01 Apr 2016, 22:14
ދުނިޔޭގެ ޓޭބަލް ޓެނިސް ދުވަހާ ގުޅިގެން "އެންމެންނަށް ވެސް ޓޭބަލް ޓެނިސް"ގެ ނަމުގައި އަންނަ ބުދަ ދުވަހު 24 ގަޑިއިރަށް ދިގުދެމިގެންދާ ހަރަކާތެއް ބޭއްވުމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) އިން ނިންމައިފި އެވެ.
ސަންއަށް ދެއްވި އިންޓަވިއުއެއްގައި ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އިސްމާއިލް ސުޖާއު ވިދާޅުވީ، މި ހަރަކާތް ފެށޭނީ އަންނަ ބުދަ ދުވަހުގެ ހަވީރު 5:00ގައި ރަސްފަންނުން ކަމަށެވެ.
"ރަސްފަންނުގައި ހަވީރު 5:00ގައި ފެށިގެންދާނެ. ހުއްޓާނުލައި ހަރަކާތް އެ ރޭގެ 8:00ގައި ބަދަލުކޮށްލާނީ ސޯޝަލް ސެންޓަރުގައި ހުންނަ ޓީޓީ ހޯލަށް. މި ހަރަކާތަކީ މެޗު ކުޅުމަށްވުރެ، ބޮޑަށް ވީހާވެސް ގިނަ ބަޔަކު ބައިވެރިކޮށްގެން ޓީޓީ ކުޅުން. ކުދި، ބޮޑު، ކޮންމެ އުމުރުފުރާއެއްގެ ބޭފުޅަކަށް ވެސް ޓީޓީ ކުޅުމުގައި ބައިވެރިވެވޭނެ،" އޭނާ ވިދާޅުވި އެވެ.
ސުޖާއު ވިދާޅުވީ، މި ހަރަކާތް ނިންމާލަން ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ ހަވީރު 5:00ގައި ކަމަށާއި ފެށުމަށް ރަސްފަންނުގައި ބައިވެރިވާ ރަސްމިއްޔާތުގައި ކުރީގެ ދުނިޔޭގެ ޗެމްޕިއަނެއް ކަމަށްވާ ޖިއަންގް ޖިއަލިންގް ބައިވެރިވާނެ ކަމަށެވެ.
ޗައިނާގެ ޖިއަންގް ޖިއަލިންގް އަކީ 80ގެ އަހަރުތަކުގައި ވޯލްޑް ޗެމްޕިއަންޝިޕް، ވޯލްޑް ކަޕް އަދި އޭޝިއަން ކަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ ކުޅުންތެރިއެކެވެ.
"ރަސްފަންނުގައި ބާއްވާ ރަސްމިއްޔާތުގައި ކުރީގެ ވޯލްޑް ޗެމްޕިއަނާއެކު ފޮޓޯ ނެގޭނެ އިންތިޒާމް އާންމުންނަށް ހަމަޖައްސައިދޭނަން. މި ހަރަކާތުގައި ރާއްޖޭގެ ކުރީގެ ޓީޓީ ކުޅުންތެރިންނާއި މިހާރުގެ ސީނިއާ އަދި ޖޫނިއާ ކުޅުންތެރިން ވެސް އަމަލީގޮތުން ބައިވެރިވާނެ،" ޓީޓީ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ވިދާޅުވި އެވެ.
ޓީޓީ އެސޯސިއޭޝަނުން ބުނީ، މި ހަރަކާތުގައި ބައިވެރިވުމަށް ކުންފުނިތަކާއި އޮފީސްތަކަށް ދައުވަތު އަރުވާފައިވާނެ ކަމަށާއި މި ހަރަކާތަކީ މަޖާކޮށްލުމުގެ ގޮތުން ކުރިއަށްދާ "ބޮޑު" ހަރަކާތެއް ކަމަށެވެ.
އަންނަ ބުދަ ދުވަހު ފަށާ މި ހަރަކާތުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް ޓީޓީ އެސޯސިއޭޝަނުން އެދެ އެވެ.