އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުތަކުން އާސެނަލް، މެންޗެސްޓާ ސިޓީ އަދި ޗެލްސީ ފަސޭހަކަމާއެކު މޮޅުވެއްޖެ އެވެ.

އަމިއްލަ ދަނޑުގައި ވެޓްފޯޑްގެ މައްޗަށް އާސެނަލްއިން 4-0 ލަނޑުން މޮޅުވިއިރު، ރަށުން ބޭރުގައި އޭއެފްސީ ބޯންމައުތު އަތުން ސިޓީ ވެސް މޮޅުވެފައިވަނީ 4-0 ލަނޑުންނެވެ. ރަށުން ބޭރުގައި އެސްޓަން ވިލާ އަތުން ޗެލްސީ ވެސް މޮޅުވީ 4-0 ލަނޑުގެ ނަތީޖާއަކުންނެވެ.

އާސެނަލްގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނުމަށްފަހު ޓީމާއެކު ބެލެރިން އުފާފާޅުކުރަނީ: ވެޓްފޯޑްއާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް މޮޅުވީ 4-0 ލަނޑުން -- ފޮޓޯ: އޭޕީ

އެމިރޭޓްސް ސްޓޭޑިއަމްގައި މިރޭ ވެޓްފޯޑްއާ ދެކޮޅަށް ކުޅުނު މެޗުގެ ހަތަރު ވަނަ މިނެޓްގައި އާސެނަލްއިން ވަނީ ލީޑު ނަގައިފަ އެވެ. އެލެކްސް އިވޯބީ ދިން ބޯޅައަކުން އާސެނަލްއަށް މިލަނޑު ކާމިޔާބުކޮށްދިނީ ޗިލީ ތަރި އެލެކްސިސް ސަންޗޭޒް އެވެ.

މިމެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން 38 ވަނަ މިނެޓްގައި އާސެނަލްއިން ވަނީ ލީޑު ފުޅާކޮށްފަ އެވެ. ސަންޗޭޒް ދިން ބޯޅައަކުން މިލަނޑު އާސެނަލްއަށް ކާމިޔާބުކޮށްދިނީ އިވޯބީ އެވެ. ފުރަތަމަ ހާފްގެ ކުޅުން ނިމުނީ 2-0 ލަނޑުން އާސެނަލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފް ފެށިތާ ތިން މިނެޓްތެރޭ އާސެނަލްގެ ހެކްޓާ ބެލެރިން އެޓީމުގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނެވެ. މި މެޗުގެ އެންމެ ފަހު މިނެޓްގައި ޖޯލް ކޭމްޕްބެލް ދިން ބޯޅައަކުން އާސެނަލްގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ތިއޯ ވަލްކޮޓް އެވެ.

އޭއެފްސީ ބޯންމައުތުގެ ދަނޑު، ދަ ގޯލްޑްސޭންޑްގައި ކުޅުނު މެޗުގެ ހަތް ވަނަ މިނެޓްގައި ސްޕެއިން ވިންގާ ޖީސަސް ނަވާސް ނަގައިދިން ކޯނަރަކުން ސިޓީއަށް ލީޑު ހޯދައިދިނީ މިޑްފީލްޑަރު ފެނާންޑޯ އެވެ.

އޭއެފްސީ ބޯންމައުތު ކޮޅަށް ސިޓީ ޖެހި ތިން ވަނަ ލަނޑު އަގުއެރޯ ކާމިޔާބުކުރަނީ: މި މެޗުން ސިޓީ މޮޅުވީ 4-0 ލަނޑުން -- ފޮޓޯ: އޭޕީ

އޭގެ ފަސް މިނެޓްފަހުން ލަނޑެއްޖަހައި، ސިޓީއިން ވަނީ ލީޑު ފުޅާކޮށްފަ އެވެ. ސްޕެއިން މިޑްފީލްޑަރު ޑޭވިޑް ސިލްވާ ދިން ބޯޅައަކުން ސިޓީއަށް މިލަނޑު ކާމިޔާބުކޮށްދިނީ ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑި ބްރޭނާ އެވެ.

މި މެޗުގެ 19 ވަނަ މިނެޓްގައި ނަވާސް ދިން ބޯޅައަކުން ސިޓީގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ އާޖެންޓީނާ ފޯވަޑް ސާޖިއޯ އަގުއެރޯ އެވެ. މެޗުގެ ފުރަތަމަ ހާފް ނިމިގެންދިޔައީ 3-0 ލަނޑުން ސިޓީ ކުރީގައި އޮވެގެންނެވެ.

ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ސިޓީން ކާމިޔާބުކުރި ހަތަރު ވަނަ ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފްގެ އިތުރު ވަގުތުކޮޅު ތެރޭގައެވެ. ފްރާންސް މިޑްފީލްޑަރު ސާމިރް ނަސްރީ ދިން ބޯޅައަކުން ސިޓީއަށް މި ލަނޑު ކާމިޔާބުކޮށްދިނީ އެލެކްސެންޑާ ކޮލަރޯވް އެވެ.

އެސްޓަލް ވިލާގެ ވިލާ ޕާކްގައި މިރޭ ކުޅުނު މެޗުގެ 26 ވަނަ މިނެޓްގައި ޗެލްސީން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފަ އެވެ. ސްޕެއިން ޑިފެންޑަރު ސެސާ އަޒްޕްލިކުއެންޓާ ދިން ބޯޅައަކުން ޗެލްސީއަށް މި ލަނޑު ކާމިޔާބުކޮށްދިނީ ރުބެން ލޮފްޓަސް ޗީކް އެވެ.

ޗެލްސީއަށް ކުޅުނު ފުރަތަމަ މެޗުގައި ޕަޓޯ ކާމިޔާބުކުރި ފުރަތަމަ ލަނޑަށްފަހު އުފާފާޅުކުރަނީ: އެސްޓަން ވިލާ އަތުން ޗެލްސީ މޮޅުވީ 4-0 ލަނޑުން -- ފޮޓޯ: އޭޕީ

މި މެޗުގެ ފުރަތަމަ ހާފްގެ އިތުރު ވަގުތުކޮޅު ތެރޭގައި އެސްޓަން ވިލާގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެޓީމުގެ އަލީ ސިސޯކޯ ކުރި ފައުލަކާ ގުޅިގެން ޗެލްސީއަށް ޕެނަލްޓީއެއް ލިބިގެންދިޔަ އެވެ. ޗެލްސީއަށް މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ބްރެޒިލް ފޯވަޑް އެލެކްސެންޑާ ޕަޓޯ އެވެ. މިއީ ލޯނުގެ ދަށުން ޗެލްސީއާ ގުޅުނު ޕަޓޯ އެޓީމަށް ކުޅުނު ފުރަތަމަ މެޗެވެ. އަދި މިއީ އެޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

މި މެޗުގެ ފުރަތަމަ ހާފް ފެށިތާ މިނެޓެއް ފަހުން ޗެލްސީން ތިން ލަނޑުގެ ލީޑެއް ހޯދި އެވެ. ބްރެޒިލް މިޑްފީލްޑަރު އޮސްކާ ދިން ބޯޅައަކުން ޗެލްސީއަށް މިލަނޑު ކާމިޔާބުކޮށްދިނީ ސްޕެއިން ވިންގާ ޕެޑްރޯ ރޮޑްރިގޭޒް އެވެ.

މެޗުގައި ޗެލްސީން ކާމިޔާބުކުރި ހަތަރު ވަނަ ލަނޑު 59 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ތިން ވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިން ޕެޑްރޯ އެވެ. މި މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް، އެސްޓަން ވިލާގެ އެލަން ހަޓަން އަށް ދެ ވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ވެސް ދައްކާފައިވެ އެވެ.

މި ނަތީޖާތަކާއެކު ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލައިލާއިރު، 31 މެޗުން ލިބުނު 66 ޕޮއިންޓާއެކު އެއް ވަނައިގައި އަދިވެސް އޮތީ ލެސްޓާ ސިޓީ އެވެ. ދެ ވަނައިގައި އޮތް ޓޮޓެންހަމްއަށް 31 މެޗުން 61 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް އާސެނަލްއަށް 31 މެޗުން ލިބިފައިވަނީ 58 ޕޮއިންޓެވެ. ލީގުގެ ފަސް ވަނައިގައި އޮތް ސިޓީއަށް 31 މެޗުން ލިބިފައިވަނީ 54 ޕޮއިންޓެވެ. އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ ކުޅުނު 31 މެޗުން ލިބުނު 44 ޕޮއިންޓާއެކު އޮތީ ނުވަ ވަނައިގައެވެ.