"ވެކޭޝަންސް އެކްސްޕޯ"ގެ ނަމުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓުރެވަލް ފެއާ އެއް ބޭއްވުމަށް ނިންމައިފި އެވެ.

ހައި ރައިޒް އިން އިންތިޒާމުކޮށްގެން ބާއްވަން ނިންމާފައިވާ ޓުރެވަލް ފެއާ ކުރިއަށް ދާނީ އަންނަ އޯގަސްޓު މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ހަ ވަނަ ދުވަހާ ހަމައަށެވެ.

ހައި ރައިޒް އިން ބުނީ، އެ ފެއާގައި ދިވެހިރާއްޖޭގައި މަސައްކަތް ކުރާ އެހެން ގައުމުތަކުގެ މީހުންނަށާއި، ރާއްޖެ އަށް ޗުއްޓީ ހޭދަކޮށްލަން އަންނަ ފަރާތްތަކަށް ލިބެން ހުރި ގިނަ ހިދުމަތްތަކެއް ދައްކުވައިދޭނެ ކަމަށެވެ.

އެގޮތުން އެ ފެއާގައި ޓުރެވަލް ޕެކޭޖްތަކާއި، ހިދުމަތްތަކުގެ އިތުރުން އޭޝިޔާ ސަރަހައްދުގައި ދިވެހިންނަށް އެންމެ ފުރިހަމަ ހިދުމަތްތައް ދޭ އެންމެ ފާހަގަކޮށްލެވޭ ޓުރެވަލް ކުންފުނިތަކުގެ މައުލޫމާތު ވެސް ލިބިގެންދާނެ އެވެ.

ފެއާ އިން ލިބިގެންދާނެ ބައެއް މައުލޫމާތު:

  • ރާއްޖެއަށް އަދި ރާއްޖެއިން ދަތުރު ކުރާ އެއާލައިންތައް

  • ޑޮމެސްޓިކް ޓްރާންސްޕޯޓްގެ ހިދުމަތް ދޭ ފަރާތްތައް
  • ރާއްޖެ، ސްރީލަންކާ، އިންޑިއާ، ސިންގަޕޫރު، މެލޭޝިޔާ އަދި ތައިލެންޑުގެ ހޮޓާތަކާ ގެސްޓު ހައުސްތައް
  • މޫދު ކުޅިވަރުތައް

އެ ފެއާގެ މަގުސަދަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިޝްތިހާރު ކުރުމާއި އެ ދާއިރާ އިތުރަށް ފުޅާކުރުމެވެ. އަދި އެ ފެއާ އަކީ ޓުއަރިޒަމް ދާއިރާގައި ފުންނާބު އުސް އެތައް ފަރާތްތަކެއް އެކުގައި އެއްތަނަކުން ފެނިގެންދާނެ ޕްލެޓްފޯމަކަށް ވެގެންދާނެ ކަމަށް ވެސް ހައި ރައިޒް އިން ބުނެ އެވެ.