02 Apr 2016, 12:46
އަންނަ ރިޔާސީ އިންތިހާބު ރައީސް އަބްދުﷲ ޔާމީނަށް ކާމިޔާބު ކުރުމުގެ ބޭނުމުގައި ކުރިއަށް ގެންދާ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވާނެ ލީޑަރުން ތައްޔާރުކުރުމަށް ކުރިއަށް ގެންދާ މަހާސިންތާ ރާއްޖޭގެ ހުރިހާ ރަށްތަކެއްގައި ހިންގާނެ ކަމަށް ރައީސް ޔާމީނުގެ ކެމްޕޭނު އޮފީހުން ބުނެފި އެވެ.
މިއަދު އެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ޔާމީންގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވީ، އެކި ރަށްތަކުގައި ތިބި ރައީސް ޔާމީނަށް ތާއީދު ކުރާ ފަރާތްތަކުން މަހާސިންތާގައި ބައިވެރިވާން ބޭނުންވާ ކަމަށް ބުނެ އެކަމުގެ ޝަކުވާ ކުރަމުން އަންނަ ކަމަށެވެ.
"އެހެންކަމުން އަޅުގަނޑުމެންގެ ފަސްޓް ލޭޑީ ނިންމެވީ ހާއްސަކޮށް އެކްޓިވިސްޓުންނަށް އަމާޒުކޮށްގެން އަތޮޅުތަކުގައި މަހާސިންތާ ތަކެއް ބާއްވަން،" މުއާޒު ވިދާޅުވި އެވެ.
މުއާޒު ވިދާޅުވީ، އަތޮޅުތެރޭގައި ބާއްވާ މަހާސިންތާތައް ފެށުމަށް ނިންމާފައި ވަނީ ބ.އަތޮޅުން ކަމަށެވެ. އެގޮތުން އެ މަހާސިންތާ އަމާޒުކުރެވިފައި ވަނީ ބ.އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށްވެސް ޝާމިލުވާ ގޮތަށް ކަަމަށް ތިން ގްރޫޕަކަށް ބަހާލައިގެން ކަމަށެވެ.
ބ.އަތޮޅުގައި މަހާސިންތާ ކުރިއަށް ގެންދަން ނިންމާފައި ވަނީ އޭޕްރީލް މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން އަށް ވަނަ ދުވަހުގެ ނިޔަލަށެވެ. މާލެއިން ލެކްޗަރުން ގޮސްގެން ކުރިއަށް ގެންދާ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތު ބާއްވަން ހަމަޖެހިފައި ވަނީ އެ އަތޮޅު ވެރިކަންކުރާ ރަށް، އޭދަފުށީގަ އެވެ.
މުއާޒު ވިދާޅުވީ، ކުރިން ބޭއްވުނު މަހާސިންތާތަކަށް ވުރެ ބޮޑަށް، އަތޮޅުތެރޭގައި ކުރިއަށް ގެންދާ މަހާސިންތާ ތަކުގައި އަމަލީ މަސައްކަތްތައް ގިނަވާނެ ކަމަށެެވެ.
އަތޮޅުތެރޭގައި ކުރިއަށް ގެންދާ މަހާސިންތާތަކުގެ ތެރެއިން ރައީސް އަބްދުﷲ ޔާމީން ފެނިވަޑައިގަންނަވާނެ ކަމަށް މުއާޒު ވިދާޅުވި ނަމަވެސް، އެއީ ކޮން މަހާސިންތާއެއް ކަމެއް ޔަގީންކޮށް ދަންނަވަން ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެމަނިކުފާނު ހަމަ ވަގުތު ތަންދޭ މިންވަރަކުން ފެނިގެންދާނެ،" މުއާޒު ވިދާޅުވި އެވެ.
އަތޮޅުތެރޭގައި މަހާސިންތާތައް ކުރިއަށް ގެންދަނީ، އެވަގުތަކު އެންމެ އެކަށީގެންވާ ގޮތެއްގައި އެ މަސައްކަތް ކުރެވޭނެ އަތޮޅުތަކަށް ހާއްސަކޮށްގެން ކަމަށާއި، ބ.އަތޮޅު ނިމުމާއެކު އެހެން އަތޮޅެއްގައި މަހާސިންތާ ފަށާނެ ކަމަށް ތަރުޖަމާނު ވަނީ ވިދާޅުވެފަ އެވެ.
އެ މަހާސިންތާގެ ފުރަތަމަ ބުރު ހާއްސަކުރީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. ދެވަނަ ބުރު ހާއްސަކުރީ ފ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ރަށްތަކަށެވެ. އަދި ތިން ވަނަ ބުރު ހާއްސަ ކޮށްފައި ވަނީ މާލެ، ވިލިމާލެ އަދި ހުޅުމާލެ އަށެވެ.
މަހާސިންތާގެ ތިން ވަނަ ބުރު ނިންމާލި އިރު 1200 އަށް ވުރެ ގިނަ މެމްބަރުން ތަމްރީނު ކުރެވިފައިވާ ކަމަށް ކެމްޕޭނު އޮފީހުން ބުނެ އެވެ.