01 Apr 2016, 16:43
އިނގިރޭސި ކްލަބު އެވަޓަންގެ ބެލްޖިއަމް ފޯވަޑް ރޮމެލޫ ލުކާކޫ އެކްލަބު ދޫކޮށް އިޓަލީ ޗެމްޕިއަން ޔުވެންޓަސްއާ ގުޅިދާނެ ކަމަށް އޭނާގެ އެޖެންޓް މިނޯ ރައިއޯލާ ބުނެފި އެވެ.
މި ސީޒަނުގެ ޕްރިމިއާ ލީގުގައި މިހާތަނަށް ބެލްޖިއަމް ފޯވަޑް ލުކާކޫ ވަނީ 29 މެޗުން 18 ލަނޑު ކާމިޔާބުކޮށް، އެވަޓަންއަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ގިނަ ކްލަބުތަކަކުން ލުކާކޫ ހޯދުމަށް މަސައްކަތް ކުރަމުންދާއިރު، ޔުވެންޓަސްގެ އިތުރުން ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަދި ސްޕެއިންގެ ރެއާލް މެޑްރިޑާ ގުޅުން ގާތް ކަމަށް ވެސް އޭނާގެ އެޖެންޓް ބުނެއެވެ.
"ލުކާކޫއަށް ޔުވެންޓަސްއަކީ ރަނގަޅު ކްލަބަކަށް ވާނެ. ޕީއެސްޖީ އަދި ރެއާލް މެޑްރިޑަށް ވެސް ބަލާލަން އެބަ ޖެހޭ،" ގެޒެޓާ ޑެލޯ ސްޕޯޓްއަށް ދިން އިންޓަވިއުއެއްގައި ލުކާކޫގެ އެޖެންޓް ބުންޏެވެ.
ޕީއެސްޖީން އާޖެންޓީނާ ފޯވަޑް ގޮންޒާލޯ ހިގުއޭން ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނަމުންދިޔަ ނަމަވެސް، ޕީއެސްޖީން ބޮޑު ހަރަދެއް ކުރުމަށް ތައްޔާރު ނޫން ކަމަށް ރައިއޯލާ ބުނެއެވެ.
"ޕެރިސްގެ މާހައުލު މުޅިން ބަދަލުވެއްޖެ. އަހަރެންނަކަށް ނޭނގޭ އެކްލަބުން 90 މިލިއަން ޕައުންޑް ހަރަދުކުރާނެ ކަމެއް. މިހާރު ތެލުގެ އަގު ވަނީ ދަށަށް ގޮސްފައި. އެހެންކަމުން އެ ކްލަބުން ޒްލަޓަން އިބްރަހިމޮވިޗް އެކްލަބުގައި ބަހައްޓަފާނެ،" އޭނާ ބުންޏެވެ.
ރައިއޯލާ ބުނީ، ޕީއެސްޖީން އުރުގުއޭ ފޯވަޑް އެޑިންސަން ކަވާނީ ބަހައްޓަން ވިސްނާނަމަ ޔުވެންޓަސްގެ ކިންސްގްލޭ ކޯމަން މަތިން ޕީއެސްޖީގެ ޗެއާމަން ނާސިރް އަލް ޚަލައިފީ ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ.