02 Apr 2016, 11:56
ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ހޭނައްތާ އިންޖެކްޝަނެއް ޖަހައިގެން އޮޕަރޭޝަނެއް ކުރުމުން، ހޭނާރައިގެން މާލެ ގެނައި އަންހެން މީހާ 20 ދުވަސްވީއިރުވެސް ހޭނާރާ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
އައިޖީއެމްއެޗުގެ އިންފޮމޭޝަން އޮފިސަރު ޒީނަތު އަލީ ހަބީބު މިއަދު ސަން އަށް ވިދާޅުވީ ލ. ގަން ގުލްއަލާގެ، މަސީހާ އަބޫބަކުރު 39، އަދިވެސް ހޭނާރާ ކަމަށާއި އޭނާގެ ހާލަތާ މެދު ޑޮކްޓަރު އިތުރު އެއްޗެއް ވިދާޅުނުވާ ކަމަށެވެ.
"ވެންޓިލޭޓަރުގެ އެހީގައި އަދިވެސް އޮތީ،" ޒީނަތު ވިދާޅުވިއެވެ.
އެ އަންހެން މީހާ މާލެ ގެނައީ މިދިޔަ މަހުގެ 14 ވަނަ ދުވަހުގެ ރޭގެވަގުތެއްގައެވެ. އޭނާ މާލެ ގެނައީ ކުޑަ އޮޕަރޭޝަނެއް ކުރުމަށް ހޭނެއްތުމަށްފަހު ހޭ ނާރައި ގިނަ އިރުވެގެން އިމަޖެންސީކޮށެވެ.
މަސީހާގެ ބޭބެ އިބްރާހިމް ޒަކީ، 54، ބުނީ އޭނާ އޮޕަރޭޝަން ކުރަންޖެހުނީ ކިހިލިފަތްދޮށުގައި ގަނޑެއްލާފައި ހުރުމުން ކަމަށެވެ.
މަސީހާގެ އާއިލާއިން ބުނީ މަސީހާގެ ސިކުނޑި ދުޅަވެ ހާލު ދަށަށް ދާ ކަމަށް ޑޮކްޓަރުން ވިދާޅުވާ ކަމަށެވެ. އެ މައްސަލާގައި ޑޮކްޓަރުގެ އިހުމާލު އޮތް ކަމަށް އާއިލާ އިން އަންނަނީ ތުހުމަތު ކުރަމުންނެވެ.
އެ މައްސަލަ މަސީހާގެ އާއިލާ އިން މިހާރު ވަނީ ފުލުހުންނަށް ވެސް ހުށަހަޅާފައެވެ.