01 May 2011, 20:14
ތަކެތީގެ އަގުތައް އުފުލެމުންދާތީ ރޭ މާލޭގައި ޒުވާނުންތަކެއް އިސްނަގައިގެން ބޭއްވި މުޒާހަރާ، ސަރުކާރުން ކުށްވެރިކޮށްފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ އެ މުޒާހަރާގައި ބައިވެރިވި މީހުން، ފުލުހުންނާ ދިމާއަށް ގަލާއި ފުޅިއާއި އެނޫން ވެސް ތަކެތި އުކުމުގެ ސަބަބުން، ވަރަށް ގިނަ ބަޔަކަށް ހާނީއްކަވެ، ފިހާރަތަކަށާއި އާންމު ރައްޔިތުންގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. މުޒާހަރާގައި ބައިވެރިވި ފަރާތްތަކުން ދިން އެ ހަމަލާތަކާ ގުޅިގެން، ފުލުހުން އެ މުޒާހަރާ ރޫޅާލުމަށް ޓަކައި ކަރުނަ ގޭސް ބޭނުންކޮށް، ބައެއް މީހުން ހައްޔަރު ކުރި ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
ރޭ ބޭއްވި މުޒާހަރާއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރާ ހަވާލާ ދެއްވައި ރައީސް އޮފީހުން ބުނީ ކުރީގެ ސަރުކާރަށް ތާއިދުކުރާ ބަޔަކު ބައިވެރިވެގެން ރޭ މާލޭގައި ހިންގި ބޮޑެތި ހަމަނުޖެހުންތައް ސަރުކާރުން ކުށްވެރިކުރާ ކަމަށެވެ. އަދި ސުލްހަވެރި ސިޔާސީ އެއްވުންތަކަކީ، ރާއްޖޭގެ ޅަފަތުގައިމިވާ ޑިމޮކްރަސީގައި ހުއްދަ، އަދި މަރުހަބާ ކިޔާ ކަމެއް ކަމަށާއި، ނަމަވެސް ބޭނުމެއް ނެތްގޮތުގައި މަގުތަކުގައި އަނިޔާވެރި އަމަލުތައް ހިންގަމުން ގެންދިޔުމަކީ، އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައި ވެސް ޒުހައިރު ވިދާޅުވި އެވެ.
މުޅި އަހަރު ތެރޭގައި، ސުލްހަވެރި ސިޔާސީ އެއްވުންތަކާއި އިހްތިޖާޖް ކުރުމާއި ޕެޓިޝަންތައް ހުށަހެޅުންފަދަ ވަރަށް ގިނަ ހަރަކާތްތަކެއް ރާއްޖޭގައި ހިންގާ ކަމާއި މިއީ ރާއްޖޭގެ ޑިމޮކްރަސީގެ ހަރުދަނާކަން ދައްކުވައިދޭ ކަންކަން ކަމަށް ޕްރެސް ސެކްރެޓެރީ ފާހަގަކުރެއްވި އެވެ. އެހެންނަމަވެސް، ކުރީގެ ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކުން މަގުމައްޗަށް ނުކުންނަ ކޮންމެ ފަހަރަކު ނިމިގެންދަނީ ހަމަނުޖެހުމާއި ލޭ އޮހޮރުވުމަކުންކަން ވެސް ޒުހައިރާ ހަވާލާ ދެއްވައި ރައީސް އޮފީހުން ބުންޏެވެ.