03 Apr 2016, 02:09
ރާއްޖެ އާއި ދެކުނު އޭޝިއާގެ ޒުވާނުންނަށް ދިމާވާ މައްސަލަތަށް ހައްލުކޮށްދީ އެ ފަރާތްތައް ބަރާވެރުކުރުމުގެ ގޮތުން ރީޖަނަލް އެލައެންސް ފޯ ފޮސްޓަރިންގް ޔޫތު (ރަފީ)ގެ ނަމުގައި އެންޖީއޯއެއް އިފްތިތާޙު ކޮށްފިއެވެ.
ފެބްރުއަރީ 24 ވަނަ ދުވަހު ހޯމް މިނިސްޓްރީގައި ރަޖިސްޓްރީ ކުރި 'ރަފީ'ގެ ފުރަތަމަ ޖަލްސާ މިރޭ ބޭއްވީ ދަރުބާރުގޭ ފާށަނާ މާލަމުގަ އެވެ. މިރޭ ބޭއްވި ޖަލްސާގައި އެ ޖަމިއްޔާގެ ފުރަތަމަ ރައީސާ އައިޝަތު ރަފިއްޔާ، ވިދާޅުވީ އެ ޖަމިއްޔާގެ އެންމެ ބޮޑު އަމާޒަކީ މުސްތަގްބަލްގެ ޒުވާނުންނަށް ނަމޫނާ ދައްކާނެ ހަރުދަނާ ގާބިލް ޒުވާނުންތަކެއް ބިނާކުރުން ކަމަށެވެ.
"ރާއްޖެއަކީ ނިސްބަތުން ގިނަ އަދަދެއްގެ އެންޖީއޯތަށް އުފައްދާފައިވާ ގައުމެއް ކަމުގައި ވީނަމަވެސް މުޅި އޭޝިއާ ބައްރުގެ ޒުވާނުންނާއި އަންހެނުން އަމާޒުކޮށްގެން އުފެއްދި މި އެންޖީއޯއަކީ ހަރަކާތްތެރި ނަތީޖާ ނެރެވޭނެ ޖަމާއަތަކަށް ވެގެން ދާނެ،" ރަފިއްޔާ ވިދާޅުވި އެވެ.

އެމްޑީއާރްއައިގެ ނުވަތަ މިހާރު ރީޖަނަލް އެލައެންސް ފޯ ފޮސްޓަރިންގް ޔޫތު (ރަފީ)ގެ މިހާރުގެ ބޯޑް މެންބަރުން -- ސަން ފޮޓޯ: ފަޔާޒް މޫސާ
ރަފިއްޔާ ވިދާޅުވީ ރާއްޖޭގެ އިތުރުން ދެކުނު އޭޝިއާގެ ގައުމުތަކަށް އަމާޒު ކޮށްގެން އެ އެންޖީއޯ އުފެއްދުމުގެ ވަރަށް ގިނަ މަގުސަދުތަކެއް އެބަ ހުރި ކަމަށާއި ވޭތުވެދިޔަދިހަ އަހަރު ތެރޭގައި އޭނާގެ އަމިއްލަ ތަޖުރިބާގައި އެކަންތައް ދެނެގަނެފައިވާނެ ކަމަށެވެ.ާ
"އޭޝިއާގެ ގައުމުތަކުގައި ވެސް އޭގެ ތެރޭގައި ކުޑަކޮށް ތަރައްގީ ވެފައިވާ ގައުމުތަކާއި ތަރައްގީ ވެފައިވާ ގައުމު ތަކުގެ ތެރެއިން މެލޭޝިއާ އަދި ސިންގަޕޫރު ފަދަ ގައުމު ތަކުގައި ވެސް ޒުވާނުންގެ ތެރޭގައި ތަފާތު އެކި މައްސަލަތަށް އަންނަނީ އުފެދެމުން. އޭގެ ތެރޭގައި ޒުވާނުން މަސްތުވާތަކެތި ބޭނުން ކުރުމާއި ކުށްތަކަށް އަރައިގަތުމާއި ތަފާތު އެކި ބާއްވަތްތަކުގެ ގައުމަށް ގެއްލުން ހުރި ތަކެތި އިސްތިއުމާލު ކުރުމުގެ މައްސަލަތައް އަންނަނީ ފެންމަތިވަމުން،" ރަފިއްޔާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ "ރަފީ" ޖަމިއްޔާގެ ސަބަބުން އެފަދަ ކަންތައްތައް އެއްކޮށް ނައްތާނުލެވުނަސް ފާހަގަކޮށްލެވޭ ވަރަށް އެފަދަ މައްސަލަތައް މަދުކޮށް، ޒުވާނުންނަށް އުޖާލާ މުސްތަގްބަލެއް ލިބިގެން ދާނެ ކަމަށެވެ.
ރަފިއްޔާ ވިދާޅުވީ ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ހިއްސާ ކުރަނީ ޒުވާނުން ކަމަށްވީ ނަމަވެސް އެ ޒުވާނުންގެ ތެރެއިން ގައުމު ބިނާ ކުރުމުގެ މައްސޫލިއްޔަތު ބޮލުގައި އަޅައިގެން އުޅެނީ އޭގެ ތެރެއިން މަދު އަދަދެއްގެ ޒުވާނުން ކަމަށެވެ.
"ޒުވާނުންގެ ފަރާތުން ފެންނަނީ ތިމާ އުޅޭ މުޖުތަމައު އާއި ގައުމު ބިނާކުރުމުގެ ބަދަލުގައި ކުށްތަކަށް އަރައިގަތުމާއި މަސްތުވާ ތަކެއްޗާއި މާރާމާރީ ހިންގުމުގައި މައްސޫލުވެގެން އުޅޭ މަންޒަރު،" ރަފިއްޔާ ވިދާޅުވިއެވެ.