އިސްލާމީ ޔުނިވަސިޓީއަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޖާގައިގެ ދަތިކަމާއި އެކަށީގެންވާ އިމާރާތެއް ނެތުން ކަމަށް ޔުނިވަސިޓީގެ ވައިސް ޗާންސެލަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އިސްލާމިިކް ޔުނިވަސިޓީގެ ފުރަތަމަ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި މިރޭ ވާހަކަފުޅުދައްކަވަމުން ކުރިން އިސްލާމިކް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ޑރ ޝަހީމް ވިދާޅުވީ އެ ޔުނިވަސިޓީއަށް އިމާރާތެއް އަޅާނެ ޖާގަ އަވަސް ފުރުސަތެއްގެ ތެރޭގައި ބޭނުންވާ ކަމަށެވެ.

" މިކަން ހާސިލްވެގެން ހިނގައްޖެނަމަ މި މަޝްރޫއުވެގެންދާނީ ދިވެހިރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތާއި މުސްތަގުބަލައްޓަކައި ކުރެވޭނެ ވަރަށް މަތިވެރި ހިދުމަތަކަށް. ކުރިމަގުގެ ޖީލުތަކަށް ވާރުތަ ވެގެންދާނެ އިސްލާމީ މުހިންމު ތަރިކައަކަށް. ފަހުގެ ޖީލުތަކުން ބަލައިގަންނާނެ މުހިންމު ހިދުމަތަކަށް" ޝަހީމް ވިދާޅުވި އެވެ.

މިހާރުވެސް އިސްލާމީ ޔުނިވަސިޓީގައި 2000 ހަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލް ކުރަމުން ގެންދާކަމަށާއި ޔުނިވަސިޓީގެ އަމާޒަކީ 2020 ގައި ދަރިވަރުންގެ އަދަދު 5000 ހަށް އިތުރު ކުރުން ކަމަށް ޝަހީމު ވިދާޅުވި އެވެ.

އިސްލާމިިކް ޔުނިވަސިޓީގެ ފުރަތަމަ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ -- އިސްލާމީ ޔުނިވަސިޓީ

އިސްލާމީ ޔުނިވަސިޓީ ގާއިމް ކުރެވުނު ފަހުން ބައިނަލް އަގުވާމީ ފަސް ޔުނިވަސިޓީއާ އެކު އެއްބަސްވުނަތަކުގައި ސޮއި ކުރެވިފައިވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.

ޝަހީމު ވިދާޅުވީ މިސަރަހައްދުގައި ހުރި އެންމެ ވަރުގަދަ ޔުނިވަސިޓީއަށް ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީ ވެގެންދާނެ ކަމަށެވެ. އެގޮތުން އިސްލާމީ ޝަރީއަތާއި ގާނޫނުގެ އިލްމާއި ކީރިތި ގުރުއާނު އިލްމާއި އަގީދާގެ އިލްމުގެ އިތުރުން އެކި އެކި އިސްލާމީ ދާއިރާތަކުން މަތީ ކޯސްތަށް މިއަހަރުގެ ޖޫން މަހު ފެށިގެންދާނެ ކަމަށް ޝަހީމް ވިދަޅުވި އެވެ.

" އަދި ވަކިން ހާއްސަކޮށް ޖުޑިޝަލް ސައިންސަސްގެ ދާއިރާއިން މާސްޓާސް އާއި ޕީއެޗްޑީ ފެންވަރުގެ ކޯސްތައް މިއަހަރު ފެށިގެން ދާނެ. މިކޯސްތަކުގައި ކިޔަވައިދެއްވާނީ ރާއްޖެއާ ރާއްޖޭން ބޭރުގެ އާނިމުން. މިމަރުހަލާތަކުގައި ކިޔަވައިދެއްވާނެ ޕީއެޗްޑީ ފެންވަރުގެ އުސްތާޒުން ހޯދުމަށްޓަކައި އަލްއަޒުހަރު ޔުނިވަސިޓީ އާއި ސައުދީ އަރަބިއާގެ އެޑިއުކޭޝަން މިނިސްޓްރީއާ އެކު މިދަނީ މަޝްވަރާކުރެވެމުން" ޝަހީމް ވިދާޅުވި އެވެ.

އިސްލާމީ ޔުނިވަސިޓީގެ އަމާޒަކީ އެޔުނިވަސިޓީން ދަސްވެނިވާ ދަރިވަރުންނަކީ ޒަމާނަށް ހޭލުންތެރި އަރަބި ބަހާއި އިނގިރޭސި ބަސް ދަންނަ ބަޔަކަށް ހެދުން ހިމެނޭ ކަމަށް ޝަހީމު ވިދާޅުވި އެވެ. މިހާރުވެސް ރާއްޖޭގެ 10 އަތޮޅަކަށް ވީޑިއޯ ކޮންފަރެންސިންގް ބޭނުންކޮށްގެން ގުރުއާން މުދައްރިސުން ތަމްރީނު ކުރަމުންދާކަން ޝަހީމް ވަނީ ފާހަގަކުރައްވާފަ އެވެ.