އިންޑިއާހެ މިހާރުގެ ރައީސް މުރަނާބް މުކަރުޖީގެ ރައީސް ކަމުގެ ދައުރު ހަމަވާން އަހަރަކށް ވެފައިވާއިރު ދެން އިންޑިއާގެ ރައީސްކަމަށް އަންނާނީ ކާކުތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. އެ ސުވާލުތަކަށް ޔަގީން ނުވިނަމަވެސް ކޮންމެވެސް ވަރެއްގެ ޖަވާބަކަށް ބޮލީވުޑްގެ މަޝްހޫރުތަރި އަމީތާބު ބައްޗަންގެ ނަން ފުދޭ ހެއްޔެވެ.

މިދުވަސްވަރު އިންޑިއާގައި އެންމެ ބާރަށް ދެކެވެމުންދާ އެއްވާހަކަ އަކީ އިންޑިއާގެ ދެން ރައީސަކަށް ވަނީ އަމީތާބު ބައްޗަންއަސް ވެދާނެ ކަމަށެވެ. އެހެންވެސް ވެދާނެ އެވެ. އަމިތާބަކީ ބޮލީވުޑްގައި ގިނަ ދުވަސްވީ އާންމުންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ އިންޑިއާ ރައްޔިތުން ލޯބިވާ މީހެކެވެ.

މިވާހަކަތައް ބޮޑަށް ދެކެވެން ފަށާފައި މިވަނީ އިންޑިއާގެ ޒީ ނިއުސް ޓީވީއިން ގެނެސްދިން ހަބަރަކާއި ގުޅިގެންނެވެ. އެއީ އިންޑިއާގެ ދެން އަންނަ ރައީސަކަށްވުމަށް އަމީތާބަށް އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުށަހަޅާފައިވާ ކަމަށް ބުނެ ގެނެސްދިން ހަބަރެކެވެ. އިންޑިއާގެ ސަމަޖްވަދީ ޕާޓީގެ ކުރީގެ ލީޑަރު އަމަރު ސިންގްވެސް ވިދާޅުވެފައިވަނީ އެކަހަލަ ވާހަކަތަކެއް އެނގިފައިވާ ކަމަށެވެ. ސިންގް އަކީ އާމިާތބުގެ އާއިލާއާ ގާތް ގުޅުމެއް އޮންނަ ބޭފުޅެއް ކަމުން އެއީ ތެދަކަށްވުން ވަރަށް ގާތެވެ.

މީގެ އެތަކެއް އަހަރުތަކެއް ކުރިން އިންޑިއާގެ ސިޔާސީ ދާއިރާގެވެސް ހަރަކާތްތެރިވެފައިވާ އަމީތާބު ބައްޗަން އަކީ ރައީސް ކަމަށް ހަމަ އެންމެ ގާބިލް ބޭފުޅާކަމަށް ސިންގް ދެކެވަޑައިގަންނަވަ އެވެ.

ނަމަވެސް އަދި އެވާހަކަތަކަކީ މާބޮޑު ހަގީގަތެއްކަން ޔަގީންނުވަނީ އަމީތާބުގެ ފަރާތުންވެސް އަދި ބޮޑުވަޒީރު މޯދީގެ ފަރާތުންވެސް އެކަހަލަ އެއްވެސް ވާހަކައެއް އިވިފައިނުވާތީ އެވެ. ނަމަވެސް އަމީތާބު ރައީސްއަކަށް ވުމަކީ އަމީތަބުގެ ފޭނުންނަށް އުފާވެރި ހަބަރަކަށް ވެގެންދާނެ އެވެ.