01 Apr 2016, 14:23
ކެންޔާގެ މަޖިލީހަށް އެގައުމުގެ ރައީސް އުހޫރޫ ކެންޔައްޓާ ރިޔާސީ ބަޔާން އިއްވަމުންދަނިކޮށް، އިދިކޮޅު މެމްބަރުންތަކެއް ކަށިގަނޑުފުމެ އަޑުގަދަކޮށް ރިޔާސީ ބަޔާން އިއްވުން ހުއްޓުވައިފި އެވެ.
ރިޔާސީ ބަޔާން އިއްވުމުގެ ރަސްމިއްޔާތުގެ ކުރިން ކެންޔާގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު މެމްބަރުން ވަނީ އެ ގައުމުގެ ބޮޑެތި ކަރަޕްޝަންގެ މައްސަލަތަކަށް ސަރުކާރުގެ ފިޔަވަޅު އަޅާފައިނުވަތީ އެކަމާ ދެކޮޅަށް މަޖިލީހުގައި އަޑުއުފުލައި ރިޔާސީ ބަޔާން އިއްވުމަށް ފުރުސަތު ނުދޭނެ ކަމަށް ބުނެފަ އެވެ.
އެގޮތުން، ރައީސް ކެންޔައްޓާ ރިޔާސީ ބަޔާން އިއްވަން ފެއްޓެވިތާ މަދު ސިކުންތުކޮޅެއްގެ ތެރޭގައި އިދިކޮޅު މެމްބަރުން ވަނީ ކަށިގަނޑު ބޭނުންކޮށްގެން އަޑުގަދަކުރަން ފަށާފަ އެވެ. ނަމަވެސް މަޖިލީހުގެ ރިޔާސަތުން މަޖިލީހުގެ ހަތް މެމްބަރަކު މަޖިލީހުގެ ތަޅުމުން ނެރުމުން ގާތްގަނޑަކަށް ބައި ގަޑިއިރުގެ މެދުކެނޑުމަކަށް ފަހު އަލުން ރިޔާސީ ބަޔާން ވަނީ އިއްވާފަ އެވެ.
ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، އަޑުގަދަ ކުރުމުގެ ސަބަބުން 10 މެމްބަރަކު ވަނީ މަޖިލީހުން ނެރެފަ އެވެ.
އެކަމާ ގުޅިގެން ކެންޔާ މަޖިލީހުގެ ރައީސް ޖަސްޓިން މުޓޫރީ ވަނީ އަޑުގަދަކޮށް ރައީސް ރިޔާސީ ބަޔާނަށް ހުރަސް ނޭޅުމަށް އެންގެމުން ވެސް އެކަމަށް މެމްބަރުން ކަމޭނުހިތުމުން އެކަން ކުށްވެރިކުރައްވާފަ އެވެ. އަދި މަސްލަހަތުނަގާލަން އުޅޭ މީހުން މަޖިލީހުން ނެރޭނެ ކަމަށް ވިދާޅުވެފައިވެ އެވެ.
ކަރަޕްޝަނަކީ ކެންޔާގެ މިހާރުގެ ސަރުކާރަށް ދިމާވެފައިވާ އިޖްތިމާއީ އިގްތިސާދީ އެންމެ ބޮޑު ބޮލުގަ ރިހުމެވެ. އަދި އިސްރާއީލަށް ކެންޔާގެ ރައީސް ކުރެއްވި ދަތުރުފުޅެއްގައި އެމަނިކުފާނު ވަނީ، "ކެންޔާގެ ރައްޔިތުންނަކީ ވައްކަން ކުރުމަށް ތަޖުރިބާކާރު" ބައެއް ކަމަށް ވިދާޅުވެފަ އެވެ.
ރިޔާސީ ބަޔާން އިއްވުމަށް ފުރުސަތު އަލުން ލިބިވަޑައިގަތުމުން ރައީސް ކެންޔައްޓާ ވަނީ، އެމަނިކުފާނުގެ ސަރުކާރުން ކަރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރަމުންދާ ކަމަށާއި އެކަމާދެކޮޅަށް މުހިއްމު ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާ ކަމަށް ވިދާޅުވެފަ އެވެ.
"ކަރަޕްޝަނާ ގުޅިގެން ކެބިނެޓުގެ ބައެއް މެމްބަރުން ވަކިކުރުމަށް ނިންމުމަކީ ވަރަށް އުދަނގޫ ނަމަވެސް އަޅަންޖެހުނު ފިޔަވަޅެއް،" ކެންޔާގެ ރައީސް ކެންޔައްޓާ ވިދާޅުވެފައިވެ އެވެ.
މީގެ އިތުރުން، ކެންޔާގެ އިގްތިސާދު މިއަހަރުގެ ތެރޭގައި ހަ ޕަސެންޓް އިތުރުވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށާއި ކެންޔާގެ އެކި ހިސާބުތަކުގައި ނުރައްކާތެރި ހަމަލާތަކެއް ދީފައިވާ ސޯމާލިއާގެ ހަނގުރާމަވެރި ޖަމާއަތް، އަލް ޝަބާބުގެ އިންޒާރުތަކާ ގުޅިގެން އެގައުމުގެ ސަލާމަތީ ކަންތައްތައް ހަރުދަނާކުރުމަށް ނިންމާފައިވާ ކަމަށް ވެސް ކެންޔާގެ ރައީސްގެ ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާފައިވެ އެވެ.
ކެންޔާގެ އެންޓި ކަރަޕްޝަން ކޮމިޝަނުން ވަރަށް ފަހުން ހެދި ދިރާސާއަކުން ދައްކާގޮތުން، އެގައުމުގައި ކަރަޕްޝަންގެ މައްސަލަތައް ވަރަށް އިތުރުކުރުމަށް އާބާދީގެ 75 ޕަސެންޓް މީހުން ގަބޫލުކުރެ އެވެ.
މައުލޫމާތު: ބީބީސީ، ރޮއިޓާސް