ދުނިޔޭގެ ބިމުން މިހާރު ފެންނަންއޮތް ކަނޑުތަކާއި މާކަނޑު (އޯޝަން) ތަކަށްވުރެ ފުން ކަނޑުތަކަކާއި އޯޝަންތަކެއް ބިމުގެ ތޮށިގަނޑު (ކްރަސްޓް) ގެ އަޑީގައި ވާކަން ސައެންސްވެރިން ހާމަކޮށްފިއެވެ.

އެތަށް އަހަރެއްގެ ދިރާސާތަކަށްފަހު ރަޝިޔާއާއި ޖަރުމަނާ އަދި ފަރަންސޭސިވިލާތުގެ ސައެންޓިސްޓުން ބުނީ ބިމުގެ އަޑިން ގާތްގަނޑަކަށް ހަތަރު ސަތޭކަ ދިހަ ކިލޯމީޓަރާއި ހަސަތޭކަ ފަސްދޮޅަސް ކިލޯމީޓަރާ ދެމެދުގެ ފުނުގައި ފުންކަނޑުތަކެއްވާކަން ކަށަވަރުވެފައިވާކަމުގައެވެ.

މިއީ ވަރަށް ކުރީޒަމާނެއްގައި އުފެދިފައިވާ ވަރަށްފުން ކަނޑުތަކެއްކަމަށްވެސް ސައެންސްވެރިން ލަފާކުރައްވައެވެ. މިކަނޑުތައް ހުރިކަން ސައެންސްވެރިންނަށް ކަށަވަރު ކުރެވިފައިވަނީ އަލިފާން ފަރުބަދަތަކުން އަންނަ ލާވާގައި ހުންނަ މާއްދާތަކާއި މިނަރެލްސްތަކާ އަދި ކެމިކަލް ކޮންޕައުންޑްތައް ލެބޯޓްރީގައި ތަހްލީލްކޮށް ބަލައިގެންނެވެ.

އަލިފާން ފަރުބަދަތަކުން އަންނަ ލާވާ ނުވަތަ ދިޔާ އަނގުރަކީ ބިމުގެ ވަރަށް އަޑިން އަންނަ އެއްޗެކެވެ. އެ ތަހްލީލް ކުރުމުން ބިމުގެ އަޑީގެ ވަރަށްގިނަ ހަގީގަތްތައް އެނގިގެންދާކަމަށް ސައެންސްވެރިން ބުނެއެވެ. ބިމުގެ ތޮށިގަނޑު ނުވަތަ ކްރަސްޓްގެ އަޑިން ގާތްގަނޑަކަށް ހަތަރު ސަތޭކަ ދިހަ ކިލޯމީޓަރާއ ހަސަތޭކަ ފަސްދޮޅަސް ކިލޯމީޓަރާ ދެމެދުގައިވާ ކަމަށް ސައެންސްވެރިންބުނާ ކަނޑުތަކުގެ ފުންމިން މިހާރު ދުނިޔޭގެ ތޮށިގަނޑުގެ ބޭރުންމިފެންނަ މާކަނޑުތަކަށްވުރެ މާބޮޑަށް ފުންވާނެކަމަށްވެސް ސައެންސްވެރިން ލަފާކުރެއެވެ.

ދުނިޔޭގެ މާކަނޑުތަކުގައި އާންމުކޮށް ފުންމިން އުޅެނީ ނުވަ ކިލޯމީޓަރާއި 12 ކިލޯމީޓަރާ ދެމެދުގެ މިންވަރެއްގައެވެ. ނަމަވެސް ބިމުގެ ކްރަސްޓްގެ އަޑީގައިވާ ކަނޑުތަކާއި އޯޝަންތަކުގެ ފުންމިންވިހި ކޮލޯމީޓަރާއި 25 ކިލޯމީޓަރާއި ދެމެދުގެ މިންވަރެއްގައި ހުންނާނެކަމަށް ސައެންސްވެރިން ދެކެއެވެ. (އާރު.ޓީ)