01 May 2011, 15:22
އެމްޑީޕީގެ ރައީސާއި ނައިބު ނައީސްގެ މަގާމު ފިޔަވައި ދެން ހުރި މަގާމުތަކުގެ ނަތީޖާ މިއަދު އިއުލާނު ކުރެވޭނެ ކަމަށް ނުފެންނަ ކަމަށް އެ ޕާޓީން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ކޯޑިނޭޓަރު މުހައްމަދު ގަސަމް މިއަދު ވިދާޅުވީ މުޅި ރާއްޖޭގައި 218 ވޯޓު ފޮށި ބަހައްޓާފައިވާ އިރު ހުރިހާ ފޮއްޓެއް ވެސް ގުނައި ނިންމައި ފޮށި ކައިރީގައި ނަތީޖާ އިއުލާންކޮށްފައިވާ ކަމަށެވެ. އެކަމަކު ގިނަ ރަށްރަށުން ނަތީޖާ ޝީޓް މާލެއަށް ނުލިބޭތީ އެ މަގާމްތަކުގެ ނަތީޖާ އިއުލާން ނުކުރެވެނީ ކަމަށް ގަސަމް ވިދާޅުވި އެވެ.
"ހުރިހާ ވޯޓު ފޮއްޓެއް ކައިރީގައި ވެސް ނަތީޖާ އިއުލާންކޮށްފައި ވާނީ. އެކަމަކު އެ ޝީޓްތައް އަޅުގަނޑުމެންނާ ހަމައަށް އަދި ނައިސްގެން މިއުޅެނީ. ލިބުނުހާ އަވަހަކަށް އިއުލާން ކުރާނަން،" ގަސަމް ވިދާޅުވި އެވެ.
އެކަމަކު ގަސަމް ވިދާޅުވީ މިހާރު ބަލަމުންދަނީ ރައީސާއި ނައިބު ރައީސްގެ މަގާމަށް ހޮވިވަޑައިގެންނެވި ބޭފުޅުންގެ ނަތީޖާ އިއުލާން ކުރުމަށް ކަމަށެވެ. އެހެންކަމުން މިއަދު އެހެނިހެން މަގާމުތަކުގެ ނަތީޖާ އިއުލާން ކުރެވޭނެ ކަމަށް ނުފެންނަ ކަމަށް ގަސަމް ވިދާޅުވި އެވެ.
"މިއަދު އަޅުގަނޑުމެން ބޮޑަށް މި ބަލަމުންދަނީ ރައީސާއި ނައިބު ރައީސްގެ މަގާމްގެ ނަތީޖާ އިއުލާން ކުރެވޭތޯ. އެހެންވެ އެހެން މަގާމްތަކުގެ ނަތީޖާ މިއަދު އިއުލާން ކުރެވޭނެ ކަމަކަށް ނުފެނޭ. އެކަމަކު ނަތީޖާ ލިބުނުހާ އަވަހަކަށް އިއުލާން ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީ އިންތިހާބުގެ ބެހެއްޓި 121 ވޯޓު ފޮށި ގުނައި ނަތީޖާ އިއުލާންކޮށްފައިވާ އިރު އެމްޑީޕީ ރައީސްގެ ރޭހުގައި 352 ވޯޓާ އެކު ކުރީގައި އުޅެނީ ޑރ. އިބްރާހިމް ދީދީ (ޑރ. ޑީޑީ) އެވެ. ޑރ. ޑީޑީއަށް 6906 ވޯޓު ލިބިފައިވާ އިރު އޭނާއާ ވާދަ ކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއީ އިބްރާހިމް ހުސެއިން ޒަކީއަށް ލިބިވަޑައިގެންފައި ވަނީ 6554 ވޯޓެވެ.
އެމްޑީޕީގެ ނައިބް ރައީސް ކަމަށް ވާދަ ކުރައްވާ ބޭފުޅުންގެ ތެރެއިން 2281 ވޯޓާ އެކު ކުރީގައި އުޅުއްވަނީ އިދިކޮޅު ޑީއާރްޕީން ވަކިވެވަޑައިގެން ވެރިކަން ކުރާ ޕާޓީއާ ގުޅިވަޑައިގެންފައިވާ އަލްހާން ފަހުމީ އެވެ. އޭނާ އަށް 7709 ވޯޓު ލިބިފައިވާ އިރު އަލްހާނާ ވާދަ ކުރައްވާ ހައުސިން މިނިސްޓަރު އަދި އެމްޑީޕީގައި ފެށުނީއްސުރެ ހަރަކާތްތެރިވެވަޑައިގަންނަވާ މުހައްމަދު އަސްލަމަށް ލިބިވަޑައިގެންފައި ވަނީ 5421 ވޯޓެވެ.