"ސުޕަ" ބްރޭންޑްގެ ކަޕް ނޫޑްލްސް އަށް ހާއްސަކޮށްގެން "ސުޕަ ހަންޓް"ގެ ނަމުގައި އެސްޓީއޯއިން ކުރިއަށް ގެންދާ ޕްރޮމޯޝަން މި މަހު ބާއްވަން އެކުންފުނިން ނިންމައިފި އެވެ.

މި އަހަރުގެ "ސުޕަ ހަންޓް" ބާއްވަން ނިންމާފައި ވަނީ އަންނަ ހުކުރު ދުވަހު ހެނދުނު 6:00 ން ފެށިގެން ހޮނިހިރު ދުވަހުގެ ރޭގަނޑު 20:00 އަށެވެ.

ސުޕަ ހަންޓް އެންމެ ފުރަތަމަ ބާއްވާފައި ވަނީ މިދިޔަ އަހަރު އެވެ. މިދިޔަ އަހަރު ހަންޓް ކުރިއަށް ގެންދިޔައީ ހަމައެކަނި މާލެ ސިޓީގަ އެވެ. ނަމަވެސް މި އަހަރުގެ ހަންޓް އައްޑޫ ސިޓީގައިވެސް ކުރިއަށް ގެންދާނެ ކަމަށާއި ކުރިއަށް އޮތް އަހަރުތަކުގައި އެސްޓީއޯގެ ފިހާރަތައް ހުރި ރަށްތަކަށް އެ ޕްރޮމޯޝަން ފުޅާ ކުރާނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

"ސުޕަ ހަންޓް" ހުޅުމާލެ މެޕް

އެސްޓީއޯ އިން ވިއްކާ ބައެއް އުފެއްދުންތަކުގެ ބްރޭންޑު މެނޭޖަރު ފާތިމަތު ފަނާޒާ މިއަދު ސަން އަށް ވިދާޅުވީ، މިދިޔަ އަހަރު އެއް ދުވަހަށް ޕްރޮމޯޝަން ކުރިއަށް ގެންދިޔަ ނަމަވެސް، ލިބުނު ތަރުހީބުގެ ސަބަބުން މި އަހަރު ދެ ދުވަހަށް ކުރިއަށް ގެންދަން ނިންމީ ކަމަށެވެ.

މި އަހަރުގެ ހަންޓް ގައި، މާލެ، ހުޅުމާލެ، ވިލިމާލެ އަދި އައްޑޫ ސިޓީގެ ވަކި ހިސާބުތަކެއްގައި "ސުޕަ" ބްރޭންޑުގެ ކަޕް ނޫޑްލްސް ބެހެއްޓިފައި ހުންނާނެ އެވެ. އަދި ކޮންމެ ތަށްޓެއްގެ މަތީގައި ކޫޕަން އެއް ބޭއްވިފައި އޮންނާނެ ކަމަށާއި، ކޫޕަން ފުރުމަށްފަހު އެ ރަށެއްގެ އެސްޓީއޯ އައުޓްލެޓަކަށް ހުށަހެޅުމުން ހަންޓްގައި ބައިވެރިވެވޭނެ އެވެ.

"ސުޕަ ހަންޓް" އައްޑޫ ސިޓީ މެޕް

"އަޅުގަނޑުމެން ބޭނުންވަނީ ހުރިހާ ބޭފުޅުންވެސް ކަޕް ނޫޑްލްސް ރަހަ ބަލާލުން،" ފަނާޒާ ވިދާޅުވި އެވެ.

ސުޕަ ކަޕް ނޫޑްލްސް ތައްޓެއް ހޯދައިގެން ބައިވެރި ވެވޭ އެ އިވެންޓު މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގައި ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ.

"ސުޕަ ހަންޓް" މާލެ މެޕް

ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ބާއްވާ ހާއްސަ ލަކީ ޑްރޯއިން ހޮވޭ ނަސީބުވެރި ތިން ފަރާތަކަށް ހާއްސަ އިނާމްތަކެއް ލިބޭނެ އެވެ. އެގޮތުން އެއްވަނައަށް އަންނަ ފަރާތަށް ސެމްސަންގް ނޯޓް 4 އެއް ކަނޑައަޅާފައި ވާއިރު، ދެވަނަ އަށް އަންނަ ފަރާތަކަށް އެއް ދުވަހަށް ރިސޯޓު ދަތުރެއް ލިބޭނެ އެވެ. އަދި ތިން ވަނައަށް ހޮވޭ ފަރާތަކަށް 49 އިންޗީގެ ހިޓާޗީ ޓީވީއެއް ލިބޭނެ އެވެ.

"ސުޕަ ހަންޓް" ވިލިމާލެ މެޕް

އެސްޓީއޯ އިން މިހާރު އަންނަނީ، ހަންޓްގައި ނޫޑްލްސް ތައް ބެހެއްޓިފައި ހުންނާނެ ސަރަހައްދުތައް އަންގައިދިނުމަށް ރޯޑް ޝޯވތަކެއް ބާއްވަމުންނެވެ.

"ސުޕަ ހަންޓް" ގައި ހުރިހާ އުމުރެއްގެ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެ ކަމަށް އެސްޓީއޯ އިން ބުނެފައިވެ އެވެ.