01 Apr 2016, 23:24
ދީނީގޮތުން ހައްދުފަހަނައަޅާފައި ތިބޭ މުސްލިމުން ތަމްރީނު ކުރާ "އަދި ހަނގުރާމަވެރިން ޖިހާދުން ޖާނުންފިދާވާ މީހުން" ތަމްރީނު ކުރާ އެއްވެސް ތަނެއް ރާއްޖޭގައި ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
އިސްލާމިިކް ޔުނިވަސިޓީގެ ފުރަތަމަ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖެއަކީ ދީނީގޮތުން ހައްދުފަހަނައަޅާގައިވާ މީހުން ތަމްރީނުކުރާތަނެއްގެ ގޮތުގައި ވާހަކަދެކެވޭތީ އެކަމާ ސުވާލު އުފެދޭ ކަމަށެވެ. އަދި އެކަހަލަތަނެއް ހުރިތޯ ދައުލަތުން ހެދި ދިރާސާއިން އެކަހަލަ އެއްވެސް ތަނެއް ފެނިފައި ނުވާ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
" އަޅުގަނޑުމެން ސަރުކާރުން ކުރި ދިރާސާއަކުން އެކަހަލަ ތަންތަނެއް ނެތް. އަދި އެބުނާ ފަދަ މަދަރުސާތަކެއްވެސް ނެތް. އެހެންނަމަވެސް އަޅުގަނޑުމެންގެ ތެރެއިން އެއްބަޔަކު އަޑު އުފުލަނީ އެކަހަލަ ކަންކަމުގައި. " ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ނަސްލުތަކުގެ ތެރޭގައި ނުތަވަނަސްކަން އުފެދެނީ ކީއްވެގެންތޯ ސުވާލު ކުރަން ޖެހޭ ކަމަށެވެ.
އިސްލާމްދީނަކީ ގަދަބާރު ދެއްކުމުގެ ދީނެއް ނޫންކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ އިސްލާމްދީނަށް މިއަދު ދިމާވެފައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި އިސްލާމްދީނުގެ " ޝުހުރަތު ބަދަލުވެގެން ދަނީ ކީއްވެގެންތޯ ބަލައި ދިރާސާ ކުރަން ޖެހޭ" ކަމަށެވެ.
" އަޅުގަނޑުގެ ސަރުކާރުން އެދޭ އެންމެ ބޮޑު އެދުމަކީ މޮޅު ކުދިން އުފެއްދުމުގެ އިތުރަށް ޔުނިވަސިޓީއަކީ އިލްމީ ދިރާސާ ޔުނިވަސިތީއަކަށް ވެގެން ދިއުން" ރައީސް ޔާމީން ވިދާޅުވި އެވެ.
ގައުމުގެ މަސްލަހަތާއި ހަމަޖެހުން ބެލެހެއްޓުމަކީ ހަމައެކަނި ގައުމު ހިންގަން ތިބޭ ބައެއްގެ ޒިންމާއެއް ނޫންކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ގައުމުގެ މަސްލަހަތު ހިފެހެއްޓުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ބަޔަކީ ޔުނިވަސިޓީ ކުދިންނަށް ވުމަކީ އެދުމެއް ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ. ދައުލަތުން މަސައްކަތް ކުރަމުންދަނީ ޒުވާނުންނަށް ގެދޮރުވެރިކަން ހޯދައިދޭންކަމަށް ރައީސް ޔާމީންގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ބްރިޖުގެ މަސައްކަތަކީ ޒުވާނުންނަށް ގެދޮރުވެރިކަން ހޯދައިދިނުމަށް ކުރާ މަސައްކަތް ކަމަށް ރައީސް ވިދާޅުވި އެވެ.
"ކުށެއްކޮށްފި މީހަކަށް އަދަބު ލިބޭނެ" ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ދައުލަތް ހިންގަން ހުންނަ ފަރާތަކުން އަދުލު އިންސާފުގެ ނިޒާމަށް ގޮތްކިޔާ ބަސްބުނުމުގެ ހައްގެއް ނޯންނާނެ ކަމަށާއި ނަމަވެސް މައްސަލަތައް އަވަސް ކުރުމަށް ބާރު އެޅޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
" އަޅުގަނޑުމެން ގަބޫލުކުރާ އުސޫލަކީ އަޅުގަނޑުމެންނަކީ ޖިނާއީއަދުލުގެ ނިޒާމުގެ ކުރިމަތީގައި ހަމަހަމަ ބައެކޭ. އެކަމަކު ހިތާމައަކީ ބޮޑެތި ކުއްކުށަށް އަރައިގަތީމަ ހުރިހާއެންމެނަށް ހަމަހަމަ އުސޫލުތަކެއް އޮންނަން ނުޖެހޭކަމަށް ގަބޫލުކުރާ މަދުބަޔަކުވެސް އުޅޭކަން" ރައީސް ޔާމީން ވިދާޅުވި އެވެ.
މިސަރަހައްދުގައި ނެތް ބޮޑެތި މައްސަލަތައް ދިމާވީ އާބިޓްރޭޝަނަށް ގެންދާނެ އާބިޓްރޭޝަން ސެންޓަރެއް ނެތް ކަމަށް ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި އާބިޓްރޭޝަން ސެންޓަރެއް ގާއިމް ވެގެންދާނެ ކަމަށެވެ.
އިސްލާމިިކް ޔުނިވަސިޓީގެ ފުރަތަމަ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި އެކި ކޯސްތަކުން ގިނަ އަަދަދެއްގެ ދަރިވަރުން ވަނީ ދަސްވެނިވެފަ އެވެ.