02 Apr 2016, 09:09
ޕީއެސްއެމް އިން ގެނެސްދެމުން އަންނަ މޯލްޑިވިއަން އައިޑަލްގެ ރޭގެ ޝޯވް ހާއްސަ ކޮށްފައިވަނީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ އިބްރާހިމް ހަމްދީ އެވެ. ރޭގެ ޝޯވްގައި ހަތް ބައިވެރިންވެސް ވަނީ ހަމްދީގެ ރީތި ލަވަތަކެއް ހުށަހަޅައިދީފަ އެވެ.

މޯލްޑިވިއަން އައިޑަލްގެ ރޭގެ ޝޯވްގައި ފާލިހު ހުށަހަޅައިދެނީ --- ފޮޓޯ: ޕީއެސްއެމް
އެގޮތުން ރޭ ބެލުންތެރިންނާ ހަމައަށް ގެނެސްދިން ލަވަތަކުގެ ތެރޭގައި، ރޭރޭ ދިވާނާ، ސަހަރޯއެ މާފު ދޭށޭ، ހިތާ ރޫހުން އަސަރު ކުރަނީ، މި ޒަހަރު ހިތާ ފަދަ ހަމްދީގެ މަޝްހޫރު ލަވަތައް ހިމެނެ އެވެ.

މޯލްޑިވިއަން އައިޑަލްގެ ރޭގެ ޝޯވްގައި ޝަލަބީހުށަހަޅައިދެނީ --- ފޮޓޯ: ޕީއެސްއެމް
ރޭގެ ޝޯވްގައި ހުރިހާ ބައިވެރިން ހިތްގައިމު ލަވަތަކެއް ހުށަހަޅައިދިން ނަމަވެސް، ޖަޖުންނަށް އެންމެ ކަމުދާ ނުވަތަ ޖަޖުންގެ ހިތްތަކާ ކުޅެލި ހުށައެޅުމެއް ހުށައަޅައި ދިނީ ޝަލަބީ އެވެ. ރޭގެ ޝޯވްގައި ޝަލަބީ ހުށައަޅައިދިނީ ހަމްދީގެ "މަންމާ މިދޭ އިހްތިރާމް" އެ ލަވަ އެވެ.
އެ އަސަރު ގަދަ ހުށަހެޅުމަށް ފަހު، އޭނަގެ 19 ވަނަ އުފަންދުވަސް ވެސް ވަނީ ރޭގެ ޝޯވްގެ ތެރެއިން ފާހަގަކޮށްފަ އެވެ.
ބައިވެރިން ރޭގަ ހުށަހަޅައިދިން ލަވަތަކަށް އެސްއެމްއެސް ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ އިރު، މިރޭ ވެސް ކޮންމެވެސް އެއް ބައިވެރިއަކު ޝޯވް އާ ވަކިވާނެ އެވެ.