01 Apr 2016, 14:31
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު، އައިޝަތު އާޒިމާ ޝަކޫރު ޕާކިސްތާނަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގައި ޕާކިސްތާނުގެ އެޑްވައިޒަރ ޓު ދަ ޕްރައިމް މިނިސްޓަރ އޮން ނޭޝަނަލް ސެކިއުރިޓީ އެންޑް ފޮރިން ޕޮލިސީ، ސަރްތާޖް އަޒީޒްއާ ބައްދަލު ކުރައްވައިފި އެވެ.
ޕާކިސްތާނުގެ ނޫހެއްގައި ބުނެފައިވާގޮތުން އާޒިމާ އެގައުމުގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވާ ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރުމާއި ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފަ އެވެ. އަދި ޕާކިސްތާނުގެ ތާލިބާނުންގެ ޖަމާއަތުން އުފެދުނު ވަކި ޖަމާއަތެއް ކަމަށްވާ، ޖަމާއަތުލް އަހްރާރުން އެގައުމުގެ ލާހޯރަށް ދިން ހަމަލާ ކުއްވެރި ކުރައްވާ އެ ހަމަލާގައި ދުނިޔެ ދޫކުރި އާއިލާތަކަށް ވަނީ ހަމްދަރުދީ ފޮނުއްވާފަ އެވެ.
އަދި ދުނިޔެއަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ނުރައްކަލާ ދެކޮޅަށް ކުރެވެމުންދާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމުގެ ޔަގީންކަން މިނިސްޓަރ އާޒިމާ ވަނީ ދެއްވާފައެވެ.
ރާއްޖެއާއެކު ޕާކިސްތާނުން ބާއްވާ ގާތް ގުޅުމަށް އަލިއަޅުއްވާލައްވާ އާޒިމާ ވިދާޅުވެފައި ވަނީ ބައިނަލްއަގުވާމީ ދުނިޔޭގައި ގާތް ދެގައއުމުގެ ގޮތުންގެ ޕާކިސްތާނު އަދި ރާއްޖެ އަބަދުވެސް އޮންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ޕާކިސްތާނުގެ ފޮރިން މިނިސްޓަރުގެ އިތުރުން އެގައުމުގެ ސަރުކާރުގެ އިސްފަރާތްތަކާ އާޒިމާ ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުންވަނީ ބުނެފަ އެވެ. އަދި ބުނީ އެދަތުރުފުޅަކީ ސިޔާސީ ގުޅުން މިހާރަށްވުރެ ބަދަހިކުރުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.