ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން(އެސްޓީއޯ) ގެ ބޯޑުން ދެ ބޭފުޅަކު ވަކިކުރަށްވައި އިތުރު ދެ ބޭފުޅަކު އައްޔަން ކުރަށްވައިފިއެވެ.

އެސްޓީއޯއިން ބުނީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް މިދިޔަ ހޯމަ ދުވަހު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ބަދަލުގެނެސްފައިވާ ކަމަށެވެ. އެގޮތުން އެކުންފުނީގެ ޑިރެކްޓަރު ކަމުގެ މަޤާމުން އަބްދުލް ހާދީ ހުސެއިންފުޅާއި ހ. އާހަމަ، އިބްރާހިމް ޒިޔަތު ވަކިކުރައްވާފައިވާ ކަމަށެވެ.

މިދިޔަ ހޯމަ ދުވަހުން ފެށިގެން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ގދ.ތިނަދޫ މުޝްތަރީގޭ އައިޝަތު ރަޔާހީން ޝަރީފް އާއި އެކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސާގެ މަޤާމު ފުރަމުންގެންދަވާ ހއ. ކެލާ، ފޮނޮޅު މުހައްމަދު މިހާދު އައްޔަންކުރައްވާފައިވާ ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ.

އެ ކުންފުނީގެ ހިއްސާ ބެހިފައިވާގޮތުގެ މަތިންނާއި، އަދި އެސްޓީއޯގެ ހިންގާ ގަވާއިދުގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިން، ޑިރެކްޓަރުންގެ ބޯޑަށް ޕަބްލިކް ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރެވޭނީ އެއް ޑިރެކްޓަރެވެ. އަދި ސަރުކާރު ނުވަތަ މައި ހިއްސާދާރުގެ ފަރާތުން އައްޔަނު ކުރެވޭނީ ހަ ޑިރެކްޓަރުންނެވެ. މިގޮތަށް ޢައްޔަންކުރެވޭ ހުރިހާ ޑިރެކްޓަރުންނަކީ ވެސް، ވިޔަފާރި އާއި ހިންގުމުގެ ދާއިރާ އިން އެކަށީގެންވާ ތަޢުލީމާއި ތަޖުރިބާ ލިބިގެންވާ ފަރާތްތަކަކަށް ހެދުމަށް އެސްޓީއޯ އިން ބާރުއަޅަމެވެ.