02 Apr 2016, 12:35
މިރެއަކީ ފުޓްބޯޅައިގެ ބޮޑު ރެއެކެވެ. ސްޕެއިން ފުޓްބޯޅައިގެ ބޮޑު ދެބާރު ކަމަށްވާ ބާސެލޯނާއާއި ރެއާލް މެޑްރިޑްގެ ކުރިމަތިލުން"އެލް ކްލަސިކޯ"އަކީ ދުނިޔޭގެ އެކި ކަންކޮޅުގައި ތިބޭ ފުޓްބޯޅައަށް ލޯބިކުރާ އެތަކެއް ބަޔަކު އަބަދުވެސް ހާއްސަ ސަމާލުކަމެއް ދީގެން ބަލާ މެޗެކެވެ. މި ދެޓީމު ބައްދަލުކުރާ މެޗުތަކަކީ ފުޓްބޯޅައިގެ ވާދަވެރިކަމާއި، ފޯރިއާއި ރީތި ކުޅުން އިންތިހާއަށް ފެނިގެންދާ މެޗުތަކެވެ.
މިރޭ މި ދެޓީމުގެ ކުރިމަތިލުން ވެގެންދާނީ، މިފަހަރުގެ ލީގު ހޯދަން ރެއާލް ކުރާ މަސައްކަތުގައި "ތަޅުއެޅުވުން" ނުވަތަ ކުރިއަށް ދިއުމުގެ އުންމީދު އާވެގެންދާނޭ މެޗަކަށެވެ. އެހެންކަމުން މިރޭގެ މެޗު ހުރިހާ ގޮތަކުންވެސް ދެޓީމަށް ވެސް ވަރަށް މުހިއްމެވެ. އެއީ މެޗުގެ ފޯރި ގަދަވާނެ އެންމެ މުހިންމު ސަބަބުވެސްމެއެވެ.

ރެއާލް އާއި ބާސާ މިރޭ ބައްދަލުކުރާ މެޗުގެ ކުރިން ބާސާ ބޭއްވި އެންމެ ފަހުގެ ފަރިތަކުރުން ތަކުގެ ތެރެއިން --- ފޮޓޯ: އޭޕީ
މި މެޗާ ބެހޭގޮތުން ބާސާގެ ކޯޗު ލުއިސް އެންރީކޭ ބުނީ، އެ ޓީމަށް ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ވާދަވެރި ރެއާލް ބަލިކުރުން ކަމަށާއި އަދި ޒައިނުއްދީން ޒިދާންގެ ޓީމުން ލީގު ހޯދަންކުރާ މަސައްކަތް މިރޭ ކޭމްޕް ނޯގައި ނިމުމަކަށް ގެނައުމަށް ބާސާ ކެތްމަދުވެފައިވާ ކަމަށެވެ.
"އަހަރެމެން އުންމީދުކުރަން މިރޭ މޮޅު ކުޅުމެއް ފެނިގެންދާނޭ ކަމަށް، އަދި އެންމެ ރަނގަޅު ޓީމު މެޗު ކާމިޔާބުކުރާނީ. ރެއާލް މެޑްރިޑް ބަލިކުރުމަށްވުރެ ބޮޑުކަމެއް ނޯންނާނެ ބާސާ ފޭނުން ކައްކުވާލަން. ހަމަ އެހެންމެ މީގެ އަނެއްކޮޅުވެސް އޮންނާނެ،" އެލް ކްލަސިކޯގެ ހާއްސަ ކަމާގުޅޭ ގޮތުން ވާހަކަދައްކަމުން އެންރީކޭ ބުންޏެވެ.
މި މެޗަށް ނުކުންނައިރު، ލަލީގާ ތާވަލުގެ އެއްވަނައިގައި 76 ޕޮއިންޓާއެކު ބާސާ މިވަގުތު އޮތީ، ތާވަލުގެ ތިން ވަނައިގައި އޮތް ރެއާލަށް ވުރެ 10 ޕޮއިންޓް ކުރީގައެވެ. އަދި ހަމައެހެންމެ މިރޭގެ ކުރިމަތިލުން ބާސާކޮޅަށް ބުރަވެއްޖެ ނަމަ މި ސީޒަންގައި ލީގަށް ވާދަކުރުމުގެ ދޮރު ރެއާލަށް ބަންދުވާނެއެވެ.
"އަހަރެމެން އަތުން ރެއާލް މިރޭ ބަލިވެއްޖެ ނަމަ މިފަހަރު އެމީހުންނަށް ދެން ލީގެއް ނުހޯދޭނެ. އަހަރެމެން ބޭނުން އެމީހުން ލީގުން ބޭރުކޮށްލަން،" އެންރީކޭ ބުންޏެވެ.

ރެއާލްމެޑްރިޑާއި ބާސެލޯނާ ކުޅުނު މެޗެއްގެ ތެރެއިން މެސީ އަދި ރޮނާލްޑޯ: މިރޭގެ މެޗު ވެސް ވެގެން ދާނީ މެ ދެ ކުޅުންތެރިންގެ ކުރިމަތިލުމަކަށް ---
އެންރީކޭ ބުނީ، ލީގުގެ ކާމިޔާބީ ބިނާވެފައި އޮންނަނީ ޓީމު އެއްވަރެއްގައި ހިފެހެއްޓުން ކަމަށްވާއިރު، މިވަގުތު ލީގުގެ އެންމެ ކުރީގައި ބާސާ އޮތީ އެޓީމަށް އެ މަގާމު ހައްގުވާތީ ކަމަށެވެ. އެހެންކަމުން ސީޒަން ނިމޭއިރު ލީގު ކާމިޔާބުކުރާން މި މެޗުން 3 ޕޮއިންޓް ކަށަވަރުކުރާން ޖެހޭކަމަށެވެ.
"އަހަންނަކަށް ނޭނގެ ބާސާ ބަލިކޮށްގެން ރެއާލަށް ލީގުގައި އިތުރަށް ކުރިއަށް ދެވިދާނޭކަމެއް. އަހަރެންގެ ވިސްނުން ހުރީ މެޗުން މޮޅުވާން. ދެޓީމަށް ވެސް މި މެޗު އުނދަގޫ ވާނެ،" ބާސާއާ ރެއާލަކީ މުޅި ދުނިޔޭންވެސް އެންމެ މޮޅު ދެޓީމުކަން ފާހަގަކުރަމުން އެންރީކޭ ބުންޏެވެ.
މިރޭގެ މެޗަށް ބާސާއިން ނެރޭނޭ ކަމަށް ބެލެވޭ ފުރަތަމަ 11:
4-3-3 ފޯމެޓް:
ގޯލްކީޕަރު: ބްރާވޯ
ޑިފެންޑަރުން: އަލްވޭސް، ޕީކޭ، މަޝަރާނޯ، އަލްބާ،
މިޑްފީލްޑް: ރަކިޓިޗް، ބުސްކެޓްސް، އިނިއެސްތާ،
ފޯވާޑްލައިން: މެސީ، ސުއަރޭޒް، ނޭމާ.
މިރޭގެ މެޗަށް ރެއާލުން ނެރޭނޭ ކަމަށް ބެލެވޭ ފުރަތަމަ 11:
4-3-3 ފޯމެޓް:
ގޯލްކީޕަރު: ނާވަސް
ޑިފެންޑަރުން: ކަރްވަޔަލް، ޕެޕޭ، ރާމޯސް، މާސެލޯ.
މިޑްފީލްޑް: މޮޑްރިޗް، ކަސެމިރޯ، ކްރޫސް.
ފޯވާޑްލައިން: ބޭލް، ބެންޒެމާ، ރޮނާލްޑޯ.
މި މެޗުގެ ފޯރި ގަދަވާނޭ އިތުރު ސަބަބެއްވެސް އެބަ އޮތެވެ. މިފަހަކަށް އައިސް އެލް ކްލެސިކޯ މެޗު ގިނަފަހަރު ބުރަވަނީ ބާސާ ކޮޅަށެވެ. ވަކިން ހާއްސަކޮށް 2007 ވަނަ އަހަރުން ފެށިގެން އާ ކޯޗަކާއެކު ރެއާލް ބާސާއާ ކުރިމަތިލީ ފުރަތަމަ މެޗުން އެޓީމު މޮޅުވެފައެއް ނުވެއެވެ. އެހެންކަމުން މި މެޗުން މޮޅުވެ ރެއާލަށް ކުރިމަތިވެފައިވާ "އެސްފިނާ" އިން އެޓީމު ސަލާމަތްކުރުމަކީ ޒިދާންގެ އުންމީދެކެވެ.

ރެއާލްމެޑްރިޑް އާއި ބާސެލޯނާ ކުޅުނު މެޗެއްގެ ތެރެއިން ރެއާލްގެ އިސްކޯ އަތުން ބޯޅަ ހޯދުމަށް ބާސާގެ ކުޅުންތެރިން މަސަތްކަތް ކުރަނީ ----
ރެއާލްގެ ކޯޗުންނަށް އެލް ކްލަސިކޯ ފުރަތަމަ ކުރިމަތިލުން ކާމިޔާބު ނުވުމުގެ "ބަދުދުއާ"އާ ކުރިމަތިލާން ޖެހުނު ހިސާބަކީ 2007-08ގެ ސީޒަނެވެ. ހުއާންޑެ ރާމޯސްގެ ކޯޗު ކަމުގައި ޑިސެމްބަރު 13، 2008 ވަނަ ދުވަހު ބާސާއާ ދެކޮޅަށް ކުޅުނު މެޗުން އެފަހަރު ރެއާލް ބަލިވީ 2-0 އިންނެވެ. އޭގެ ފަހުން، މެނުއަލް ޕެލެގްރިނީ ރެއާލް އާ ހަވާލުވެ ބާސާއާ ކުރިމަތިލީ ފުރަތަމަ މެޗުން 29 ނޮވެމްބަރު 2009ގައި ރެއާލް ބަލިވީ 1-0 ލަނޑުންނެވެ. ދެން އައީ ހޯޒޭ މޮރީނިއޯގެ ދައުރެވެ. 29 ނޮވެމްބަރު 2010 ވަނަ ދުވަހު ބާސާގެ ދަނޑުގައި 5-0 ލަނޑުން ރެއާލް ބަލިވި ދުވަހަކީ އެލް ކްލަސިކޯގައި އެޓީމަށް ކުރިމަތިވި އެންމެ ލަދުގަންނަން ޖެހުނު އެއް މެޗެވެ. ޖެހިގެން އައީ ޔޫރަޕްގެ ކާމިޔާބު އެއް ކޯޗު ކަމަށްވާ ކާލޯ އެންޗަލޮޓީގެ ދައުރެވެ. އޭނާ ރެއާލްއާއެކު ބާސާއާ ދެކޮޅަށް ނުކުތް ފުރަތަމަ މެޗުން 2013 އޮކްޓޫބަރު 26 ވަނަ ދުވަހު ރެއާލް ބަލިވީ 2-1 ލަނޑުންނެވެ. ޖެހިގެން އައީ،ބާސާއިން ފާހަގަކުރާ ކްލަސިކޯގެ ތާރީޚީ ބޮޑު ކާމިޔާބެވެ. މި ސީޒަންގައި ރެއާލާ ހަވާލުވި ރަފައެލް ބެނިޓޭޒްގެ ކޯޗު ކަމުގައި ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބާސާ މޮޅުވީ 4-0ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ރެއާލް އާއި ބާސާ މިރޭ ބައްދަލުކުރާ މެޗުގެ ކުރިން ރެއާލްމެޑިރިޑްން ބޭއްވި އެންމެ ފަހުގެ ފަރިތަކުރުން ތަކުގެ ތެރެއިން --- ފޮޓޯ: އޭޕީ
އެހެންކަމުން ކުޅުންތެރިއެއްގެ ގޮތުގައި ވެސް ރެއާލްގައި ގިނަ ކާމިޔާބީ ތަކަކާއި ތަޖްރިބާތަކެއް ކޮށްފައިވާ ޒިދާންގެ އެންމެ ބޮޑު އުންމީދަކަށް ވެގެންދާނީ، އޭނާގެ އެޓީމާ އެންމެ ފަހުން ހަވާލުވި ފަސް ކޯޗުންނަށް ނުކުރެވުނު ކަންތައް ނިމުމަކަށް ގެނައުމެވެ.
މި ހުރިހާ ކަމަކާއެކު ބާސާގެ ކޯޗު ލުއިސް އެންރީކޭގެ ވިސްނުން ހުރީ ރެއާލްގެ އުންމީދުތައް ފެނަށް ދުއްވާލުމެވެ. އެގޮތުން މިރޭގެ މެޗުގައި ރެއާލްއަށް ހަމަޖެހިލައިގެން ތިބޭނެ ކުޑަވެސް ފުރުސަތެއް ނުދޭނަކަމަށާއި އެހެން ނަމަވެސް ބާސާގެ ކުޅުމުގެ ސްޓައިލަށް އެއްވެސް ބަދަލެއް ނުގެންނާނޭ ކަމަށް އެންރީކޭ ބުންޏެވެ.
"އަހަރެމެން ބަލާނީ ހަމަ ވީ އެންމެ ގިނައެއްކޮށް ބޯޅަ ހިފަހައްޓައިގެން ކުޅެން. މެޑްރިޑަށް އެމީހުންގެ ފެންވަރު ދެއްކިޔަ ނުދީ އަހަރެމެން ހިފަހައްޓާނަން. އަހަރެމެން ސާބިތުކޮށްދީފަ ވާނީ އަހަރެމެންނަކީ ކައުންޓަރ-އެޓޭކްގައި ނުރައްކާތެރި ބައެއްކަން. އެހެން ނަމަވެސް އަހަރެން ބޭނުމީ، ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެން،" ބާސާގެ ކޯޗު ބުންޏެވެ.

ރެއާލްމެޑްރިޑާއި ބާސެލޯނާ ކުޅުނު މެޗެއްގައި ގެރެތް ބޭލް އަތުން ބޯޅަ ހޯދުމަށް ބާސާގެ ކުޅުންތެރުން މަސަތްކަތް ކުރަނީ ---
އެންރީކޭ ބުނީ، ތިއޭޓަރަށް މީހުން ދާނީ ރަނގަޅު ޝޯއެއް ބަލަން ކަމަށާއި އެގޮތުން ބާސާ ކުޅޭ މެޗު ތަކަކީ ވެސް އެފަދަ މޮޅު މެޗުތަކެއްކަމަށެވެ. ފޭނުުން ބޭނުންވާނީ ހަމައެކަނި މޮޅުވުން ނޫންކަމަށާއި ރީތި ކުޅުމެއް ބަލާލުމަކީ ވެސް ފުޓްބޯޅަ މެޗެއް ބަލަން ދިއުމުގެ މުހިންމު ބައެއް ކަމަށް އޭނާ ބުންޏެވެ.
"އަހަރެމެން ފިޒިކަލީ ވަރުގަދަ ކުޅުންތެރީން ހޯދުމުގެ ބަދަލުގައި ހުނަރު ހުރި މޮޅެތި ކުޅުންތެރީން ހޯދަނީ ރީތި ކުޅުމެއް ދައްކަން،" އެންރީކޭ ބުންޏެވެ.
ބާސާއާ ރެއާލްގެ "އެލް ކްލަސިކޯ" ކުރިމަތިލުން އޮންނާނީ ރާއްޖޭ ގަޑިން މިރޭ 11:30ގައި ބާސާގެ ކޭމްޕް ނޯގައެވެ. މި މެޗުން ބާސާ މޮޅުވެއްޖެ ނަމަ، މިފަހަރުގެ ސްޕެނިޝް ލީގަށް ބާސާއާ ދެން ވާދަކުރާނީ 67 ޕޮއިންޓާއެކު ތާވަލުގެ ދެ ވަނައިގައި އޮތް އެތުލެޓީކޯ މެޑްރިޑެވެ.