03 Apr 2016, 00:36
މޯލްޑިވިއަން އައިޑޮލްގެ ތިންވަނަ ރައުންޑް ކަމަށްވާ ގާލާ ރައުންޑުގެ ހަ ވަނަ ޝޯއިން ގއ. ކޮލަމާފުށީ، ކެނެރީގޭ އަބްދުﷲ ސޯދިގު ކަޓައިފި އެވެ.
ސޯދިގު ޝޯއިން ވަކިވީ ޖަޖުންގެ 50 ޕަސެންޓު މާކްސް އަދި ބެލުންތެރިންގެ ވެސް 50 ޕަސެންޓު ވޯޓު އެއްކޮށްލުމުން، ޝޯގައި އެންމެ ފަހުން ތިބި ހަތް ބައިވެރިންގެ ތެރެއިން އޭނާ އަށް އެންމެ ދަށުން މާކްސް ލިބުމުންނެވެ.
ސޯދިގު މިރޭ ޝޯއާ ވަކިވެފައިވާ އިރު އޭނާ މިރޭ ލަވަ ހުށަހަޅައިދިނީ ފާލިހުއާ އެކީގަ އެވެ. އިއްޔެރޭ ސޯދިގު ހުށަހަޅައިދިނީ "ސަހަރޯއެ މާފުދޭށޭ" މި ލަވައެވެ. އެ ލަވައަށް ޖަޖުންގެ ފަރާތުން ޕޮސިޓިވް އަދި ނެގަޓިވް ކޮމެންޓު ވެސް ލިބުނެވެ.
ސޯދިގު ބުނީ މޯލްޑިވިއަން އައިޑަލްގެ ޝޯގައި މިހާހިސާބަށް އާދެވުނުކަމަށްޓަކައި ވަރަށް އުފާވާ ކަމަށާއި، ލަވަކިޔުމުގެ ދާއިރާއިން އޭނާ ނުގެއްލޭނެ ކަމަށެވެ.
މޯލްޑިވިއަން އައިޑޮލްގައި މިހާރު ވަނީ "ނޯ އެލިމިނޭޝަން" އިއުލާންކޮށްފަ އެވެ. އެއީ ޝޯގައި ޖަޖުންނަށް ލިބިދޭ ހާއްސަ ބާރެކެވެ. އެއް ފަހަރު ބޭނުންކުރެވޭ މި ބާރުގެ އެހީގައި ޖަޖުންނަށް ބައިވެރިޔަކު ޝޯއިން ވަކިވުން ހުއްޓުވޭނެ އެވެ.
ސޯދިގު ޝޯއިން ވަކިވި އިރު އޭނާ މަޝްހޫރުވެފައި ވަނީ "ހިތްހެޔޮ މީހާ" ގެ ގޮތުގަ އެވެ.