މަރިޔަމް މަޖުދާ އާއި ޖުމައްޔިލް ނިމާލް އެކުގައި ފެނިގެންދާ ދެވަނަ ފިލްމު "ވާށޭ މަށާއެކީ"ގެ ތިން ޝޯވްއެއް އައްޑޫ ސިޓީގައި އެޅުވުމަށް ހަމަޖެހިފައިވާ ކަމަށް ޑާކްރެއިން އެންޓަޓައިންމެންޓުން ބުނެފި އެވެ.

ޑާކްރެއިން އެންޓަޓައިމެންޓުން ބުނީ، މި މަހުގެ 15،14 އަދި 16، ވަނަ ދުވަހުގެ ރޭ އައްޑޫ ސިޓީގެ ޝަރަފުއްދީނު ސުކޫލްގައި އެ ފިލްމު އެޅުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ހަމައެއާއެކު، ހދ. އަތޮޅުގެ ތިން ރަށެއްގައިވެސް އެ ފިލްމު އެޅުވުމަށް ހަމަޖެހިފައިވާ ކަމަށް ޑާކްރެއިން އެންޓަޓައިންމަންޓުން ބުނެ އެވެ. އެގޮތުން އަންނަ ބުދަ އަދި ބުރާސްފަތި ދުވަހު ކުޅުދުއްފުށީގައި އެޅުވުމަށް ހަމަޖެހިފައިވާއިރު، ބުރާސްފަތީގައި ހަނިމާދޫ، ނޮޅިވަރަންފަރު އަދި ކުރިނބީގައި އެ ފިލްމު އެޅުވުމަށް ހަމަޖެހިފައި ވެއެވެ.

ހަމައެހެންމެ، އަންނަ ހޮނިހިރު ދުވަހުވެސް ކުރިނބީ، ނޭކުރެންދޫ އަދި ކުމުންދޫގައި އެ ފިލްމު އެޅުވުމަށް ހަމަޖެހިފައިވާ ކަމަށް ޑާކްރެއިން އެންޓަޓައިންމެންޓުން ބުނެ އެވެ.

އަންނަ އަންގާރަ ދުވަހު މާލޭގައި ރިލީޒު ކުރުމަށް ހަމަޖެހިފައިވާ އެ ފިލްމު ޕްރޮޑިއުސް ކުރަނީ މުހައްމަދު އަލީ އާއި އައިޝަތު ފުއާދު ތައުފީޤު އެވެ.

އެ ފިލްމުގައި ޖުމައްޔިލް އާއި މަޖޫގެ އިތުރުން މުހައްމަދު ފައިސަލް އާއި އާމިނަތު ނޫރާ، އަލީ ޝަޒްލީމުގެ އިތުރުން ހަމްދާން ފާރޫގު ފަދަ ތަރިން ފެނިގެންދާނެ އެވެ.