02 Apr 2016, 11:49
އީރާނާ ކުރިމަތިލާންޖެހޭ ބކަމަށާއި އީރާނާ ކުރިމަތިލުމުގައި ގަލްފުގެ އަރަބި ގައުމުތައް ތިބީ ސީރިޔަސް ގޮތެއްގައި ކަމަށް ގަލްފުގެ ކުޑަ ގައުމެއްކަމަށްވާ ބަޙްރައިން އިން ބުނެފިއެވެ.
ބަޙްރައިންގެ ޚާރިޖީ ވަޒީރު އައްޝައިޚް ޚާލިދު ބިން އަހްމަދު އާލު ޚަލީފާ ވިދާޅުވީ، އީރާނަކީ ޓެރަރިސްޓް ޖަމާއަތްތަކަށް އެހީތެރިވާ ގައުމެއްކަމަށާއި އަދި އީރާނުން މެދުއިރުމަތީގައި ގެންގުޅެނީ ވަރަށް ނުބައި ސިޔާސަތުތަކެއް ކަމުގައެވެ. އިރާނާ ކުރިމަތިލުމަށް ގަލްފުގެ ގައުމުތައް ބޭނުންވަނީ މިސިޔާސަތުތައް ބަދަލުކުރުމަށް އީރާނަށް ފިއްތުންތައް ކުރިމަތިކުރުމަށްކަމަށް ޝައިޚް ޚާލިދު ވިދާޅުވިއެވެ. އަދި ގަލްފުގެ ގައުމުތަކުގެ މަސްލަޙަތުތަކާ އެއްގޮތަށް ސިޔާސަތުތައް ބަދަލުކޮށްފިނަމަ އީރާނާއެކު ގުޅުންތައް ރަނގަނޅު ކުރުމަށް ގަލްފުގެ ގައުމުތައް ތައްޔާރަށް އޮތްކަމަށްވެސް އަލްއަރަބިއްޔާ ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ޝައިޚް ޚާލިދު ވިދާޅުވިއެވެ.
ސައޫދީގެ އަސްކަރީ އެހީއާއި ސިޔާސީ ވާގިވެރިކަމުގައި ވިރާޘީ ރަސްކަމެއް ކުރަމުން ގެންދާ ބަހްރައިންއަކީ އެގައުމުގެ ބިމުގެ ބޮޑުބައެއް އެމެރިކާގެ އަސްކަރީ ބޭނުންތަކަށް ވެސް ދީގެންއުޅޭ ގައުމެކެވެ. އަދި ބަޙްރައިން ގެންދަނީ އެގައުމުގެ އާއިލީ ރަސްކަމާ ދެކޮޅަށް އަޑުއުފުލާ އިދިކޮޅު ފަރާތްތަކާ ކުރިމަތިލައި އެގައުމުގެ ވެރިކަމުގެ ނިޒާމު އިސްލާޙް ކުރުމަށްވެސް ދެކޮޅު ހަދަމުންނެވެ.
މިދިޔަ ޖަނަވަރީ މަހުގެ ކުރީކޮޅު ސައޫދީ އަރަބިޔާއާއި އީރާނާ ދެމެދު ހިނގި ޑިޕްލޮމެޓިކް މައްސަލަތަކާ އެކު ސައޫދީން އީރާނާ ގުޅުންތައް ކަނޑާލުމުން ސައޫދީއަށް ތާއީދުކުރުމުގެ ގޮތުން ބަޙްރައިންވެސް އީރާނާއެކު ބާއްވަމުންގެންދިޔަ ހުރިހާ ގުޅުންތަކެއް ކަނޑާލިއެވެ. މިކަމުގައި ޔުނައިޓެޑް އަރަބް އިމަރޭޓްސްއިންވެސް ސައޫދީންނާ ބައިވެރިވިއެވެ. އަދި ގަލްފުގެ މާލީ އެހީގެ މައްޗަށް ބަރޯސާވާ ކުޑަ ދެގައުމުކަމަށްވާ ޖިބޫތީއާއި ކޮމޯރޯސް އިންވެސް އީރާނާ ގުޅުންތައް ކަނޑާލިއެވެ.
ނަމަވެސް ގަލްފުގެ ގައުމުތަކުން އީރާނާދެކޮޅަށް ގެންގުޅޭ ސިޔާސަތުތަކަށް އެމެރިކާއާއި ޔޫރަޕްގެ ތާއީދު ހޯދުމުގައި ކުރީފަހަރުތަކާ ޚިލާފަށް ގަލްފުގެ ގައުމުތައް މިފަހަރު ކާމިޔާބު ލިބިފައެއް ނުވެއެވެ. މިމައްސަލާގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވީ، އީރާނާއި ގަލްފުގެ އަރަބި ގައުމުތަކަކީ އަވަށްޓެރިން ކަމަށާއި އަވަށްޓެރިންގެ ގުޅުންތައް ގޯސްވުމަކީ އެމެރިކާ މިހާރު އެދޭކަމެއް ނޫންކަމުގައެވެ. އަދި އެމެރިކާގެ އެދުމަކީ ގަލްފުގެ ގައުމުތަކާއި އީރާނާ ދެމެދުގައިވާ ދެބަސްވުންތައް ހައްލުކޮށް ދެފަރާތުގެ ގުޅުންތައް ރަނގަނޅު ކުރުންކަމަށްވެސް އޮބާމާ ވިދާޅުވިއެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީއާއި ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ކަންކަމާބެހޭ ވެރިޔާ ފްރެޑްރިކާ މޮގިރީނީވެސް ވަނީ މިމޭރުމުން ވާހަކަ ދައްކަވައި އީރާނާ ކުރިމަތިލުމަށް އެމެރިކާއާއި ޔޫރަޕްގެ ޝައުގުވެރިކަން ނެތްކަން ހާމަކުރައްވާފައެވެ. މިކަމާބެހޭގޮތުން ދެންނެވި ސުވާލެއްގެ ޖަވާބުގައި ބަހްރައިންގެ ޚާރިޖީ ވަޒީރު ޝައިޚް ޚާލިދު ވިދާޅުވީ، އެމެރިކާއަކީ ބަހްރައިންގެ އިތުރުން ގަލްފުގެ އެހެން ގައުމުތަކާވެސް ޒަމާންވީ ގާތްގުޅުންތަކެއް އޮންނަ ގައުމެއްކަމަށާއި ގަލްފުގެ ގައުމުތަކުގެ އިހްސާސްތައް އެމެރިކާއަށް އެނގޭނެކަމަށް އުންމީދު ކުރައްވާ ކަމުގައެވެ.
ގަލްފުގެ ގައުމުތަކާއި އީރާނަކީ އިސްލާމީ ދުނިޔެއަށް ނިސްބަތްވާ އިސްލާމީ އަވަށްޓެރިންނެވެ. ނަމަވެސް ގަލްފުގެ ގައުމުތަކާއި އީރާނާދެމެދު ސިޔާސީ ދެބަސްވުންތަކާއި ޚިލާފްތައް އޮންނަތާ ތިރީސް ފަސްވަރަކަށް އަހަރުވަނީ ވެފައެވެ. މިމުއްދަތުގެ ތެރޭގައި ހިނގި އީރާނާ އިރާގު ހަނގުރާމައާއި އެމެރިކާއިން އީރާނަށް ކުރަމުން ގެންދިޔަ ޖެއްސުންކުރުންތަކާ އަދި އީރާނުގެ ނިއުކްލިޔަރ ސައިޓްތަކަށް ހަމަލާދޭނެކަމަށް ބުނެ އެމެރިކާއާއި އިސްރާއީލު ދައްކަމުން ގެންދިޔަ ބިރު ދެއްކުންތަކުގެ ފަހަތުގައި (ފަރުދާގެ އަނެއް ފަރާތުގައި) ގަލްފުގެ ގައުމުތަކުގެ ދައުރު ވާކަމަށްވަނީ ބެލެވިފައެވެ. އަދި އީރާނާދެކޮޅަށް އެމެރިކާއާއި ޔޫރަޕުން އެޅި ޒަމާންވީ ވޭންދެނިވި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ފަހަތުގައިވާ ކަމުގެ ތުހުމަތު ގަލްފުގެ ގައުމުތަކުގެ މައްޗަށް ކުރެވިފައިވެއެވެ.
މިކަން ގަލްފުގެ ލީޑަރުންގެ ވާހަކަތަކުން ވަރަށް ބޮޑަށް ސާފުވެގެން ގޮސްފައިވެއެވެ. އީރާނުގެ ނިއުކްލިޔަރ މައްސަލަ ހައްލުކުރުމުގެ އެއްބަސްވުމާ ގުޅިގެން ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުން އެކަމާމެދު ހިތްހަމަނުޖެހޭކަން ގަލްފުގެ ލީޑަރުން ފާޅުކުރައްވާފައިވެއެވެ. ނަމަވެސް ދުނިޔޭގެކަންކަމަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެންނާއި މެދުއިރުމަތީގައި ހިނގަމުންދާ އަރާރުންތަކާ ގުޅިގެން އެމެރިކާއާއި ޔޫރަޕްގެ ސިޔާސަތުތަކަށްވެސް މިހާރުވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.
އެމެރިކާއާއި ޔޫރަޕުން އަރަބި އަދި އިސްލާމީ ބައެއް ގައުމުތަކުގެ ކަންކަމުގެ ތެރެއަށް ވަންވަނުމާއި ކުރި އުދުވާނީ ހަނގުރާމަތަކުގެ ސަބަބުން މަސްރަހު މިވަނީ މުޅިން ބަދަލުވެފައެވެ. އަރަބި އެތައް ގައުމެއް މިކަމުގެ ސަބަބުން ހަލާކުވެފައިވާއިރު އެކަމުގެ ނޭދެވޭ އަސަރުތައްވަނީ އެމެރިކާއާއި ޔޫރަޕާ ހަމައަށްވެސް ފޯރަން ފަށާފައެވެ. އިރާގާއި ސޫރިޔާއާއި އަފްޣާނިސްތާން ފަދަ ގައުމުތަކުގެ ރައްޔިތުން ރެފިއުޖީންގެ ގޮތުގައި މިލިޔަނުން ޔޫރަޕަށް ހިޖްރަ ކުރަމުން ގެންދާއިރު ޔޫރަޕަށްވަނީ އެކަމުން ސަލާމަތް ވާނެގޮތެއް ނުފެނިފައެވެ. އަދި އިރާގާއި ލީބިޔާއާއި ސޮމާލިޔާ ފަދަ ގައުމުތަކަށް އަސްކަރީ ގޮތުން އަރައިގަތުމުގެ ސަބަބުން އުފެދިގެންދިޔަ އައިއެސްފަދަ ޓެރަރިސްޓް އެތަށް ޖަމާއަތްތަކެއްގެ އަލިފާނުން އަރަބި އިތުރު ގައުމުތަކެއް ފިހެމުން ދާއިރު އެފަދަ ޖަމާއަތްތަކުގެ ބޮންގޮއްވުމުގެ ޙަމަލާތައް ހުޅަނގަށްވެސްވަނީ ފޯރާފައެވެ.
އަނެއްކޮޅުން ތެލުގެ ސިނާއަތަށް އައި ޓެންކޮލޮޖީގެ ބޮޑު ބަދަލާއެކު ގަލްފުގެ ގައުމުތަކަށް އެމެރިކާއާއި ޔޫރަޕްގެ ސިޔާސަތުތަކުގައި ޒަމާނުއްސުރެ ދީފައިވާ މަގާމާއި ހައިސިއްޔަތަށްވެސްވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އަދި އީރާނުގެ ނިއުކްލިޔަރ ޓެކްނޮލޮޖީއާއި އެނޫންވެސް ހަތިޔާރުތަކުގެ ކުރިއެރުމަށް ބަލާފައި އީރާނާ އަސްކަރީ ގޮތުން ކުރިމަތިލުމަކީ ހުޅަނގުގެ މަސްލަހަތެއްނޫންކަމަށް ނިންމައި ހުޅަނގުން މިހާރުވަނީ އީރާނާ ކުރިމަތި ލުމުގެ ބަދަލުގައި އީރާނާ އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުންތައް ބަދަހިކުރަން ނިންމާފައެވެ.
އީރާނާ ކުރިމަތިލުމުގައި ގަލްފުގެ އަރަބި ގައުމުތަކަށް ކުރިން ލިބުނު ގޮތަކަށް ހުޅަނގުގެ މަދަދު ނުލިބޭނެ ކަމަށް ބެލެވިފައިވާއިރު ދަތިކުރުމުގެ ފިޔަވަޅުތަކުން މިނިވަން ވެފައިވާ އީރާނާއި ހުޅަނގާ އިގްތިސާދީ ގުޅުންތައް ބަދަހި ކުރަމުން ގެންދެއެވެ. މިފަދަ ހާލަތެއްގައި ގަލްފުގެ އަރަބި ގައުމުތަކުން އީރާނާ ކުރިމަތިލުމަށް ގެންގުޅޭ ސިޔާސަތުތައް ތަންފީޒުކުރަން ފަސޭހައެއް ނުވާނެއެވެ. ގަލްފުގެ ގައުމުތަކާ އެންމެ ގާތްގުޅުންތައް ބާއްވާ އިސްލާމީ ބޮޑެތި ގައުމުތައް ކަމަށްވާ ޕާކިސްތާނާއި އިންޑޮނީޝިޔާއާއި ތުރުކީއާއި މިސްރުވެސް ގެންދަނީ އީރާނާ ވިޔަފާރިކޮށްގެން ބޮޑެތި ފައިދާތަކެއް ޙާސިލް ކުރުމަށް މަސައްކަތް ކުރަމުންނެވެ.
އީރާނުގެ ރައީސް މިދިޔަ ހަފްތާގައި އީރާގަށް ވަޑައިގެންފައިވެއެވެ. އަދި ތުރުކީގެ ބޮޑުވަޒީރު އޭގެކުރީ ހަފްތާގައި އީރާނަށް ވަޑައިގެންފައިވެއެވެ. މިދިޔަ މަހު މެލޭޝިޔާއަށާއި އިންޑޮނީޝިޔާއަށް އީރާނުގެ ޚާރިޖީ ވަޒީރު ވަޑައިގެންފައިވެއެވެ. އީރާނަކީ ގަލްފުގެ ގައުމުތަކަށްވުރެ އާބާދީބޮޑު އަދި އެގައުމުތަކަށްވުރެ ގިނަ ގުދްރަތީ ވަސީލަތްތައް ހުރި ގައުމެކެވެ. އަދި އިލްމީ އަދި ޓެކްނޮލޮޖީއާއި އަމިއްލަ ސިނާއަތާއި ރީސާޗާ އަދި އިންސާނީ ވަސީލަތްތަކަށް ބަލާއިރު ގަލްފުގެ ގައުމުތައްވަނީ އީރާނަށްވުރެ މާބޮޑަށް ފަހަތުގައެވެ.
އަނެއްކޮޅުން އީރާނާ ކުރިމަތިލާންޖެހޭކަމަށާއި އީރާނާ ކުރިމަތިލުމުގައި ގަލްފުގެ އަރަބި ގައުމުތައް ތިބީ ސިރިޔަސް ގޮތެއްގައި ކަމަށް ބަހްރައިން އިން ބުނާއިރު ފަލަސްތީނުގެ ބިންތައް ގަދަބާރުން ހިފައިގެން އޮންނަ އަރަބިންގެ އެންމެ ބޮޑު ދުޝްމަންކަމަށްވާ އިސްރާއީލާމެދު މިފަދަ ބަސްތަކެއް ބުނާއަޑެއް ނުއިވެއެވެ. އަދި އީރާނުގެ ގޯސް ސިޔާސަތުތަކާ ކުރިމަތިލުމަށް ގަލްފުގެ ގައުމުތަކުން ފެންނަ ސީރިޔަސްކަން އިސްރާއީލާ ކުރިމަތިލުމުގައި ފެންނަމުންނެއްވެސް ނުދެއެވެ.