03 Apr 2016, 02:18
ސްޕެނިޝް ލަލީގާގައި އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެ، ރެއާލް މެޑްރިޑުން ވާދަވެރި ބާސެލޯނާގެ ކިބައިން ބަދަލު ހިފައިފި އެވެ.
ބާސާގެ ކޭމްޕް ނޯގައި މިރޭ ކުޅުނު "އެލް ކްލެސިކޯ" މެޗުން 2-1 ލަނޑުން ރެއާލް މޮޅުވީ ސީޒަނުގެ ލީގުގައި އެ ދެ ޓީމު ބައްދަލުކުރި ފުރަތަމަ މެޗު ފަސޭހަކަމާއެކު 4-0 ލަނޑުން ބާސާ ކާމިޔާބުކޮށްފައިވަނިކޮށެވެ.

ސްޕެނިޝް ލަލީގާގައި ބާސާ އާއި ރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ރެއާލް މޮޅުވީ 2-1 ލަނޑުން -- ފޮޓޯ: އޭޕީ
އެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި، ބޭކާރުވެގެން ދިޔަ އެވެ. އެ މެޗުގެ ނުވަ ވަނަ މިނެޓުގައި ބާސާގެ ބްރެޒިލް ތަރި ނޭމާ ހުރަސްކޮށްލި ބޯޅަ، އުރުގުއޭ ފޯވަޑް ލުއިސް ސުއަރޭޒް ފައިގައި ލައްވާލާފައެއް ނުވެ އެވެ.
މެޗުގެ 18 ވަނަ މިނެޓުގައި ވެސް ބާސާއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ނަމަވެސް ރެއާލްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ކްރޮއޭޝިއާ މިޑްފީލްޑަރު އިވާން ރަކިޓިޗް ފޮނުވާލި ހަމަލާ، ރެއާލްގެ ގޯލްކީޕަރު ކޭލާ ނަވާސް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފަ އެވެ.
މި މެޗުގެ 24 ވަނަ މިނެޓްގައި ރެއާލަށް ލިބުނު ފުރުސަތެއްގައި ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އުފެއްދި ހަމަލާ ބާސާގެ ގޯލްކީޕަރު ކްލައުޑިއޯ ބްރާވޯ، ހުޝިޔާރުކަމާއެކު ދިފާއު ކުރި އެވެ.

ސްޕެނިޝް ލަލީގާގައި ބާސާ އާއި ރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ރެއާލް މޮޅުވީ 2-1 ލަނޑުން -- ފޮޓޯ: އޭޕީ
މެޗުގެ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް، ބާސާ އަދި ރެއާލްއަށް ވެސް ލަނޑު ޖަހާނެ ފުރުސަތެއް ލިބިގެންދިޔަ އެވެ. އެ މެޗުގެ 41 ވަނަ މިނެޓްގައި ބާސާގެ ޑެނީ އަލްވޭސް ފޮނުވާލި ހަމަލާ ދިޔައީ ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. އަދި މެޗުގެ 42 ވަނަ މިނެޓްގައި ރެއާލްގެ ޑެނިއެލް ކާވޭހެލް ދިން ބޯޅައަކުން ކަރިމް ބެންޒެމާ ފޮނުވާލި ހަމަލާ ވެސް ދިޔައީ ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.
އެ މެޗުގެ 53 ވަނަ މިނެޓުގައި ބާސާގެ އާޖެންޓީނާ ތަރި، ލިއޮނެލް މެސީއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ނަމަވެސް މެސީ ފޮނުވާލި ހަމަލާ، ރެއާލްގެ ކީޕަރު ވަނީ މަތަކޮށްފަ އެވެ.
މި މެޗުގެ 56 ވަނަ މިނެޓްގައި ފުރަތަމަ ލަނޑު ޖަހައި، ލީޑު ހޯދީ ބާސާ އިންނެވެ. ބާސާއަށް ލިބުނު ކޯނަރަކުން އިވާން ރަކިޓިޗް ނަގައިދިން ހުރަހަކުން ބާސާއަށް ލީޑު ނަގައިދިނީ ސްޕެއިން ޑިފެންޑަރު ޖެރާޑް ޕީކޭ އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ބޮލުން ޖަހަ އެވެ.

ސްޕެނިޝް ލަލީގާގައި ބާސާ އާއި ރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ރެއާލް މޮޅުވީ 2-1 ލަނޑުން -- ފޮޓޯ: އޭޕީ
ބާސާއިން ލީޑު ނެގިތާ ދިހަ މިނެޓްތެރޭ ރެއާލުން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. ރެއާލްގެ ޓޯނީ ކްރޫސް ދިން ބޯޅައަކުން ރެއާލަށް ނަތީޖާ ހަމަހަމަކޮށްދިނީ ފްރާންސް ފޯވަޑް ކަރިމް ބެންޒެމާ އެވެ. ކްރޫސް ދިން ބޯޅަ ބެންޒެމާއަށް ލިބުނީ ބާސާގެ ޑިފެންޑަރެއްގެ ފައިގައި ޖެހިފައި މައްޗަށް އެރުމުންނެވެ.
އެ މެޗުގެ 82 ވަނަ މިނެޓްގައި ރެއާލަށް ލީޑު ހޯދުމަށް ފުރުސަތެއް ލިބިގެންދިޔަ އެވެ. މާސެލޯ ދިން ބޯޅައަކުން ރޮނާލްޑޯ އުފެއްދި ހަމަލާ، ބާސާ ގޯލްގެ ހުރަސް ދަނޑިމަތީގައި ޖެހިފައި ދިޔައީ ބޭރަށެވެ.
މި މެޗުގެ 83 ވަނަ މިނެޓްގައި ސުއަރޭޒަށް ކުރި ފައުލަކާ ގުޅިގެން ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސްއަށް ދެ ވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދެއްކުމުން މެޗުގެ ބާކީބައި ރެއާލުން ފުރިހަމަކުރަން ޖެހުނީ ދިހަ ކުޅުންތެރިންނާއެކު އެވެ.
ދިހަ ކުޅުންތެރިންނާއެކު ކުޅެން ޖެހުނުތާ ދެ މިނެޓްތެރޭ ރެއާލުން ލީޑު ހޯދި އެވެ. މެޗުގެ 85 ވަނަ މިނެޓްގައި ބޭލް ނަގައިދިން ހުރަސް، ރީތިކޮށް މެއިން ކޮންޓްރޯލްކޮށްލުމަށްފަހު ރޮނާލްޑޯ ވަނީ ރެއާލްއަށް ލީޑު ހޯދައިދީފަ އެވެ.

ސްޕެނިޝް ލަލީގާގައި ބާސާ އާއި ރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ރެއާލް މޮޅުވީ 2-1 ލަނޑުން -- ފޮޓޯ: އޭޕީ
ލަލީގާގައި މިރޭ ރެއާލް ބެޓިސް އަތުން އެތުލެޓިކޯ މެޑްރިޑް ވަނީ ފަސޭހަކަމާއެކު 5-1 ލަނޑުން މޮޅުވެފަ އެވެ. އެތުލެޓިކޯގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ފެނާންޑޯ ޓޮރޭސްއާއި، އެންޓިއޮން ގްރީޒްމަން އާއި، ހުއާންފްރާން އަދި ޓެޔޭ ޕާޓޭ އެވެ. އޭގެ ތެރެއިން ގްރީޒްމަން ދެ ލަނޑު ކާމިޔާބު ކުރި އެވެ. ބެޓިސްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ރުބެން ކާސްޓްރޯ އެވެ.
އެ ނަތީޖާތަކާއެކު ލަލީގާގެ ޕޮއިންޓް ތާވަލްގެ އެއް ވަނާގައި އަދިވެސް އޮތީ ބާސާ އެވެ. ބާސާ ކުޅުނު 31 މެޗުން ވަނީ 76 ޕޮއިންޓް ހޯދައިފަ އެވެ. ކުޅުނު 31 މެޗުން ލިބުނު 70 ޕޮއިންޓާއެކު ދެ ވަނައިގައި އެތުލެޓިކޯ އޮތްއިރު، ތިން ވަނައިގައި އޮތް ރެއާލްއަށް ކުޅުނު 31 މެޗުން ލިބިފައި ވަނީ 69 ޕޮއިންޓެވެ.