ކޭޕް ޓައުން (އޭޕްރިލް 2):ގެކޮޅު ހައްދަވަން ދައުލަތުގެ ފައިސާ ބޭނުން ކުރެއްވި މައްސަލައަށް ސައުތް އެފްރިކާގެ ރައީސް، ޖެކަބް ޒޫމާ މާފަށް އެދިވަޑައިގެންފި އެވެ.

ސައުތް އެފްރިކާގެ ކޮރަޕްޝަނުގެ މައްސަލަތައް ބަލާ، ޕަބްލިކް ޕްރޮޓެކްޓާއިން ވަނީ އެގައުމުގެ އިންކަންޑްލާގައި ހުންނަ ރައީސް ޒޫމާގެ ގެކޮޅު ހަދަން ދައުލަތުގެ 23 މިލިއަން ޑޮލަރު ހަރަދުކޮށްފައިވާ ކަމަށް 2014އިގަ ނިންމާފަ އެވެ. އަދި ގެކޮޅަށް ހަރަދު ކުރި ފައިސާގެ ތެރެއިން ސްވިމިން ޕޫލަކާއި އެމްފިތިއޭޓަރެއް އަޅަން ހަރަދުވި ފައިސާ އަނބުރާ ދެއްކެވުމަށް އަމުރުކޮށްފަ އެވެ.

އޭގެ ފަހުން ދެއަހަރުވެފައިވާ އިރު އެފައިސާ އަނބުރާ ނުދެއްކެވުމަކީ ގާނޫނާ ހިލާފުވުން ކަމަށް ސައުތް އެފްރިކާގެ އިސް ކޯޓަކުން ވަނީ ބުރާސްފަތި ދުވަހު ނިންމާފަ އެވެ.

ކޯޓުން ކުރި ހުކުމަށް ފަހު ރައީސް ޒޫމާ ދެއްވި ހިތާބެއްގައި ރައީސް ވަނީ ކޯޓު އަމުރަށް އިހުތިރާމް ކުރައްވާ ކަމަށާއި، ކޯޓުގެ އަމުރާ އެއްގޮތަށް އަމަލު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ގާނޫނާ ހިލާފުވެފައި ވަނީ ގަސްތުގައި ނޫން ކަމަށް ވިދާޅުވެފަ އެވެ.

"ގާނޫނު އަސާސީއާ ދެކޮޅަށް އަޅުގަނޑަށް އަމަލު ކުރެވިފައިވާ ނަމަ އެއީ މައްސަލައެށް. އެހެން ގޮތަކަށް ހައްލެއް ހޯދަން މަަސައްކަތް ކުރުމުން ނުވަތަ ތަފާތު ގާނޫނީ ލަފާގެ ސަބަބުން... އެމައްސަލައަށް އަޅުގަނޑު، އަޅުގަނޑުގެ ފަރާތުންނާއި ސަރުކާރުގެ ފަރާތުން މާފަށް އެދެން،" މާފަށް އެދި ވަޑައިގަންނަވަމުން ޒޫމާ ވިދާޅުވި އެވެ. (ބީބީސީ)