02 Apr 2016, 11:53
ދެހާސް އަށްވަނަ އަހަރު ކަލާރސް ޓީވީ އިން ދައްކަން ފެށި ބާލިކާ ވަދޫގައި "އަނަންދީ" ގެ ރޯލުން ބެލުންތެރިންގެ މަގުބޫލުކަން ހޯދި ޓީވީ އެކްޓްރެސް ޕްރިތިޔޫޝާ ބެނާޖީ ދަން ޖެހިގެން މަރުވެއްޖެ އެވެ.
އުމުރުން 24 އަހަރުގެ ޕްރިތިޔޫޝާ ދަން ޖެހިފައިވަނީ އިއްޔެ އޭނާ ދިރިއުޅެމުންދާ ގޭގަ އެވެ. އޭނާ މަރުވެފައި ވަނީ ކޮކިލަބެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދަނިކޮށެވެ.
މައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު، ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން އަމިއްލައަށް ދަންޖެހިފައިވާ ކަމަށް ބެލެވޭ ކަމަށެވެ. އަދި ދަންޖެހުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން، އޭނާއާ އެކުގައި މަސައްކަތް ކުރާ ބައެއް އެކުވެރިން ގާތުގައި، ޑިޕްރެސްވުމުގެ ސަބަބުން އެކަމުން އަރައިގަތުމަށް މަސްތުވާން ފަށާފައިވާކަމަށް ބުނި ކަމަށްވެސްވެ އެވެ.
ބައެއް ރިޕޯޓުތައް ބުނާގޮތުން، ޕްރިތިޔޫޝާ އަމިއްލައަށް މަރުވީ ރަނގަޅު ރޯލުތަކެއް ނުލިބޭތީ އެވެ. ނަމަވެސް އޭނާ މަރުވެފައި ވަނީ ލޯބިވެރިޔާއާ ދެމެދު ހިނގި ކަންތައްތަކެއްގެ ސަބަބުން ކަމަށްވެސް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
ބާލިކާ ވަދޫ އިން އެކްޓިންގ ކެރިއަރު ފެށި ޕްރިތިޔޫޝާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ އޭނާގެ ލޯބިވެރިޔާ ރާހުލް އާއެކު، ރިއަލިޓީ ޝޯވ އެއް ކަމުގައިވާ "ޕަވަރ ކަޕްލް" އިންނެވެ.
ބާލިކާ ވަދޫއަށް ފަހު ޕްރިތިޔޫޝާ ވަނީ ޑާންސް ޝޯވ "ޖަލަކް ދިކްލާޖާ 5" ގައިވެސް ބައިވެރިވެފަ އެވެ. އަދި "ބިގް ބޮސް 7" ގައިވެސް އޭނާ ވަނީ ބައިވެރިވެފަ އެވެ.