އެފްއޭއެމްއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ 16 އަހަރުން ދަށުގެ މައިލޯ އިންޓަސްކޫލް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގެ ފުރަތަމަ ޖާގަ ދ. އަތޮޅު ތައުލީމީ މަރުކަޒު ހޯދައިފި އެވެ.

މި މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރާނީ ކޮންމެ ގްރޫޕެއްގެ ވެސް އެއް ވަނައިގައި އޮންނަ ޓީމެވެ. އެގޮތުން ތިން ގްރޫޕްގެ އެއް ވަނައިގައި އޮންނަ ޓީމުތަކުގެ މެދުގައި ލީގު އުސޫލުން ކުޅެ، އެންމެ ކުރީގައި އޮންނަ ދެ ޓީމު ފައިނަލަށް ދަތުރުކުރާނެ އެވެ.

ހެންވޭރު ދަނޑުގައި އިއްޔެ ހަވީރު އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާ ދެކޮޅަށް ކުޅުނު މެޗުން ދ. އަތޮޅު ތައުލީމީ މަރުކަޒު މޮޅުވީ 2-1 ލަނޑުންނެވެ. މި މެޗުން މޮޅުވެ، ދެވަނަ ބުރުން ދ. އަތޮޅު ތައުލީމީ މަރުކަޒު ޖާގަ ހޯދީ ގްރޫޕް އެކެއްގެ އެއްވަނަ ހޯދައިގެންނެވެ.

މިއަދު ހަވީރު އަހްމަދިއްޔާއާ ދެކޮޅަށް ކުޅުނު މެޗުގެ 25 ވަނަ މިނެޓްގައި ދ. އަތޮޅު ތައުލީމީ މަރުކަޒު ވަނީ ލީޑު ހޯދައިފަ އެވެ. މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުންދާ ދ. އަތޮޅު ތައުލީމީ މަރުކަޒަށް މި ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ޝަޒީލް އެވެ. މެޗުގެ ފުރަތަމަ ހާފް ނިމުނީ 1-0 ލަނޑުން ދ. އަތޮޅު ތައުލީމީ މަރުކަޒު ކުރީގައި އޮވެގެންނެވެ.

މި މެޗުގެ 58 ވަނަ މިނެޓްގައި ދ. އަތޮޅު ތައުލީމީ މަރުކަޒުން އިތުރު ލަނޑެއް ކާމިޔާބުކޮށް، ލީޑު ފުޅާކުރި އެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ޒިހާން ހުސައިނެވެ. މެޗުގައި އަހުމަދިއްޔާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ސިމްހާދު އިބްރާހީމެވެ.

ގްރޫޕް އެކެއްގެ ހުރިހާ މެޗެއް ކުޅެ ނިމުނުއިރު، ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއެކު އެއް ވަނައިގައި އޮތީ ދ. އަތޮޅު ތައުލީމީ މަރުކަޒެވެ. ކުޅުނު ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ޖަމާލުއްދީން އޮތީ ގްރޫޕްގެ ދެ ވަނައިގައެވެ. ކުޅުނު ތިން މެޗުން ލިބުނު ތިން ޕޮއިންޓާއެކު ތިން ވަނައިގައި އަހުމަދިއްޔާ ސްކޫލް އޮތްއިރު، ފުލުގައި އޮތް އިމާދުއްދީނަށް ވެސް ތިން މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. އަހުމަދިއްޔާ ކުރީގައި އޮތީ ގޯލްގެ ތަފާތުންނެވެ.

ގްރޫޕް ދޭއް އަދި ގްރޫޕް ތިނެއްގެ ފަހު މެޗުތަކަށްފަހު ދެވަނަ ބުރަށް ދަތުރުކުރާ ޓީމުތައް ކަށަވަރުވާނެ އެވެ. ގްރޫޕް ދޭއްގެ އެއް ވަނައިގައި ކުޅުނު ދެ މެޗުން ލިބުނު ހަ ޕޮއިންޓާއެކު މުހިއްޔުއްދީން ސްކޫލް އޮތްއިރު، ދެ ވަނައިގައި އޮތް ދަރުމަވަންތަ ސްކޫލާއި ތިން ވަނައިގައި އޮތް މަޖީދިއްޔާ ސްކޫލަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ގްރޫޕްގެ ފުލުގައި އޮތް ކަލާފާނު ސްކޫލަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.

ގްރޫޕް ތިނެއްގެ އެއް ވަނައިގައި ތާޖުއްދީން އޮތީ ކުޅުނު ދެ މެޗުން ވެސް މޮޅެވެ، ލިބުނު ހަ ޕޮއިންޓާއެކު އެވެ. ގްރޫޕްގެ ދެ ވަނައިގައި އޮތް ގާޒީ ސްކޫލް އާއި އިސްކަންދަރަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ގްރޫޕްގެ ފުލުގައި އޮތް ރެހެންދި ސްކޫލަށް އަދި އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.