02 Apr 2016, 15:20
(ގދ.ތިނަދޫ):މޯލްޑިވްސް އިސްލާމިކް ބޭންކުގެ ތިންވަނަ ގޮފި، ގދ.ތިނަދޫގައި ރަސްމީކޮށް ހުޅުވައިފި އެވެ.
ގދ.ތިނަދޫގައި މިއަދު ކުރިޔަށް ދިޔަ ރަސްމިއްޔާތެއްގައި، އިސްލާމިކް ބޭންކުގެ ތިނަދޫ ބްރާންޗު ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަބްދުﷲ ޖިހާދެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކުގެ ސީއީއޯ ހާރިސް ހާރޫން ވިދާޅުވީ، މި ބްރާންޗުން، އިސްލާމިކް ބޭންކުގެ އެހެނިހެން ބްރާންޗުތަކުން ވެސް ލިބޭ ޚިދުމަތްތައް ލިބޭނެ ކަމަށެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކު ތިނަދޫ ބްރާންޗު -- ސަން ފޮޓޯ/މާހިލް މުހައްމަދު
އެ ބޭންކުގެ ސީއީއޯ ހާރިސް ހާރޫން ވިދާޅުވީ، ކުރިޔަށް އޮތް މަސް ދުވަސް ތެރޭގައި އިސްލާމިކް ބޭންކުގެ ދެ ގޮތްޕެއް ހުޅުމާލެއާއި ކުޅުދުއްފުށީގައި ވެސް ހުޅުވާނެ ކަމަށާއި، 2017 ވަނަ އަހަރު ވެސް އިތުރު ދެ ބްރާންޗު ހުޅުވާނެ ކަމަށެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރ އަބްދުﷲ ޖިހާދު ވިދާޅުވީ، އިސްލާމިކް ބޭންކުގެ ތިނަދޫ ބްރާންޗަކީ ރާއްޖޭގައި ހުރި އެމްއައިބީގެ ބްރާންޗުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ބްރާންޗަށް ހަދައިދެއްވާނެ ކަމަށެވެ.
މިއީ މޯލްޑިވްސް އިސްލާމިކް ބޭންކުން ރާއްޖޭގައި ހުޅުވި ތިންވަނަ ބްރާންޗެވެ. އަދި އަތޮޅު ތެރޭގައި ހުޅުވި ދެވަނަ ބްރާންޗެވެ. އިސްލާމިކް ބޭންކުގެ ބްރާންޗެއް މާލޭގައި އަދި އައްޑޫ ސިޓީގައި މިހާރު ވެސް ހުރެ އެވެ.