01 Apr 2016, 19:32
އައިޖީއެމްއެޗުގައި ވިހެއުމުގެ ތެރޭގައި ތުއްތު ކުއްޖާ މަރުވުމުން ބޯ ބުރިކޮށްލައިގެން ނެގި މައްސަލާގައި ޑޮކްޓަރުންގެ އިހުމާލެއް ނެތްކަމަށް ބުނެ ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.
ވިހެއުމުގެ ތެރޭގައި ކުއްޖާ ތާށިވުމުން ބޯ ބުރިކޮށްލައިގެން ނެގި މައްސަލާގައި ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 3.2 މިލިއަން ރުފިޔާ ހޯދަން ކުއްޖާގެ މައިންބަފައިން ސިވިލްކޯޓުގައި ދައުވާ ކުރީ 2013 ވަނަ އަހަރު އެވެ. އެހާދިސާ ހިނގާފައި ވަނީ 2011 ވަނަ އަހަރު އެވެ.
އެމައްސަލަ ބަލައި ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އައިޖީއެމްއެޗްގައި ވިހޭ ކުއްޖެއްގެ ބޯ ބުރިކޮށްލާފައި ވަނީ ވިހެއުމުގެ ތެރޭގައި ކުއްޖާ މަރުވި ފަހުން ކަމަށާއި ކުއްޖާ މަރުވުމުގައި ޑޮކްޓަރުންގެ އިހުމާލެއް ނެތް ކަމަށެވެ. މޯލްޑިވްސް މެޑިކަލް ކައުންސިލުން ކުރިއަށް ގެންދިޔަ ތަހުގީގު ނިންމި ރިޕޯޓުގައިވެސް ބުނެފައި ވަނީ ޑޮކްޓަރުންގެ އިހުމާލެއް ނެތް ކަމަށެވެ.
ތ. ކިނބިދޫގައި ދިރިއުޅޭ ދ. ބަނޑިދޫ އަންހެނެއްގެ އަލަތު ދަރިފުޅުގެ ބޯ ބުރިކޮށްލަން ޖެހުނު ހާދިސާގައި ކަންތައް ކޮށްފައި ވަނީ ވަގުތާއި ހާލަތަށް ބަލާއިރު ގޯސްކޮށް ނޫން ކަމަށާއި އެހެން ކަމުން އެއްވެސް ބަދަލެއް ނަގައިދެވެން ނެތް ކަމަށް ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ ބުނެފަ އެވެ.
އަންހެން މީހާ ވިއްސަން ވެއްދުމަށް ފަހު 8:30 އެހާއިރު ކުއްޖާގެ ބޯ އެކަނި ބޭރަށް ނިކުމެ ކޮނޑާ ހިސާބުން ތާށިވުމާ އެކު ވަނީ ޑޮކްޓަރުންގެ އެހީ ހޯދާފައި ކަމަށް މެޑިކަލް ކައުންސިލުން ވަނީ ނިންމާފަ އެވެ. އަދި ކުއްޖާގެ ބޯ ބުރިކޮށްލީ އެ ކުއްޖާގެ ބައްޕަ ގާތު ބުނެފައި ކަމަށާއި ބޯ ބުރިކޮށްލީ ވިހެއުމުގެ ތެރޭގައި ކުއްޖާ މަރުވުމުން އެކަން ކަށަވަރުކުރުމަށް ފަހު ކަމަށްވެސް މެޑިކަލް ކައުންސިލުގެ ނިންމުމުގައި ބުނެފައިވެ އެވެ.