02 Apr 2016, 18:01
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު ދުވަހުގެ ރޭ އޭނާއަށް ބަޔަކު ފާރަލަމުންދިޔަ ކަމަށާއި އެ މީހުންނަކީ ކުޑަހެންވޭރަށް ނިސްބަތްވާ ބައެއް ކަމަށް ފުލުހުން ބުނެފި އެވެ.
ރިލްވާން ގެއްލުނުތާ 603 ދުވަސް ފަހުން، އޭނާގެ ގެއްލުނު މައްސަލާގެ ތަހުގީގާ ގުޅޭ ގޮތުން އިސްކަންދަރު ބިލްޑިންގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިންޓެންޑެންޓު އޮފް ޕޮލިސް އަބްދުﷲ ޝަތީހު ވިދާޅުވީ ރިލްވާން "ދިރިހުރިކަން ނުވަތަ ނޫން ކަން ކަށަވަރުކަމާއެކު" ދަންނަވަން ނޭނގޭ ކަމަށެވެ.
ފުލުހުން ހާމަކުރި މުހިންމު ވާހަކަތައް:
- ރަތް ކުލައިގެ ކާރުން ފެނުނު ޑީއޭންއޭ ރިލްވާންގެ މަންމަގެ ޑީއެންއޭއާ ދިމާވޭ
- ހުޅުމާލޭގައި ދުއްވި ރަތް ކުލައިގެ ކާރަކީ ކުޑަހެންވޭރު މީހަކަށް ނިސްބަތްވާ މީހެއްގެ ކާރެއް
- އެ ކާރު ހުޅުމާލެއަށް ގެންގޮސްފައިވަނީ ގަވާއިދާ ހިލާފަށް
- އެންމެ ފަހުން ރިލްވާން ފެނިފައިވަނީ ހުޅުމާލެ ފެރީން
- މައްސަލާގައި ހައްޔަރު ކުރި ފަސް މީހުން ދޫކޮށްލީ ކޯޓުން
- ކޯޓުން ދޫކޮށްލި ފަސް މީހުންގެ ތެރެއިން އެކަކުވީ ރާއްޖެއިން ބޭރުގައި
ޝަތީހު ވިދާޅުވީ އޭނާ ގެއްލުނު ރޭ، އޮގަސްޓް 8، 2014 ވަނަ ދުވަހުގެ ރޭ މާލޭގެ އެކި ސަރަހައްދުތަކުގައި އޭނާ އުޅުނުއިރު، އޭނާގެ ފަހަތުން ބަޔަކު ފާރަލަމުންދިޔަ ކަމަށެވެ. ހުޅުމާލޭގައި ދިރިއުޅޭ ރިލްވާން މާލޭގައި އުޅުމަށްފަހު އެނބުރި ހުޅުމާލެއަށް ދިއުމަށް މާލޭގައި ހުންނަ ފެރީޓާމިނަލަށް ވަންނަންދެން ބަޔަކު އޭނާއަށް ފާރަލަމުންދިޔަ ކަމަށް ޝަތީހު ވިދާޅުވި އެވެ.
ފާރަލާ މަންޒަރު ދައްކުވައިދޭ ވީޑިއޯ ފްޓޭޖެއް ވެސް ފުލުހުން ވަނީ މިއަދު ނޫސްވެރިންނަށް ދައްކާލާފައެވެ.
އޭނާ ވިދާޅުވީ ރިލްވާން ގެއްލުނު މައްސަލައިގެ ތަހުގީގަށް ފަސް މީހަކު ހައްޔަރު ކުރި ކަމަށާއި އެ މީހުން ކޯޓުން ދޫކޮށްލާފައިވާ ކަމަށެވެ. އެ ފަސް މީހުންގެ ތެރެއިން ރިލްވާން މާލޭގައި އުޅެނިކޮށް އޭނާއަށް ފާރަލި މީހެއް ކަމަށްވާ، ސ. ހުޅުދޫ، އަތިރިއާގެ، މުހައްމަދު ސުވައިދު ރާއްޖެއިން ބޭރަށް ގޮސްފައިވާ ޝަތީހު ވިދާޅުވި އެވެ. އޭނާއަކީ ރިލްވާން ގެއްލުވާލުމުގައި އިސްކޮށް ހަރަކާތްތެރިވި މީހާ ކަމަށް ފުލުހުން ވަނީ ތުހުމަތުކޮށްފަ އެވެ.
ޝަހީތު ވިދާޅުވީ ރިލްވާން ގަދަކަމުން އެރުވި ކަމަށް ބުނާ ރަތް ކުލައިގެ ކާރަކުން ފެނުނު ފަސް އިސްތައްޓެއްގެ ޑީއެންއޭ ޗެކުކުރުމުން، އޭގެ ތެރެއިން އިސްތައްޓެއް ރިލްވާންގެ މަންމަގެ ޑީއެންއޭއާ ދިމާވާ ކަމަށެވެ.
އެކާރު ރަޖިސްޓްރީކޮށްފައި އޮތީ ހ. ހިލްޓަން އާލިފް ރައޫފްގެ ނަންމަތީގައި ކަމަށާއި މިހާރު އޭނާ ވެސް ހުރީ ރާއްޖެއިން ބޭރުގައި ކަމަށް ސަތީހު ވިދާޅުވިއެވެ.
އާލިފް ރައޫފް އެ މައްސަލާގައި އެއްވެސް އިރެއްގައި ހައްޔަރުކޮށްފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް ސުވައިދަކީ ކުރިން ހައްޔަރުކޮށް ދޫކޮށްލާފައިވާ މީހެއް ކަމަށް ސަތީހު ވިދާޅުވިއެވެ.
ރިލްވާން އެންމެ ފަހުން ފެނުނީ ހުޅުމާލެއިން ފޭބުމަށްޓަކާ ފެރީގެ ގޮނޑިން ތެދުވެހުއްޓާ ކަމަށް ޝަތީހު ވިދާޅުވި އެވެ.
ރިލްވާން ގެއްލުނުރޭ ހުޅުމާލޭގެ އެކި ސަރަހައްދު ޗެކްކުރި ފުލުހުންނަށް އެ ކާރު ފެނުނު ކަމަށާއި އޭރު އެ ކާރުގައި ހުރީ ތަޅުލާފައި ކަމަށް ސަތީހު ވިދާޅުވިއެވެ. އެއިރު އެކާރަކީ އެ މައްސަލާގައި ތުހުމަތު ކުރެވޭ ކާރެއްކަމަށް ބެލެވިފައިނުވާތީ އެކާރު އެއިރު ޗެކްކޮށްފައިނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.