01 Apr 2016, 19:37
މިނިވަން ނޫސްވެރިކަން ކުރުމުގެ މާހައުލެއް ރާއްޖޭގައި މިހާރު ނެތް ކަމަށާއި އެކަމާ ކަންބޮޑުވާކަމަށް އިދިކޮޅު އެމްޑީޕީއިން ބުނެފި އެވެ.
ހަވީރު ނޫސް ހުއްޓާލުމަށް އިއްޔެ ސިވިލް ކޯޓުން އެންގި އެންގުމާއި ގުޅިގެން އެކަން ކުއްވެރިކޮށް އެމްޑީޕީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހަވީރު ނޫހަކީ ހަބަރާއި މައުލޫމާތު ހޯދުމަށް އެތަށް ހާސް ރައްޔިތުންނެއް ބަރޯސާވާ ނޫހެއް ކަމުން ހަވީރު ނޫސް ނެރުން ހުއްޓާލުމުން އެކަމުގެ ގެއްލުން ރައްޔިތުންނަށް އެތަށް ގޮތަކުން ލިބޭނެ ކަމަށެވެ.
ފާއިތުވީ އަހަރުތަކުގެ ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން އެތައް ދަރަޖައަކަށް ދަަށަށް ގޮސްފައިވާކަން ފާހަގަކޮށް އެމްޑީޕީއިން ބުނީ ސާރުކާރުން ބޭނުންވާ ހިނދެއްގައި ވަކި ބަޔަކަށް އިސްކަންދީގެން ސަރުކާރުން އެދޭ ގޮތަށް މީޑިޔާ މެދުވެރިކޮށް ޚަބަރު ގެނައުމަށް މަސައްކަތްކޮށް އެފަދަ ކަންކަން ކުރުމަށް އިންކާރު ކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމާއި، ނޫސްތަކާއި ޓީވީ ސްޓޭޝަންތައް ނައްތާލާނެ ކަމުގެ އިންޒާރު ދިނުމަކީ ރައީސް އަބްދުﷲ ޔާމީން ކުރައްވާ ފިނޑި އަމަލެއް ކަމަށެވެ.
"މީޑިޔާއަކީ ޑިމޮކްރަސީގެ އެންމެ މުހިއްމު އެއް ތަނބު ކަމުގައިވާއިރު މިނިވަން ނޫސްވެރިކަން ކުރުމުގެ މާޙައުލު މިއަދު ދިވެހިރާއްޖޭގައި ނެތްކަމީ ކަންބޮޑުވާ ކަމެކެވެ. އަދި މިކަމުން ދިވެހިރާއްޖެ މިއަދު ވެއްޓިފައިމިވާ އަނދަވަޅުގެ ފުންމިން ހާމަވެއެވެ. ސަރުކާރުގެ ޚުދުމުހުތާރުކަމާ، ސަރުކާރުން ޝާރުޢީ ދާއިރާއަށް ނުފޫޒު ފޯރުވާ މިންވަރުވެސް ހާމަވޭ" އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.
ހަވީރު ނޫސް ނެރުމަކީ ދިވެހިރައްޔިތުންގެ މަސްލަހަތު އެކަމުގައި މިއަދު ހިމެނޭ ކަމެއްކަމުގައިވުމުން ހަވީރު ނޫސް ނެރުމަކީ މިއަދު ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއްކަމަށް އެމްޑީޕީއިން ވަނީ ބުނެފަ އެވެ.
މިނިވަން ނޫސްވެރިކަމަށް ހުރަސް ނާޅުއްވައި ބިރުވެރިކަމެއް ނެތި މަސައްކަތް ކުރެވޭނެ މިނިވަން ނޫސްވެރިކަމުގެ މާހައުލެއް ޤާއިމުކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީނަށް އެމްޑީޕީއިން ވަނީ ގޮވާލާފަ އެވެ.