02 Apr 2016, 20:02
ޝަރީއަތްތަކާ މެދުގައި ރައްޔިތުންގެ މެދުގައި ނުތަނަވަސްކަމާއި ނަފްރަތު އުފެދޭ ގޮތަށް އެއްވެސް މީޑިއާއަކުން އެފަދަ ހަބަރެއް ފަތުރައި ގެނެސްދޭނަމަ، އެ ފަރާތެއް ޝަރީއަތަށް ހާޒިރުކޮށް ގާނޫނުގެ ތެރެއިން އެ ފަރާތަކާމެދު ފިޔަވަޅު ނާޅައި ދޫކޮށްލެވެން ނޯންނާނެ ކަމަށް ސިވިލް ކޯޓުން މިއަދު ބުނެފި އެވެ.
"ހަވީރު" ނުހާ ގުޅޭ ގޮތުން ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު، ބައެއް މީޑިއާތަކުން ރިޕޯޓު ކުރި ގޮތާމެދު ކަންބޮޑުވުންފާޅުކޮށް އެ ކޯޓުން މިއަދު އާންމުކުރިބަޔާނެއްގައިބުނީ ހަވީރު ނޫސް ހުއްޓާލުމުގެ އެ ކޯޓުން އަމަރުކޮށްފައި ނުވާ ކަމަށެވެ.
ހައި ކޯޓުގެ ގަޟިއްޔާއަކަށް ހަވާލާދީ އެ ބަޔާނުގައި ބުނެފައި ވަނީ ހަވީރު ނޫހާއި ހަވީރު ނޫސް އެޖެންސީއަކީ އިބްރާހިމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގު ހަސަން އާއި މުހައްމަދު ޒާހިރު ހުސައިން އާއި މުހައްމަދު ނައީމުއާ ހަމަހަމައަށް ހިއްސާވާ ތަންތަން ކަމަށެވެ. ޒާހިރު ހުސައިން ހިއްސާވާ މިންވަރަކީ 25 ޕަސެންޓު ކަމަށާއި އިބްރާހިމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގު ހަސަންގެ ޖުމްލަ ހިއްސާއަކީ 50 ޕަސެންޓު ކަމަށްވާއިރު އިބްރާހިމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގު ހަސަންގެ ބައިވެރިވުމެއް ނެތް ގޮތަށް އެތަން ނުހިންގުމަށް އަމުރުކޮށްފައިވާ ކަމަށް ބަޔާނުގައިވެ އެވެ.
"މި އަމުރުގައި ހަވީރު ނޫސް ހުއްޓާލުމުގެ މައްޗަށް އަމުރުކޮށްފައި ނުވާ ކަމާއި، އެހެންކަމަށްވުމުން އިމްރާހިމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގު ހަސަން ތަމްސީލުވާ ގޮތަަށް ހަވީރު ނޫހާއި ހަވީރު ނޫސް އެޖެންސީ ހިންގުމަކީ މަނާވެގެންވާ ކަމެއް ނޫންކަމަށް މި އަމުރުން އެނގެން އޮންނަ ކަމަށް،"ސިވިލް ކޯޓު
އެބަޔާނުގައިއިތުރަށް ބުނެފައި ވަނީ ސިވިލް ކޯޓުގައި ހިނގަމުންދާ އެއްވެސް މައްސަލައެއްގައި ކުރާ ޝަރީއަތެއްގެ ތަސައްވުރު ގެއްލޭ ގޮތަށް ނުވަތަ ޝަރީއަތަށް ނުފޫޒު ފޯރުވޭނެ މަގުން މީޑިއާގެ އެއްވެސް ވަސީލަތެއް މެދުވެރިކޮށް އެއްވެސް ހަބަރެއް ނުފެތުރުމަށް ނަސޭހަތްތެރިވާ ކަމަށެވެ.
ކޯޓުގައި ހިނގަމުންދާ ޝަރީއަތެއްގައި ނެރޭ އަމުރުތަކާ ހުކުމްތައް ހަބަރު ފަތުރާ ވަސީލަތްތަކުން ގެނެސްދޭން ވާނީ އެ އަމުރެއް ނުވަތަ ހުކުމެއްގައި ބަޔާންކޮށްފައިވާ ހުރިހާ ކަމަކަށް އެއްވެސް ބަދަލެއް ނުގެނެސް ކަމަށް ސިވިލް ކޯޓުގެބަޔާނުގައިވެ އެވެ.
އެ ނޫން ގޮތަކަށް އެ އަމުރެއްގެ ނުވަތަ ހުކުމެއްގެ ނަތީޖާ އާއި މަގުސަދު ގެއްލޭގޮތަށް، ޝަރީއަތްތަކާ މެދުގައި ރައްޔިތުންގެ މެދުގައި ނުތަނަވަސްކަމާއި ނަފްރަތު އުފެދޭ ގޮތަށް އެއްވެސް މީޑިއާއަކުން އެފަދަ ހަބަރެއް ފަތުރައި ގެނެސްދޭނަމަ، އެ ފަރާތެއް ޝަރީއަތަށް ހާޒިރުކޮށް ގާނޫނުގެ ތެރެއިން އެ ފަރާތަކާމެދު ފިޔަވަޅު ނާޅާ ދޫކޮށްލެވެން ނޯންނާނެ ކަމަށެވެ.
ކޯޓުން ނެރޭ އަމުރުތަކާއި ހުކުމްތަކާ މެދުގައި ހިތްހަމަ ނުޖެހޭނަމަ އެ އަމުރެއް ނުވަތަ ހުކުމެއް ރައްދުވާ ފަރާތަށް ނުވަތަ ހުކުމުގެ މަސްލަހަތު އޮތް ފަރާތަކަށް އޮތީ އެ އަމުރެއް ނުވަތަ ހުކުމް އިސްތިއުނާފު ކުރުންކަން ގާނޫނުއަސާސީން ކަށަވަރުކޮށްފައިވާ ފަނޑިޔާރުގޭގެ ހައިރާކީ އިން އެނގެން އޮންނާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.