01 May 2011, 20:34
ރޭ މާލޭގައި ކުރި ފަދަ ކޮންމެ މުޒާހަރާއަކުން ވެސް ރައްޔިތުންނަށް ނޭދެވޭ އަސަރުކުރާނެ ކަމަށާއި އެހެން ނަމަވެސް ދެމިގެންވާ ގޮތެއްގައި ރައްޔިތުންނަށްވާ ދައްޗަކީ އެފަދަ ގެއްލުމަކަށް ވުރެ މާބޮޑު ގެއްލުމެއް ކަމަށް ޑީއާރުޕީން މިއަދު ބުނެފި އެވެ.
ރޭ ކުރި މުޒާހަރާއާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށްޓަކައި ޑީއާރުޕީގެ އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ޑީއާރުޕީގެ ނައިބު ލީޑަރު އިބުރާހިމް ޝަރީފު( މަވޯޓާ ޝަރީފު) މިއަދު ވިދާޅުވީ މިފަދަ ކޮންމެ މުޒާހަރާއަކުން ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވުމާއި ރައްޔިތުން ކަންބޮޑުވާ ފަދަ ކަންތައްތައް ހިނގާނެ ކަމީ ދެބަސްވެވެން ނެތް ހަގީގަތެއް ކަމަށެވެ. ނަމަވެސް ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިކަމަކީ ޑީއާރުޕީން ރޭގެ މުޒާހަރާގައި ބައިވެރިވި ސަބަބު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިބާވަތުގެ ކޮންމެ މުޒާހަރާއަކުން ރައްޔިތުންނަށް އޭގެ ނޭދެވޭ އަސަރު ކުރާނެ. އެއީ ޝައްކެއް ވެސް އޮތް ކަމެއް ނޫން،" ޝަރީފު ވިދާޅުވި އެވެ.
ޝަރީފު ވިދާޅުވީ މުޒާހަރާ ކުރަން ހުއްދަދީފައި ހުރި ތަންތަނުގައި މުޒާހަރާ ކުރުމުން މުޒާހަރާކުރާ މީހުންގެ އަޑު ސަރުކާރުން ނާހާ ނަމަ އެ ނޫން ތަންތަނުގައި މުޒާހަރާކުރުމަށް، މުޒާހަރާތައް އިންތިޒާމްކުރާ މީހުން އެހެން ގޮތަކަށް ވިސްނުން އެއީ ތޮބީއީ ކަމެއް ކަމަށެވެ.
މުޒާހަރާ ރޫޅާލުމަށް ޓަކައި ފުލުހުން ބާރުގެ ބޭނުން ކުރަންވާނީ މުޒާހަރާކުރާ މީހުންނާ ވާހަކަ ދައްކައިގެން ސުލްހަވެރި ގޮތެއްގައި މުޒާހަރާ ހުއްޓުވުމަށް ފަހުގައި ކަމަށާއި ބާރުގެ ބޭނުން ކުރަން ވާނީ މުޒާހަރާ ހަމަނުޖެހުމަކަށް ބަދަލުވާ ނަމަ ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.
ރޭގެ މުޒާހަރާ ކުރިއަށް ދިޔަ ވަގުތު ބައެއް ސައިކަލްތަކުގައި ވަނީ ހުޅުޖަހާފަ އެވެ.