ނުކުޅެދުންތެރިކަން ހުންނަ ކުޑަ ފިރިހެން ކުއްޖަކާ ޖިންސީ ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ރ.މަޑުއްވަރީން ފިރިހެނަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މަޑުއްވަރީގައި ކުޑަ ފިރިހެން ކުއްޖަކާ ޖިންސީ ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އެރަށުން އުމުރުން 47 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށާއި އިތުރު ތަފްސީލް ދެވެން ނެތް ކަމަށްވެސް ވިދާޅުވި އެވެ.

މަޑުއްވަރީން ވާހަކަ ދެއްކި މީހަކު ބުނީ އެ ފިރިހެން މީހާ ބެހިފައި ވަނީ ވާހަކަ ނުދެއްކޭ އުމުރުން 10 އަހަރުގެ ކުއްޖަކާ ކަމަށެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ކުޑަ ފިރިހެން ކުއްޖާ އާ ބެހިފައިވަނީ އިއްޔެގެ އަސުރު ވަގުތު އެވެ. އަދި އެ ކުޑަ ކުއްޖާގެ އެއްބަނޑު އެއްބަފާ ބޭބެ އަކަށް އެ މަންޒަރު ފެނިގެން އެ ފިރިހެން މީހާގެ ގައިގައި ޖަހަން ވެސް ވަނީ މަސައްކަތް ކޮށްފަ އެވެ.

"އެމިހާ އޮތީ މިރަށުގައި ހަދާފައި ހުންނަ ހަޓެއްގެ ތެރޭގައި. އެތާ އޮއްވައި އޭނަ ގައިގަ ޖަހަން މަޅާލިތަނާ އެތާހުރި ދާގަނޑެއްގައި އަޅައިގެންފައި ނުޖެހުނީ،" މަޑުއްވަރީން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އެރަށު މީހަކު ބުނީ ކުޑަ ކުއްޖާ އާ ޖިންސީ ގުޅުން ހިންގި ކަމަށް ބުނާ ފިރިހެން މީހާ އަކީ އެ ކުޑަކުއްޖާގެ ގޭގައި ހަދާފައި ހުންނަ ހޮޓަލެއްގައި މަސައްކަތް ކުރާ މީހެއް ކަމަށެވެ.