މީގެ 30 އަހަރުކުރިން، ނެރުނު މަޝްހޫރު އެކްޝަން ޑްރާމާ ފިލްމު، "ޓޮޕް ގަން" ގެ ދެވަނަ ފިލްމެއް، ހެދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ޕްރޮޑިއުސަރު ޖެރީ ބްރަކްހެއިމާ ބުނެފި އެވެ.

ފުރަތަމަ ފިލްމުން ވެސް ފެނިގެންދިޔަ މަޝްހޫރު ބަތަލް، ޓޮމް ކްރޫޒް ދެވަނަ ފިލްމުވެސް ފެނިގެން ހިނގައިދާނެ ކަމަށް ކުރި ސުވާލަކަށް ޖަވާބު ދެމުން، ޖެރީ ބުނީ، އޭނާއާ ނުލާ އެކަމެއް ނުވީސް ކަމަށެވެ.

"އާ! ޔަގީން [ޓޮމް ކްރޫޒް ފެނިގެންދާނެ]. ޓޮމް ކްރޫޒްއާ ނުލައި ޓޮޕް ގަންއެއް ނުހެދޭނެ،" ޓޮޕް ގަންގެ ފުރަތަމަ ފިލްމު ވެސް ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކުރި ޖެރީ ބުނެފައިވެ އެވެ.

ޖެރީ ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އޭނާގެ ކުރި ޓްވީޓެއްގައި ޓޮމް ކްރޫޒް އާއެކު ނަގާފައިވާ ފޮޓޯއެއްގައި "ޓޮޕް ގަން 2" އާ ބެހޭގޮތުން މަޝްވަރާކުރަމުންދާ ކަމަށް ބުނެފައެވެ.

ފިލްމު، "ޓޮޕް ގަން" ރިލީޒްކޮށްފައިވަނީ 1986 ވަނަ އަހަރުއެވެ. ފިލްމު ރިލީޒްކުރި އަހަރުގެ އެންމެ ކާމިޔާބު ފިލްމުގެ މަގާމް ވެސް ހޯދާފައިވާ އެ ފިލްމަކީ ޓޮމް ކްރޫޒްގެ ވެސް އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ އެއް ފިލްމެވެ.