ރިޔާދް (އޭޕްރިލް 2):ތެލަށް ބަރޯސާވުން ހުއްޓުވުމަށް ސައުދީ އަރަބިއާއިން ދެ ޓްރިލިއަން ޑޮލަރުގެ ފަންޑެއް ގާއިމު ކުރަން ރާވާމުން ދާކަމަށް އެގައުމުގެ ޑެޕިއުޓީ ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާން ވިދާޅުވެއްޖެ އެވެ.

ދެ ޓްރިލިއަން ޑޮލަރުގެ ހިއްސާ ކޮންޓްރޯލު ކުރާނެ ކަމަށް ސައުދީން ބުނާ ޕަބްލިކް އިންވެސްޓްމެންޓް ފަންޑު (ޕީއައިއެފް)ގެ ހިއްސާގެ އަގު އިތުރު ކުރަން ނިންމާފައި ވަނީ އެގައުމުގެ ސަރުކާރަށް ނިސްބަތްވާ އަރާމްކޯގެ ހިއްސާ ވިއްކާލައިގެން ކަމަށް ޕްރިންސް ސަލްމާން ވިދާޅުވި އެވެ.

"ޝައްކެއް ނެތް ގޮތުގައި އެއީ ދުނިޔޭގެ އެންމެ ބޮޑު ފަންޑަށް ވެގެން ދާނެ. އެކަންތައް ވާނީ އަރާމްކޯގެ ހިއްސާތައް ވިއްކާލުމުން،" ޕްރިންސް ސަލްމާން ވިދާޅުވި އެވެ.

ޮްއަރާމްކޯގެ ފުރަތަމަ ހިއްސާ 2018 ވަނަ އަހަރު ނުވަތަ މިއަންނަ އަހަރުވެސް ވިއްކާލަފާނެ ކަމަށް ޕްރިންސް ސަލްމާން ވިދާޅުވި އެވެ.

ޕީއައިއެފްގައި މިހާރުވެސް ދުނިޔޭގެ ދެވަނައަށް އެންމެ ގިނައިން ކެމިކަލް އުފައްދާ ކުންފުނި ކަމަށްވާ ސައުދީ ބޭސިކް އިންޑަސްޓްރީސް އަދި ސައުދީގެ އެންމެ ބޮޑު ބޭންކު، ނެޝަނަލް ކޮމާޝަލް ބޭންކްގެ ހިއްސާ އޮންނަ ކަމަށް ޕްރިންސް ސަލްމާން ވިދާޅުވި އެވެ.

"މިހާރު ކުރަން އޮތް ކަމަކީ ތަފާތު ކަންކަމުގައި އިންވެސްޓު ކުރުން. އެގޮތަށް އަމަލު ކުރުމުން އަޅުގަނޑުމެން ވެގެންދާނެ މުޅިން ތެލަށް ބަރޯސާ ނުވާ އިގުތިސާދަކަށް ނުވަތަ ގައުމަކަށް،" ޕްރިންސް ވިދާޅުވި އެވެ.

ޕީއައިއެފްގެ ސެކްރެޓަރީ ޖެނެރަލް ޔާސިރު އަލްރުމައްޔާން ވަނީ ޕީއައިއެފްއިން ސައުދީން ބޭރުގައި ކުރާ އިންވެސްޓްމެންޓުތަކުގެ އަދަދު ފަސް ޕަސެންޓުން 50 ޕަސެންޓަށް 2020 އަންނަންވާއިރަށް އިތުރުކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވިދާޅުވެފަ އެވެ. (އާރްޓީ)