އިނގިރޭސި ކްލަބު ޗެލްސީއާއެކު އިޓަލީގެ ކޯޗު އެންޓޯނިއޯ ކޮންޓޭއަށް ކާމިޔާބު ހޯދިދާނެ ކަމަށް އެކްލަބުގެ ކުރީގެ ތަރި ފްރޭންކް ލަމްޕާޑް ބުނެފި އެވެ.

އިޓަލީ ގައުމީ ޓީމުގެ ކޯޗު ކޮންޓޭ ހޯދުމަށް ޗެލްސީން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މިހާރު ޗެލްސީއަށް އިރުޝާދުދެމުންދަނީ ވަގުތީ ކޯޗު ގޫސް ހިޑިންކް އެވެ. މި އަހަރުގެ ޖޫން މަހު ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު، އިޓަލީ ގައުމީ ޓީމު ދޫކޮށްލުމަށް ވެސް ކޮންޓޭ ވަނީ ނިންމައިފަ އެވެ.

މިހާރު ލަމްޕާޑް ކުޅެމުންދަނީ ކޮންޓޭގެ އިރުޝާދުގެ ދަށުން ކުރިން ޔުވެންޓަސްއަށް ކުޅުނު އަންދްރޭ ޕިރްލޯއާއެކު އެމެރިކާގެ ނިއު ޔޯކް ސިޓީއަށެވެ.

"އަހަރެންނަކަށް މާ ރަނގަޅަކަށް ކޮންޓޭއެއް ނޭނގޭ. އެކަމަކު އޭނާއަކީ ޔުވެންޓަސްއާއެކު ގިނަ ކާމިޔާބީތަކެއް ހޯދި ކޯޗެއް. އަހަރެން ޕިރްލޯއާ ވާހަކަދެއްކިން ކޮންޓޭއާ ބެހޭގޮތުން. ކޮންޓޭއަށް ޕިރްލޯ ވަރަށް ތައުރީފްކުރި. އަހަރެން ދެކޭގޮތުގައި ކޮންޓޭއަކީ ބުރަ މަސައްކަތެއް ކުރާ އަދި ކުޅުންތެރިން ލައްވާ މަސައްކަތް ކުރުވާ ކޯޗެއް،" އުމުރުން 46 އަހަރުގެ އިނގިރޭސި މިޑްފީލްޑަރު ބުންޏެވެ.

ލަމްޕާޑް ބުނީ، މި އަހަރު ދިޔަގޮތަށް ބަލާފައި ޗެލްސީގެ ކޯޗުކަމުގެ ވަޒީފާއަކީ އުނދަގޫ ވަޒީފާއެއް ކަމަށާއި އެކަމަކު އެކްލަބާ ކޮންޓޭ ހަވާލުވާނަމަ ކާމިޔާބީ ހޯދިދާނެ ކަމަށެވެ.

އިޓަލީ ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމާ 2014 ވަނަ އަހަރު ހަވާލުވުމުގެ ކުރިން ކޮންޓޭ ވަނީ ޔުވެންޓަސްއަށް ވިދިވިދިގެން ތިން ފަހަރު އިޓާލިއަން ސެރީއާ ކާމިޔާބުކޮށްދީފަ އެވެ.

މި ސީޒަނުގައި އިނގިރޭސި ޗެމްޕިއަން ޗެލްސީގެ ފަރާތުން އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެކްލަބުގެ ކޯޗުކަމުން ހޯސޭ މޮރީނިއޯ ދުރުކުރިއިރު، ވަގުތީ ކޯޗު ހިޑިންކް އަށް ވެސް އެންމެ ރަނގަޅު ހިސާބަށް ޗެލްސީ ގެންގޮސްދެވިފައެއް ނުވެއެވެ. ޕްރިމިއާ ލީގުގައި ބާކީ އަށް މެޗު ޗެލްސީއަށް އޮތްއިރު، އެކްލަބު އޮތީ ލީގުގެ ދިހަ ވަނައިގައެވެ.