02 Apr 2016, 15:24
ވޮޝިންޓަން (މާޗް 2): އެމެރިކާގެ އަސްކަރިއްޔާ އިން ދިން ހަމަލާއެއްގައި ސޯމާލިއާގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އަލް ޝަބާބުގެ އިސް ލީޑަރަކު މަރާލާފައިވާ ކަމަށް އެމެރިކާގެ އޮފިޝަލުން އިއްޔެ ބުނެފި އެވެ.
ސޯމާލިއާގެ ދެކުނުގައި އޮންނަ ޖީލިބްއާ 32 ކިލޯ މީޓަރު ދުރުން ހަސަން އަލީ ދޫރު އާއި އިތުރު ދެމީހަކު މަރާލާފައި ވަނީ އެމެރިކާގެ އަސްކަރިއްޔާ އިން އެ ގައުމުގެ ޓެރަރިސްޓު ގުރޫޕުތަކަށް އަމާޒުކޮށް އެއް މަހުގެ ތެރޭގައި ދިން ދެވަނަ ހަމަލާގަ އެވެ.
އަލްޝަބާބުން މިދިޔަ އަހަރު ސޯމާލިއާގެ ވެރިރަށް މޮގައްދިޝޫ އަށް ދިން ދެ ހަމަލާއެއްގައި މަރުވި މީހުންގެ ތެރޭގައި އެމެރިކާ އަށް ނިސްބަތްވާ މީހުން ވެސް ހިމެނެ އެވެ. އެމެރިކާގެ އޮފިޝަލުން ބުނި ގޮތުގައި ހަސަން ވަނީ އެ ހަމަލާތައް ދިނުމަށް އަމަލީ އެހީ ފޯރުކޮށްދީފަ އެވެ.
މިދިޔަ މަހުގެ ފަސް ވަނަ ދުވަހު އެމެރިކާގެ އަސްކަރިއްޔާ އިން އަލް ޝަބާބުގެ ޓްރެއިނިން ކޭމްޕަކަށް ދިން ހަމަލާއެއްގައި އެ ޖަމާއަތުގެ 100 މީހަކު މަރުވި އެވެ.
ޕެންޓަގަންގެ ޕްރެސް ސެކްރެޓަރީ ޕީޓާ ކުކް ވިދާޅުވީ އަލް ޝަބާބަކީ "އަލް ގައިދާ"ގެ ބައެއް ކަމުން އެ ޖަމާއަތަށް ހަމަލާ ދިނުމުގެ ހައްގު އެމެރިކާ އަށް ލިބިގެންދާނެ ކަމަށެވެ.
އަލް ޝަބާބަކީ އަލް ގައިދާއާ ގުޅިފައިވާ ޖަމާއަތެއްކަމަށް ބުނެފައި ވަނީ 2012ގައި ާއްމުވި، ސައްހަކަން ޔަގީން ނުވާ އަލް ޝަބާބުގެ ވީޑިއޯއެއްގަ އެވެ. (ގާޑިއަން)