03 Apr 2016, 01:31
ތައުލީމު ހާސިލުކުރާ ފަރާތްތަކަށް ޚާއްސަ އެޑިއުކޭޝަން ފައިނޭންސިން ޚިދުމަތެއް މޯލްޑިވްސް އިސްލާމިކް ބޭންކުން ފަށަން ނިންމައިފި އެވެ.
އެ ބޭންކުގެ ގޮތްޕެއް ގދ. ތިނަދޫގައި ހުޅުވުމަށް މިއަދު ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން، އިސްލާމިކް ބޭންކުގެ ސީއީއޯ ހާރިސް ހާރޫން ވިދާޅުވީ، އެމްއައިބީން ގެންދަނީ މެދުކެނޑުމެއް ނެތި އާ ޚިދުމަތްތަކަކާއި ޕްރޮޑަކްޓްތަކެއް ތައާރަފު ކުރަމުން ކަމަށެވެ.
ހާރިސް ވިދާޅުވީ، ދާދި އަވަހަށް އެ ބޭންކުން އެޑިއުކޭޝަން ފައިނޭންސިން ޚިދުމަތެއް ފަށާނެ ކަމަށެވެ. ނަމަވެސް މިކަމާ ބެހޭ އިތުރު އެއްޗެއް ހާމައެއް ނުކުރައްވަ އެވެ.
ހާރިސް ވިދާޅުވީ، ދާދި އަވަހަށް އެ އެމްއައިބީއިން އިންވެސްޓިންގ ބޭންކިން ޔުނިޓަކާއި، ބައިނަލްއަގްވާމީ ޑެބިޓް ކާޑު ސާވިސް ވެސް ތައާރަފު ކުރާނެ ކަމަށެވެ.
މީގެ އިތުރުން، މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާއި ގުޅިގެން، އެ ކޯޕަރޭޝަނުގެ މެމްބަރުން ހައްޖާއި އުމްރާ ވުމަށް، އެމްއައިބީގެ ބްރާންޗުތަކާއި އިންޓަނެޓު ބޭންކިން މެދުވެރިކޮށް ފައިސާ ރައްކާ ކުރެވޭނެ ނިޒާމެއް ތައާރަފު ކުރުމަށް ނިންމާފައި ވާނެ ކަމަށާއި، އަމާނާ ތަކާފުލްއާ ގުޅިގެން އިސްލާމިކް ބޭންކުން ތަކާފުލްގެ ޚިދުމަތް ވެސް ދިނުމުގެ މަޝްވަރާތައް ކުރަމުން ދާ ކަމަށެވެ.
"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ހަމައެކަނި މޯލްޑިވްސް އިސްލާމިކް ބޭންކުގެ ކުރިއެރުމަކަށް ނޫން. މިއީ ރާއްޖޭގައި އިސްލާމިކް ބޭންކިންގެ ނިޒާމަށަށް މިފަދަ ތަރައްގީތައް ގެނައުމަށް ކުރާ މަސައްކަތެއް،" އޭނާ ވިދާޅުވި އެވެ.