އައްޑޫ ސިޓީން ފުލުހުން ހައްޔަރުކުރި ޒުވާނަކަށް ހިތަދޫ ރީޖިނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

ހިތަދޫ ރީޖިނަލް ހޮސްޕިޓަލްގެ ޑިރެކްޓަރު ޝާހު ސައީދު މިރޭ ސަން އަށް ވިދާޅުވީ ރޭ ދަންވަރު 2:30 އެހައިކަންހާއިރު މެއަށް ތަދުވެގެން ފުލުހުންގެ ހައްޔަރުގައި ހުރި މީހަކު އެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.

ހޮސްޕިޓަލަށް ގެންދިޔުމާ އެކު އައިސީޔޫގައި އޭނާ އަށް ފަރުވާދޭން ފަށާފައިވާ ކަމަށާއި ކުރިއަށްވުރެ މިހާރު އޭނާގެ ހާލު ރަނގަޅު ކަމަށް ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ ހޮސްޕިޓަލްގައި ފަރުވާދެމުންދާ އެމީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާކުރެވެން ނެތް ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުން އައްޑޫ ސިޓީން ހައްޔަރުކޮށްފައިވާ މީހަކަށް ހިތަދޫ ރީޖިނަލް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށާއި އެކަމާ ގުޅޭ އިތުރު މައުލޫމާތު ހިއްސާކުރާނީ ހޮސްޕިޓަލުން ކަމަށެވެ.