އެމެރިކާ އިން މުސްލިމުންނާ ދެކޮޅަށް ހިންގި ޖަރީމާތަކާ ދެކޮޅުހަދައި އެމެރިކާ އާއި ހުޅަނގުގެ ބާރުތަކާ ދެކޮޅަށް ހަނގުރާމަކުރާ އެންމެ ވަރުގަދަ ޖަމާއަތް ކަމަށްވާ އަލްގައިދާގެ ވެރިޔާ އުސާމާބިން ލާދިން އިއްޔެ އެމެރިކާ އިން ދިން ހަމަލާއެއްގައި މަރުވެއްޖެ ކަމަށް އެމެރިކާ ސަރުކާރުން ރޭ އިއުލާންކޮށްފި އެވެ.

އުސާމާ މަރާލެވިއްޖެ ކަން އިއުލާން ކުރީ އެމެރިކާގެ ރައީސް ބަރަކު އޮބާމާ އެވެ.

ނަން ހާމަ ނުކުރާ އެމެރިކާގެ އޮފިޝަލަކު ރޮއިޓާސް އަށް މައުލޫމާތުދީފައިވާ ގޮތުގައި އުސާމާބިން ލާދިން މަރުވީ ޕާކިސްތާންގެ ވެރިރަށް އިސްލާމްއާބާދުގެ ރަށް ބޭރުގައި ހުރި ގެއެއްގައި އޭނާ އިންދައި އެގެއަށް އެމެރިކާ ސިފައިން ދިން ހަމަލާއެއްގަ އެވެ. އަދި އޭނާގެ ހަށިގަނޑު މިހާރު ވަނީ އެމެރިކާ ސިފައިންގެ އަތްދަށުގައި ކަމަށް އެމެރިކާ އިން ބުނެ އެވެ.

އުސާމާ މަރާލައިފައި މި ވަނީ 2001 ވަނަ އަހަރު އެމެރިކާގެ ޓްވިން ޓަވަރު ގޮއްވާލުމުގެ އިލްޒާމް އެމެރިކާ އިން އޭނާގެ ބޮލުގައި އަޅުވައި އަދި އޭގެ ފަހުން އޭނާ ހޯދަމުން އަންނަތާ 10 އަހަރު ފަހުންނެވެ.

އެމެރިކާގެ ރައީސް ވިދާޅުވީ އުސާމާ ހައްޔަރުކޮށްފައި ވަނީ ޕާކިސްތާންގެ އިންޓަލިޖެންސްގެ އެހީގައި ކަމަށެވެ.

އުސާނާ ބިން ލާދިން މަރުވިކަން އަފްޣާނިސްތާންގެ ގޮނޑިކޮއްކޮ ސަރުކާރުން ކަށަވަރުކޮށްދީފައިވާ ކަމަށް އަފްޣާނިސްތާންގައި ހުންނަ އަލްޖަޒީރާގެ ކަރެސްޕޮންޑެންޓް ޤައިސް އަޒްމީ އާ ހަވާލާދީ އަލްޖަޒީރާ ބުނެ އެވެ.
އެމެރިކާގެ އިސް ފަރާތްތަކުން ބުނެފައިވާ ގޮތުގައި ސައުދީ އަރަބިއްޔާ އަށް އުފަން އުސާމާ ބިން ލާދިން 2001 ވަނަ އަހަރު ފިލިފަހުން އޭނާ ހޯދުމަށް އެމެރިކާ އިން މަސައްކަތްކުރަމުން އަންނަ މިހާރު އޭނާ މަރާލެވި އޭނާގެ ހަށިގަނޑު ވަނީ ފެނިފަ އެވެ. އެމެރިކާ ސަރުކާރުން ބުނެފައި ވަނީ އުސާމާ ބިން ލާދިންގެ ހަށިގަނޑު ފެނިފައި ވުމުން އޭނާ މަރުވިކަމާ ދޭތެރޭ މީހުން ޝައްކުކުރާނެ ޖާގައެއް ނޯންނާނެ ކަމަށެވެ.

އުސާމާބިން ލާދިން މަރާލެވުމަކީ އެމެރިކާ އަށް ލިބުނު ހަމައެކަނި ރަމްޒީ ކާމިޔާބެއްކަމަށް އަފްޣާނިސްތާންގެ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ. ސަބަބަކީ އޭނާއަކީ މިހާރު އެމެރިކާއާ ދެކޮޅަށް ދޭ ހަމަލާތަކުގައި އަމަލީގޮތުން ބައިވެރިވާ މީހެއް ނޫންވީމަ އެވެ.

ބިންލާދިންގެ ހަށިގަނޑު ކަމަށް ބުނާ މީހެއްގެ ހަށިގަނޑު ޕާކިސްތާންގެ ބައެއް ނެޓްވޯކްތަކުން ވަނީ ދައްކައިފަ އެވެ.