02 Apr 2016, 13:11
ސްރީލަންކާގެ އިރުމައްޗާއި އުތުރުގައި ތަމަޅައިގެންގެ ވަކި ދައުލަތެއް ގާއިމްކުރުމަށް އޭރު އޮތް ސަރުކާރާ ދެކޮޅަށް ތަމަޅަ ޓައިގަރުން ކުރި 30 އަހަރަށް ދިގުދެމިގެން ދިޔަ ހަނގުރާމައަށް ފަހު، ގެއްލިގެން ރިޕޯޓްކޮށްފައިވާ މީހުންގެ ތެރެއިން ހަތަރު މީހަކު ފެނިފައިވާ އިރު، ދޭއް ނުވަތަ ތިން މީހުން ރާއްޖޭގެ ޖަލުތަކުގައި އެބަ ތިބި ކަމަށް ލަންކާގެމިސިން ޕާސަންސް ކޮމިޝަންގެ ޗެއާމަން މެކްވެލް ޕްރަނާގަމަ ވިދާޅުވެއްޖެ އެވެ.
ޕްރަނާގަމަ އެގޮތަށް ވިދާޅުވީ، ގެއްލިފައިވާ މީހުން ހޯދުމަށް ވަވުނިޔާގައި ކުރިއަށްދިޔަ ހަ ދުވަހުގެ އަޑުއެހުންތައް އިއްޔެ ނިންމާލުމަށް ފަހު، މީޑިއާ އިން ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.
"ހަތަރު މީހަކު ވަނީ ފެނިފައި. އަދި އެމީހުންގެ މައުލޫމާތު ވަރަށް އަވަހަށް ހާމަ ކުރާނަން. އެނގިފައިވާ ގޮތުން ގެއްލިފައިވާ ދޭއް ނުވަތަ ތިން މީހުން ތިބީ ދިވެހިރާއްޖޭގެ ޖަލުތަކުގައި. އެހެން މީހުންގެ ތަހުގީގުތައް ދަނީ ކުރިއަށް،" އޭނާ ވިދާޅުވެފައިވެ އެވެ.
ޕްރަނާގަމަ ވިދާޅުވީ، ހަނގުރާމައަށް ފަހު ގެއްލިފައިވާ މީހުންގެ އަދަދެއް ކަށަވަރުކޮށް ބުނަން އަދި ނޭނގޭ ކަމަށެވެ. ނަމަވެސް ގެއްލިގެން ހޯދަމުންދާ މީހުންގެ މައްސަލައިގައި އުތުރުގައި ހަރަކާތްތެރިވާ އަސްކަރިއްޔާއާ ދެކޮޅަށް ޝަކުވާތަކެއް ހުށަހެޅިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ގެއްލިފައިވާ މީހުންގެ މައްސަލާގައި ވައްނީގައި އުޅޭ ޓައިގަރުނާ ގުޅުންހުރި ގިނަ ޝަކުވާތަކެއް ހުށަހެޅިފައިވާ އިރު، ތަމަޅައިގެން ކުރީގެ ހަނގުރާމަވެރި ގްރޫޕެއް ކަމަށްވާ، ޕީޕަލްސް ލިބަރޭޝަން އޯގަނައިޒޭޝަން އޮފް ޓަމިލް އީލަމް (ޕްލޮޓް) އާއި ސްރީ ލަންކާގެ ސިޔާސީ ޕާޓީއެއް ކަމަށްވާ ދަ އީލަމް ޕީޕަލްސް ރިވަލޫޝަނަރީ ލިބަރޭޝަން ފްރަންޓް (އީޕީއާރުއެލްއެފް) އަދި އީލަމް ޕީޕަލްސް ޑިމޮކްރެޓިކް ޕާޓީ (އީޕީޑީޕީ) އިން ވެސް ޖަވާބު ދާރީވާންޖެހޭނެ ކަމަށް ވެސް ޕްރަނާގަމަ ވިދާޅުވެފައިވެ އެވެ.
ވައްނީގައި ބޭއްވި އަޑު އެހުންތަކުގައި ގެއްލިގެން ހޯދަމުންދާ މީހުންގެ މައްސަލާގައި 1000 މީހުން ހެކި ހުށަހަޅާފައިވާ އިރު، ގެއްލިފައިވާ މީހުން ހޯދައިދިނުމަށް އެދި 300 އަށްވުރެ ގިނަ މީހުން ވަނީ ކޮމިޝަންގައި އެފިދަ އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނީ، މިއަދު މިއީ ބަންދު ދުވަހެއް ކަމުން ރާއްޖޭގެ ޖަލުތަކުގައި ތިބި ލަންކާ މީހުންގެ މައުލޫމާތު ހޯދަން އުދަނގޫވާނެ ކަމަށެވެ.