02 Apr 2016, 13:36
ސްރީ ލަންކާގެ ދެކުނު ކަނޑުގެ ސަރަހައްދުން އެގައުމަށް އެތެރެކުރަން އުޅުނު 101 ކިލޯގެ ހެރޮއިން އަތުލައިގަނެފި އެވެ. މިއީ ލަންކާގެ ކަނޑުގެ ސިފައިންނާއި އެގައުމުގެ ޕޮލިސް ނާކޮޓިކްސް ބިއުރޯ (ޕީއެންބީ) އިން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިހާތަނަށް އަތުލައިގަތް އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗެވެ.
މިދިޔަ ބުދަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް އެ މަސްތުވާތަކެއްޗާ ގުޅިގެން ލަންކާގެ ކަނޑުގެ ސިފައިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ މައްސަލައިގެ އެންމެ އަޑީގައި ތިބި މީހުން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި އެތަކެއްޗަކީ ސްރީ ލަންކާ އާއި ޕާކިސްތާން އަދި އަފްގާނިސްތާނުގެ އެޖެންޓުން ގުޅިގެން ޕާކިސްތާނުން އެތެރެކުރަން އުޅުނު ތަކެތި ކަމަށް އެ ގައުމުގެ ކަނޑުގެ ސިފައިން ވަނީ ތުހުމަތުކޮށްފަ އެވެ.
ލަންކާގެ ކަނޑުގެ ސިފައިން ބުނީ، އެތަކެތި ލަންކާ އަށް އެތެރެކުރަން އުޅެފައި ވަނީ ލަންކާގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަންކުރާ މަސް ދޯންޏެއްގައި ކަމަށެވެ. އެ މައްސަލާގައި މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދޯންޏާ އެކު ޕާކިސްތާނުގެ މީހަކާއި 10 އިރާނުގެ ރައްޔިތަކު ވަނީ ހައްޔަރުކޮށްފަ އެވެ.
"މަސްތުވާތަކެތި ލަންކާ އަށް އެތެރެކުރަން މަސައްކަތްކޮށްފައި ވަނީ އުތުރުގެ އެކްސްޕްރެސްވޭ މެދުވެރިކޮށް. އަދި އެއަށް ފަހު ލަންކާގެ މައި އެޖެންޓުންނަށް ފޮނުވާލާގޮތަށް،" ޕާކިސްތާނުގެ ކަނޑުގެ ސިފައިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
މައުލޫމާތު: ޑެއިލީ މިރާ، ކޮލަމްބޯޕޭޖް