ގދ.ތިނަދޫގެ ގޯތި ގެދޮރު ހުރި ހާލަތު ރަނގަޅު ކުރުމަށް މޯލްޑިވްސް އިސްލާމިކް ބޭންކު މެދުވެރިކޮށް މަސައްކަތްތަކެއް ކުރުމަށް ފިނޭންސް މިނިސްޓްރީން އެހީވާނެ ކަމަށް ފިނޭންސް މިނިސްޓަރ އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކުގެ ގދ. ތިނަދޫ ބްރާންޗު ހުޅުވުމަށް އިއްޔެ އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ޖިހާދު ވިދާޅުވީ، ތިނަދޫގައި ގޯތި ގެދޮރުގެ ހާލަތު ހުރީ އެހެން ރަށްރަށާ އަޅާ ބަލާއިރު ދެރަ ހާލެއްގައި ކަމަށެވެ.

"އަޅުގަނޑު ވަރަށް ދެރަވާ މަންޒަރެއް ފެނޭ، މިރަށުގެ ގޯތި ގެދޮރުގެ ހާލަތު. އެހެން ރަށްރަށާއި ތިނަދޫގެ ގޯތި ގެދޮރުގެ ހާލަތު ތަފާތު،" ޖިހާދު ވިދާޅުވި އެވެ.

މިނިސްޓަރު ޖިހާދު ވިދާޅުވީ، އިސްލާމިކް ބޭންކު ބޭނުންކޮށްގެން ތިނަދޫގެ ރައްޔިތުންގެ މެދޮރުގެ ހާލަތު ރަނގަޅު ކުރުމަށް ފެނިވަޑައިގަންނަވާ ކަމަށާއި، އެކަމަށް މިނިސްޓްރީން އެހީތެރިކަން ދޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

"އަޅުގަނޑަށް ފެނޭ އިސްލާމިކް ބޭންކު ބޭނުންކޮށްގެން މިރަށުގެ ރައްޔިތުންގެ ގެދޮރުގެ ހާލަތު ރަނގަޅު ކުރަން. އެކަމަށް ފިނޭންސް މިނިސްޓްރީއިން ދޭނެ އެހީތެރިކަން ދޭނެ ކަމުގެ ޔަގީންކަން ދެން،" ޖިހާދު ވިދާޅުވި އެވެ.

މިނިސްޓަރު ޖިހާދު ވިދާޅުވީ، ދާދި ފަހުން ރައީސް ޔާމީން ތިނަދޫއަށް ވަޑައިގެން، ތިނަދޫ ސިޓީއަކަށް ބަދަލު ކުރުމަށް މަސައްކަތްތަކެއް ކޮށްދެއްވާނެކަން ވިދާޅުވި ކަމަށާއި، މޯލްޑިވްސް އިސްލާމިކް ބޭންކުގެ ބްރާންޗެއް އެރަށުގައި ހުޅުވުމަކީ އެ މަސައްކަތުގެ ތެރެއިން ކަމެއް ކަމަށެވެ.

"ސިޓީއެއްގައި ބޭންކުތަކެއް ވެސް ހުންނަން ޖެހޭ. އަދި ކުރިޔަށް އޮތް ތަނުގައި މި އިސްލާމިކް ބޭންކު އެކަންޏެއް ނޫން، ރާއްޖޭގައި ހުރި އެހެން ބޭންކުތައް ވެސް މިރަށުގައި ހުޅުވިގެން ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.