02 Apr 2016, 18:42
ބްރަސެލްސް (އޭޕްރިލް 2): ފްރާންސަށް ހަމަލާދޭން ރޭވިކަމުގެ ތުހުމަތުގައި ބެލްޖިއަމް އިން ތިން ވަނަ މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށްފި އެވެ.
ބެލްޖިއަމްގެ ފުލުހުން ހަމައެކަނި ބުނެފައި ވަނީ ދައުވާ ކޮށްފައި ވަނީ 35 އަހަރުގެ ވައި އޭ ކިޔާ މީހެއްގެ މައްޗަށް ކަމަށެވެ.
"އޭނާގެ މައްޗަށް ކޮށްފައި ވަނީ ޓެރަރިސްޓު ގުރޫޕެއްގެ ހަރަކާތްތަކުގައި ބައިވެރިވި ކަމުގެ ދައުވާ،" ބެލްޖިއަމްގެ ފެޑެރަލް ޕްރޮސިކިއުޓާސް އޮފީހުން ބުންޏެވެ.
ފްރާންސަށް ހަމަލާ ދޭން ރޭވުމާ ގުޅިގެން މިއަދު ދައުވާ ކުރި މީހާގެ އިތުރުން ބެލްޖިއަމް އިން ވަނީ އަބްދުއްރަހްމާން އޭ އާއި ރަބާހް އެމް ކިޔާ މީހަކު ހައްޔަރުކޮށްފަ އެވެ. އެ ހަމަލާ ރޭވުމުގައި އެންމެ އިސްކޮށް އުޅުނު ކަމަށް ތުުހުމަތު ކޮށްފައި ވަނީ ރިދާ ކްރިކެޓް ކިޔާ މީހެއްގެ މައްޗަށެވެ. މިދިޔަ ހަފްތާ ތެރޭގައި ރިދާގެ ގެއިން ހަތިޔާރާއި ގޮވާ ތަކެތި ފެނުމާ ގުޅިގެން އޭނާ ހައްޔަރު ކުރީ ޕެރިސް ކައިރިންނެވެ.
ޕެރިހުގެ ޕްރޮސިކިއުޓަރު ވިދާޅުވީ ހަމަލާ ދޭން ރޭވީ ކޮންތަނަކަށް ކަން ޔަގީންވެފައި ނުވާ ކަމަށެވެ. ނަމަވެސް، ހައްޔަރު ކުރި މީހާގެ ގެއިން ފެނުނު ހަތިޔާރުން ވަރުގަދަ ހަމަލާއެއް ދޭން ރޭވި ކަން އެނގިފައިވާ ކަމަށް ޕްރޮސިކިއުޓަރު ވިދާޅުވި އެވެ.
ފްރާންސަށް ހަމަލާދޭން ރޭވުމުގައި ބައިވެރިވުމާ ގުޅިގެން ނެދަލޭންޑްސް އިން ވެސް ވަނީ މީހަކު ހައްޔަރުކޮށްފަ އެވެ.
ފްރާންސުގެ ޕެރިހަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހަމަލާ ދިން މީހުންނާއި ބްރަސެލްސްއަށް މިދިޔަ މަހު ހަމަލާ ދިން މީހުންނާ ގުޅުމެއްވާ ކަން އެނގުމުން، ޔޫރަޕުގެ ބޯޑަރުތައް ހުރަސް ކުރާ ހަނގުރާމަވެރިން ހުއްޓުވުމަށް ވަރުގަދަ ފިޔަވަޅު އެޅުމަށް ޔޫރަޕަށް ޕްރެޝަރު ކުރާ ފަރާތްތަކުގެ ނިސްބަތް ވަނީ އިތުރުވެފަ އެވެ. (އޭއެފްޕީ)