ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ސައުދީ އަރަބިއްޔާއަށް ވަޑައިގެންފި އެވެ.

މޯދީ މިއަދު ސައުދީއަށް ވަޑައިގެންފައި ވާއިރު، މޯދީއަކީ ސައުދީއަށް ވަޑައިގެންނެވި އިންޑިއާގެ ހަތަރު ވަނަ ބޮޑުވަޒީރެވެ. އޭގެ ކުރިން މަންމޯހަން ސިންގް، އިންދިރާ ގާނދީ އަދި ޖަވާހަރްލާލް ނެހްރޫ ވެސް ވަނީ ސައުދީއަށް ވަޑައިގެންފަ އެވެ.

އެ ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ، އަދިވެސް އެހެނިހެން ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ އެވެ.

މޯދީ ސައުދީއަށް ވަޑައިގެންފައި ވާއިރު، ވޮޝިންގޓަނުގައި ކުރިއަށް ދިޔަ ނިއުކްލިއަރ ސެކިއުރިޓީ ސަމިޓުގައި އެމަނިކުފާނު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ނިއުކްލިއަރ ސެކިއުރިޓީ ސަމިޓުގައ ދުނިޔޭގެ 50 ށް ވުރެ ގިނަ ގައުމުތަކުގެ ލީޑަރުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

އެ ސަމިޓަށްފަހު ސައުދީއަށް ފުރާވަޑައިގަތުމުގެ ކުރިން މޯދީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ވޮޝިންގޓަނުގައި ކުރިއަށް ދިޔައީ ވަރަށް ކާމިޔާބު ބައްދަލުވުންތަކެއް ކަމަށެވެ.