ނަގައިދިނުމަށް ފަހު، ޖެރާޑް ޕީކޭ އުފާފާޅުކުރަނީ -- ފޮޓޯ: އޭޕީ

ރޮނާލްޑޯ ލަނޑުޖެހިތާ މާކަ ގިނައިރުތަކެއް ނުވެ، ރެއާލްގެ ޑިފެންޑަރު ސާޖިއޯ ރާމޯސްއަށް ދެ ރީނދޫ ކާޑު ހަމަވެ ދެއްކި ރަތްކާޑާއެކު ދަނޑުން ފޮނުވާލާފައި ވާއިރު، ގެރެތު ބޭލް ބޮލުން ޖަހައި ބާސާ ގޯލަށް ވައްދައިލި ބޯޅަ ރެފްރީ ވަނީ ލަނޑެއް ނޫންކަމަށް ނިންމައިފައެވެ.

ރެއާލަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ޖެހުމަށްފަހު، ކަރިމް ބެންޒެމާ ގެރެތު ބޭލްއާއެކު އުފާފާޅުކުރަނީ -- ފޮޓޯ: އޭޕީ

"އަހަރެންގެ ކުޅުންތެރީންގެ މަސައްކަތާމެދު ވަރަށް ބޮޑަށް ފަހުރުވެރިވޭ. މިއީކީ ފަސޭހަ ދަނޑެއް ނޫން. އަހަރެން މިހިރީ ވަރަށް އުފަލުން، މެޗުގެ ނަތީޖާއާ ދޭތެރޭ އެކަންޏެއް ނޫން، ހުރިހާ ކަމެއްވެސް ދިޔައީ ވަރަށް ރަނގަޅަށް،" ބާސާ އަތުން ލިބުނު ތިން ޕޮއިންޓާއެކު ކުރިއަށް އޮތީ، ޗެމްޕިއަންސް ލީގަށް ކުޅުންތެރީން ރެސްޓްކުރުންކަން ފާހަގަކުރަމުން ޒިދާން ބުންޏެވެ.

ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން: ކުޅުންތެރީންގެ ކުޅުމާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށް ބުނި -- ފޮޓޯ: އޭޕީ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ބުދަދުވަހު، ރެއާލް މެޑްރިޑް ވުލްވްސް ބާގާ ދެކޮޅަށް ނުކުންނާން ޖެހޭއިރު، ކްލެސިކޯ މެޗުން ލިބުނު ކާމިޔާބާއެކު ޒިދާން ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ.

ޒިދާން ބުނީ، ކުޅުންތެރީންގެ ފަރާތުން ކޯޗަކަށް ދެވޭނެ އެންމެ ބޮޑު އުފަލަކީ، އެންމެން އެކުގައި ގުޅިގެން މަސައްކަތްކުރުން ކަމަށާއި އެކަން އޭނާގެ ޓީމުން ފެނިގެން ގޮސްފައިވާ ކަމަށެވެ.

"މި ޓީމުގެ އެޓޭކިން އާއި ޑިފެންސް އަދި ހުރިހާ ކަމަކާ ދޭތެރޭގައި ވެސް އަހަރެން ވަރަށް ހިތްހަމަޖެހޭ. ވަރަށް މޮޅު ޓީމަކާ ދެކޮޅަށް އަރެމެން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައި،" ސީޒަންގެ މިހާތަނަށް އައިއިރު، މި ލިބުނު މޮޅާއެކު ރެއާލް މިހާރު ދަތުރުކުރަނީ ރަނގަޅު މިސްރާބަކަށް ކަން ފާހަގަކުރަމުން ޒިދާން ބުންޏެވެ.

ބާސާއަތުން ރެއާލް މޮޅުވި ލަނޑު ރޮނާލްޑޯ ކާމިޔާބުކުރަނީ -- ފޮޓޯ: އޭޕީ

ރެއާލްގެ ކޯޗު ބުނީ، މިހާރު މިއީ ސީޒަންގެ އެންމެ މުހިންމު ދުވަސްވަރު ކަމަށާއި، ކުރިއަށް ހުރި މެޗުތައް، ފަހަރަކު މެޗެއް ފަހަރަކު މެޗެއް ކާމިޔާބުކޮށް، ލީގުގެ ދެވަނައަށް އަރަންވީ ވަގުތު ޖެހިފައިވާ ކަމަށެވެ.

"މި ވެދާނެ މުބާރާތް ވަކި ގޮތަކަށް އެނބުރޭ ހިސާބަށް. ސީޒަންގެ ކުރިއަށް އޮތް ބައިގައި އެއްރޫހެއްގައި މަސައްކަތްކުރުން ވަރަށް މުހިންމު. އަރެމެން އެބަޖެހޭ ހަރުފަތަކަށްފަހު ހަރުފަތެއް ގިރާކުރާން. އަދި މިއޮތީ ތިން ވަނައިގަ، އެހެންކަމުން އެބަޖެހޭ އެތުލެޓިކޯ ފަހަނައަޅައިދާން. އޭރުން ދެން ވާނޭގޮތެއް އެނގޭނީ،" ލީގުގައި އަދިވެސް އިތުރު މެޗުތައް ހުރިކަން ފާހަގަކުރަމުން ޒިދާން ބުންޏެވެ.

މަސްދަރު:ގޯލް