01 Apr 2016, 16:39
އެފްއޭއެމްއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ 16 އަހަރުން ދަށުގެ މައިލޯ އިންޓަސްކޫލް ފުޓްބޯޅަ މުބާރާތުގައި އިމްކާން އިބްރާހިމް ފުރިހަމަކުރި ހެޓްރިކާއެކު އިމާދުއްދީން ސްކޫލް ބަލިކޮށް، ގްރޫޕް އެކެއްގެ ދެ ވަނައަށް ޖަމާލުއްދީން ސްކޫލް ޖެހިލައިފި އެވެ.
ހެންވޭރު ދަނޑުގައި މިއަދު ހެނދުނު ކުޅުނު މެޗުގައި އިމާދުއްދީންގެ މައްޗަށް ޖަމާލުއްދީން ކުރި ހޯދީ 4-0 ލަނޑުންނެވެ. މިއީ މި މުބާރާތުގައި ޖަމާލުއްދީން މޮޅުވި ފުރަތަމަ މެޗެވެ.
މި ނަތީޖާއާއެކު ކުޅުނު ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ޖަމާލުއްދީން އޮތީ ގްރޫޕް އެކެއްގެ ދެ ވަނައިގައެވެ. ގްރޫޕްގެ އެއް ވަނައިގައި ކުޅުނު ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު އޮތީ ދ. އަތޮޅު ތައުލީމީ މަރުކަޒެވެ. ދ. އަތޮޅު ތައުލީމީ މަރުކަޒު ކުރީގައި އޮތީ ގޯލްގެ ތަފާތުންނެވެ. ދެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ތިން ވަނައިގައި އަހުމަދިއްޔާ ސްކޫލް އޮތްއިރު، ތިން މެޗު ކުޅުނު އިމާދުއްދީނަށް ވެސް ލިބިފައިވަނީ ތިން ޕޮއިންޓެވެ. އަހުމަދިއްޔާ ކުރީގައި އޮތީ ގޯލްގެ ތަފާތުންނެވެ.
މިއަދު ހެނދުނު ކުޅުނު މެޗުގެ ކޮންމެ ހާފެއްގައި ޖަމާލުއްދީނުން ދެ ލަނޑު ކާމިޔާބުކުރި އެވެ. މެޗުގެ 19 ވަނަ މިނެޓްގައި ޖަމާލުއްދީނަށް އިމްކާން ލީޑު ހޯދައިދިން އިރު، ދެ ވަނަ ލަނޑު މެޗުގެ 33 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ވެސް އިމްކާން އެވެ.
މި މެޗުގެ 55 ވަނަ މިނެޓްގައި ޖަމާލުއްދީނުން ވަނީ އިތުރަށް ލީޑު ފުޅާކޮށްފަ އެވެ. މި ލަނޑު ޖަމާލުއްދީނަށް ކާމިޔާބުކޮށްދިނީ މުހައްމަދު ސާހިލް އެވެ. ޖަމާލުއްދީންގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށް، އިމްކާން ހެޓްރިކް ފުރިހަމަކުރީ މެޗުގެ 79 ވަނަ މިނެޓްގައެވެ.
މި މުބާރާތުގެ ގްރޫޕް ދޭއްގެ އެއް ވަނައިގައި ކުޅުނު ދެ މެޗުން ލިބުނު ހަ ޕޮއިންޓާއެކު މުހިއްޔުއްދީން ސްކޫލް އޮތްއިރު، ދެ ވަނައިގައި އޮތް ދަރުމަވަންތަ ސްކޫލާއި ތިން ވަނައިގައި އޮތް މަޖީދިއްޔާ ސްކޫލަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ގްރޫޕްގެ ފުލުގައި އޮތް ކަލާފާނު ސްކޫލަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.
ގްރޫޕް ތިނެއްގެ އެއް ވަނައިގައި ތާޖުއްދީން އޮތީ ކުޅުނު ދެ މެޗުން ވެސް މޮޅެވެ، ލިބުނު ހަ ޕޮއިންޓާއެކު އެވެ. ގްރޫޕްގެ ދެ ވަނައިގައި އޮތް ގާޒީ ސްކޫލް އާއި އިސްކަންދަރަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ގްރޫޕްގެ ފުލުގައި އޮތް ރެހެންދި ސްކޫލަށް އަދި އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.