ގެއްލިގެން ހޯދަމުން އަންނަ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ އަށް ފާރަލުމުގައި އެންމެ އިސްކޮށް އުޅުނު މީހާ ވަނީ ރާއްޖެއިން ބޭރަށް ގޮސްފައި ކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު އިސްކަނދަރުކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަތީހު ވިދާޅުވީ އޭނާ އަށް ފާރަލުމުގައި އެންމެ އިސްކޮށް ހުރީ ސ. ހުޅުދޫ، އަތިރިއާގެ، މުހައްމަދު ސުވައިދު ކަމަށާއި އޭނާ މިހާރު ވަނީ ރާއްޖެއިން ބޭރުގައި ކަމަށެވެ.

ރިލްވާން ގެއްލުނުރޭ ހުޅުމާލެ އިން ފެނުނު ރަތްކުލައިގެ ކާރުގެ ރަޖިސްޓްރީ ވަނީ ހ. ހިލްޓަން، އަހްމަދު އާލިފް ރައޫފް ގެ ނަންމަތީގައި ކަމަށާއި އެކާރުގެ ޑިކީތެރެއިން ފެނުނު އިސްތައްޓެއް ރިލްވާންގެ މަންމަގެ ޑީއެންއޭއާ ދިމާވާ ކަމަށް ވެސް ޝަތީހު ވިދާޅުވިއެވެ.

ޝަތީހު ވިދާޅުވީ އެއީ މާލޭގައި އާންމުކޮށް ބޭނުންކުރާ ކާރެއް ކަމަށާއި ރިވާން ގެއްލުމުގެ ކުރިން އެކާރު ހުޅުމާލެއަށް ގެނދިޔުމަށްފަހު އެއަށްފަހު އެކާރު މާލޭގައި ބޭނުންކުރަމުން އަންނަ ކަމަށެވެ.

ރިލްވާން ގެއްލުނުރޭ އެކާރު އޮތް ސަރަހައްދުން ތިން ފަހަރު މީހެއްގެ ހަޅޭލަވައިގަތް އަޑު އިވުނު ކަމަށާއި އެއިރު އެކާރުގެ ވައަތްފަރާތު ދޮރު ހުޅުވިފައި ހުރި އިރު، އެއިން އަތެއް ދިއްކުރަނިކޮށް ފެނިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ތަހުގީގަށް ފާހަގަކުރެވިފައި ވަނީ 2014 އޯގަސްޓު އަށް ވަނަ ދުވަހުގެ ގާތްގަނޑަކަށް 1:45 ހާއިރު ހުޅުމާލޭ 07-03-21 ނަންބަރު ފްލެޓު ކައިރި މަގުމަތިން މީހަކު ވަރަށް ބާރަށް ދެތިން ފަހަރަކު ހަޅޭލަވައިގަތް އަޑު އިވިފައިވާ ކަމާއި އަދި އެވަގުތު ބޭރު ބަލާލިއިރު، މިދެންނެވި ފްލެޓު ކަންމަތިން އެއީ ނިރޮޅުމަގުގެ 55 ނަންބަރު ގޯޅި ކަންމަތިން ކާނޭޝަން މަގާވީކޮޅަށް ރަތްކުލައިގެ ކާރެއް ދަތުރުކުރަމުން ދިޔަ ކަމާއި އެއިރު އެކާރުގެ ވައަތްފަރާތު ފަހަތު ދޮރު ހުޅުވާފައި ހުރި ކަމާއި އަދި އެ ދޮރާދިމާލުން ކާރު ތެރެއިން އަތެއް ދިއްކުރަނިކޮށް އެނގިފައިވާ ކަމަށް. އަދި މިދެންނެވި ހަޅޭކުގެ އަޑު އިތުރު ފަރާތްތަކަށް އެނގިފައިވާ ކަމަށް ވެސް ތަހުގީގަށް ފާހަގަ ކުރެވިފައިވޭ،" ޝަތީހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރިލްވާނަށް ފާރަލުމުގައި އިސްކޮށް އުޅުނު ސުވައިދު އާއި އާލިފް ރައޫފާ ދެމީހުންނަކީ އެއް ގްރޫޕަކަށް ނިސްބަތްވާ ގާތްގުޅުމެއް އޮންނަ ދެ މީހުންކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

ރިލްވާންގެ ފޯނުގެ ނެޓުވޯކް ގެއްލިފައިވާ ހިސާބެއް ބެލުމަށް ކުރި މަސައްކަތްތަކުގެ ތަފްސީލު ވެސް ފުލުހުން ވަނީ މިއަދު ހިއްސާކޮށްފައެވެ.

ޝަތީހު ވިދާޅުވީ އެ ފޯނު އޭގެ ޒާތުގައި ސުވިޗް އޮފްކޮށްލާފައިނުވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

ރިލްވާންގެ ފޯނު އެންމެ ފަހުން ހިޓްވެފައި ވަނީ ފުލްމޫން ރިސޯޓުގެ ޓަވަރަކަށް ކަމަށާއި އެޓަވަރަށް ހިޓްވާ އެންމެ ދުރުހިސާބަކީ ހުޅުމާލޭ ބާބެކިޔު ސަރަހައްދުގެ ވަކި ހިސާބެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަހްމަދު ރިލްވާންގެ ފޯންގެ ނެޓްވޯކް ގެއްލިފައިވާ ހިސާބެއް ބެލުމަށް ކުރި މަސައްކަތުން ފާހަގަކުރެވިފައި ވަނީ ނެޓްވޯކަށް ރިލްވާންގެ ފޯނު އެންމެ ހިޓްވެފައި ވަނީ ފުލްމޫން ރިސޯޓުގެ ޓަވަރަކަށް ކަން. އަދި މިޓަވަރަށް ހިޓްވާ އެންމެ ދުރު ހިސާބެއް ބެލުމަށް ޓެކްނިކަލް މީހުންނާ އެކު ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވި، އެގޮތަށް ބެލި ބެލުމުން ހުޅުމާލޭ ބާބެކިއު ސަރަހައްދުގެ ވަކި ހިސާބަކުން އެޓަވަރަށް ޚިދުމަތް ލިބޭކަން ވެސް ފާހަގަކުރެވޭ. ދެންނެވުނު ލޮކޭޝަނަށް ހިޓްވުމަށްފަހު އެ ފޯނު ވަނީ ނެޓްވޯކަށް ގެއްލިފައި،" ޝަތީހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރިލްވާން ލިޔާ ލިޔުންތަކާ ގުޅޭގޮތުން ދީނީގޮތުން ހަރުކަށި ގޮތްތައް ގެންގުޅޭ ފަރާތްތަކުގެ އިންޒާރު ރިލްވާނަށް ލިބިފައިވާ ކަމަށާއި ނަމަވެސް އެ މައްސަލާގައި ހައްޔަރުކުރި އެއްވެސް މީހަކީ އެފަދަ މީހެއް ނޫން ކަމަށެވެ.

"އެކަން އިތުރަށް އަޅުގަނޑުމެން މިދަނީ ބަލަމުން،" ޝަތީހު ވިދާޅުވިއެވެ.

އެ މައްސަލައާ ގުޅިގެން މާލެ އާއި އަތޮޅުތެރެއިން ގިނަ އަދަދެއްގެ ތަންތަން ބަލައި ފާސްކޮށްފައިވާ ކަމަށް ވެސް ޝަތީހު ވިދާޅުވިއެވެ.

ރިލްވާން ގެއްލުނު މައްސަލާގައި ބަލައިފާސްކުރި ތަންތަނުގެ ތަފްސީލު

  • ހުޅުމާލޭގެ ގޭގެއާ ގަރާޖުތަކާ ގުދަންތައް ހިމެނޭގޮތަށް 139 ތަނެއް ބަލައިފާސްކޮށްފައިވޭ.
  • މާލެއިން 14 ގެއެއް ބަލައިފާސްކޮށްފައިވޭ.
  • މާލެ ވިލިނގިލީގެ ހުސްބިން ހިމެނޭ ސަރަހައްދުތަކާއި ގޮނޑުދޮށް އަދި ހަތަރު ގެއެއް ބަލައިފާސްކޮށްފައިވޭ.
  • ބައެއް ރަށްރަށުގެ ގެސްޓުހައުސްތަކާއި ގޭގެ ބަލައިފާސްކޮށްފައިވޭ.
  • މުޅި ހުޅުމާލޭގެ ބީޗް ސަރަހައްދާއި އެންމެހައި ހުސްބިންތަކާއި ވަށައިގެންވާ މޫދުގެ ސަރަހައްދު
  • ވަށައިގެންވާ މޫދުގެ ސަރަހައްދު ކަނޑުގެ ސަރައްދު ޑައިވްކޮށް ބަލާފައިވޭ.
  • ހުޅުމާލޭ ކައިރިން އޮންނަ ފަރުކޮޅު ފުށީގެ ހުރިހާ ސަރަހައްދެއް ބަލައި ފާސްކުރެވިފައިވޭ.
  • ހުޅުމާލޭގެ ފަޚުތެރެއާއި ހުޅުމާލޭގެ ކައިރި ސަރަހައްދުތަކުގެ 521 މިނެޓުގެ ޑައިވް ކުރެވިފައިވޭ.
  • އެޑައިވްތަކާއި ފީނުންތަކުގައި ޖުމްލަ ދެލައްކަ ފަސްދޮޅަސް ހާހަށްވުރެ އަކަމީޓަރުގެ ބޮޑު ސަރަހައްދެއް ބަލާފައިވޭ.
  • ހުޅުމާލޭ ފަޅުގެ ސަރަހައްދުގައި އަޅާފައިވާ ސަފާރީތަކާއި އޮޑިދޯނި ފަހަރު ހިމެނޭގޮތަށް 84 ކަނޑު އުޅަނދު ބަލައިފާސްކޮށްފައިވޭ.
  • އަތޮޅުތެރޭގެ އެކި ރަށްރަށުގެ އެކި ސަރަހައްދުތައް ވެސް ބަލައި ފާސްކޮށްފަވޭ.
  • މާލެއާ ހުޅުމާލެ ހިމެނޭގޮތަށް 85 ތަނަކުން 168 ކެމެރާ، 1919 ގަޑިއިރުގެ ވީޑިއޯ ފްޓޭޖް ދިރާސާކޮށްފަވޭ.
  • ރިލްވާން ދަތުރުކޮށްފަހުރި މަގުތަކުގެ ސެލް ޓަވަރުތަކަށް ހިޓްވެފައިވާ 6 ލައްކައަށް ވުރެ ގިނަ ނަންބަރުތައް ބަލާފައިވޭ.
  • މިހާތަނަށް 134 މީހަކާ ސުވާލުކޮށް ބަޔާން ނަގާފައިވޭ.
  • މިހާތަނަށް 398 މީހަކާ ސުވާލުކޮށް މައުލޫމާތު އޮޅުންފިލުވާފައިވޭ.
  • ރިލްވާން ދިރިއުޅުނު އެޕާޓްމަންޓު ކައިރީ ހުރި 77 އެޕާޓްމަންޓަކަށް ގޮސް ސުވާލުކޮށްފަވޭ.